ENGLISH

27 މޭ 2026

Advertisement

ހުތޫރަތްތެރި މައުދަނާ ގުޅޭ ގޮތުން އިންޑިޔާއާއި އެމެރިކާއިން ހެދި އެއްބަސްވުމަށް ނަޒަރެއް

27 މޭ 2026

|

ޝިފްޒާން އަޙްމަދު

ހުތޫރަތްތެރި މައުދަނުގެ ބާވަތްތައް ހޯދުމާއި، އެތަކެތި ޕްރޮސެސްކުރުމާ ގުޅޭ މުހިއްމު އޮނިގަނޑެއް އެކުލަވައިލުމުގެ އެއްބަސްވުމެއްގައި އެމެރިކާއާއި އިންޑިޔާއިން ސޮއިކޮށްފަައިވާކަމަށް އިންޑިޔާގެ ހާރިޖީ ވުޒާރާއާއި އެ ގައުމުގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނެފިއެވެ. މި އެއްބަސްވުމުގައި އިންޑިޔާގެ ފަރާތުން އެ ގައުމުގެ ހާރިޖީވަޒީރު ސުބްރަމަންޔަމް ޖައިޝަންކަަރު ސޮއިކުރެއްވިއިރު އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއެވެ. 

ހުތޫރަތްތެރި މައުދަނަކީ ކޮބައިކަމާއި އޭގެ މުހިއްމުކަން

ހުތޫރަތްތެރި މައުދަނަކީ ތެލުގެ ބާވަތްތައް ފިޔަވައި ބެޓަރިއާއި ގަނޑިއާއި ވަޔަރާއި މިލިޓަރީ ހާޑްވެއާގެ އިތުރަށް ސެމިކޮންޑަކްޓަރާއި އެހެނިހެން ޓެކްނޮލޮޖީގެ އުފެއްދުންތައް އީޖާދުކުރުމުގައި ބޭނުންކުރާ މައުދަނުގެ ބާވަތްްތަކެވެ. އެމެރިކާއިން ސިފަކުރާ ގޮތުގައި އެއީ އެ ގައުމުގެ އިގުތިސާދީ އަދި ގައުމީ ސަލާމަތަށް ކޮންމެހެން ބޭނުންވާ މައުދަނުގެ ބާވަތްތަކެވެ. 

މި ބާވަތްތަކުގެ ތެރޭގައި އެންމެ ގިނަ ބަޔަކަށް އެނގޭނެ މައުދަނުތަކަކީ ޒިންކާއި، ކޮބަލްޓްއާއި އެލުމިނިއަމާއި ޒިންކު ފަދަ މައުދަނުތަކެވެ. ހައްސާސް މައުދަނުގެ ގޮތުގައި ގިންތިކޮށްފަައިވާ 12 ބާވަތެއްގެ މައުދަނަކީ އެމެރިކާއިން މުޅިންހެން އެތެރެކުރާ ބާވަތްތަކެވެ. ހައްސާސް މައުދަނުގެ އިތުރު 29 ބާވަތެއް އެމެރިކާއަށް ބޭނުންޖެހިފައިވާ މިންވަރުގެ ދެބައިކުޅަ އެއްބައި އެތެރެކުރަނީ އެހެން ގައުމުތަކުންނެވެ. 

ހައްސާސް މައުދަނުގެ ތެރޭގައި ބިމުން ނަގާ ނާދިރު 17 މާއްދާއެއް (ރެއަރ އާތް އެލެމެންޓްސް) އަދި މައުދަނީ 14 މާއްދާއެއް (މެޓަލިކް އެލަމެންޓްސް) ހިމެނެއެވެ. އެއިން 12 ބާވަތެއް ޗައިނާގައި ލިބެން ހުރެއެވެ. ބިމުން ނަގާ ނާދިރު މާއްދާތަކަކީ ހާއްސަ ޖާޒުބީ ސިފަތަކެއް ލިބިފައިވާ، ދާއިމީ ޖާޒުބީ ބާރު އެކުލެވޭ މައުދަނުތައް އުފެއްދުމަށް ކޮންމެހެން ބޭނުން ބާވަތްތަކެކެވެ. މިފަދަ ދަގައްފާނަކީ ސިނާއީ މަސައްކަތްތަކާއި އިލެކްޓްރިކް އުޅަނދުފަހަރުގެ މޯޓަރުތަކާއި، އިއާދަކުރަނަވި ހަކަތައިން ކަރަންޓު އުފައްދާ ޖަނަރޭޓަރުތަކާއި، ގިނަ އަދަދެއްގެ ސިއްހީ އާލާތްތައް އުފެއްދުމަށް ބޭނުންކުރާ ދަގައްފާނެވެ. އަދި ސެމި-ކޮންޑަކްޓަރުތަކާއި އާޓިފިޝަލް އިންޓެލިޖެންސް ކުރިއެރުވުމަށް ބޭނުންވާ މުހިއްމު ޓެކްނޮލޮޖީތައް އުފެއްދުމުގައި ބިމުން ނަގާ ނާދިރު މާއްދާތައް ބޭނުންކުރަންޖެހެއެވެ. 

ބިމުން ނަގާ ނާދިރު މާއްދާތައް ޕްރޮސެސްކުރުމަކީ އަގުބޮޑު މަސައްކަތެކެވެ. އަދި އެތަކެތި ބިމުން ނެގުމުގެ މަރުހަލާގައި އެއިން ވިހަ ކުނި އުފެދޭ ކެމިކަލްތައް ބޭނުންކުރަންޖެހެއެވެ. މިފަދަ މާއްދާތައް ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ނެރޭ ގައުމަކީ ޗައިނާއެވެ. މިފަދަ މައުދަނުގެ 60 އިންސައްތަ މައުދަނު ހުރީ ޗައިނާގައެވެ. އަދި ދުނިޔެއަށް ބޭނުންވާ އެފަދަ މައުދަނުގެ 90 އިންސައްތަ މައުދަނު ޕްރޮސެސްކޮށް ބާޒާރަށް ނެރެނީ ޗައނާއިންނެވެ. 

މި ސަބަބަށްޓަކައި މިފަދަ މައުދަނުތައް ހޯދުމުގައި އެމެރިކާއާއި އެހެނިހެން ގައުމުތައްވެސް ޗައިނާގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވެއެވެ. މި ނާޒުކުކަމުން އަރައިގަތުމަށް މިފަދަ މައުދަނުތައް ހޯދާ މަސްދަރުތައް ސިންދަފާތުކުރުމުގެ މަސައްކަތް އެމެރިކާއިން އަންނަނީ ކުރަމުންނެވެ. 

އެމެރިކާ-އިންޑިޔާ ހުތޫރަތްތެރި މައުދަނާ ގުޅޭ އޮނިގަނޑަކީ ކޮބާ؟ 

އިންޑިޔާގެ ހާރިޖިއްޔާއިން ބުނި ގޮތުގައި ދެ ގައުމުގެ މެދުގައި ވެވުނު އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ހުތޫރަތްތެރި މައުދަނު ބިމުން ނެގުމާއި، އެ މައުދަނުތައް ޕްރޮސެސްކުރުމާއި، ރީސައިކްލްކުރުން ހިމެނޭހެން ސަޕްލައި ޗެއިންގެ އެކި މަރުހަލާތަކުގައި ދެ ގައުމުގެ ގުޅުން ބަދަހިކޮށް، އެ ދާއިރާއިން އިންވެސްޓުކުރުން އިތުރުކުރުމެވެ،. 

އެމެރިކާގެ އެމްބަސީން ބުނެފައިވަނީ ދެ ގައުމުގެ މެދުގައި ގާއިމުކުރެވުނު އޮނިގަނޑުގެ ތެރެއިން ހައްސާސް ސަޕްލައި ޗެއިންތައް ނަހަމަ ގޮތުގައި ބޭނުންކުރާކުރުމުން ރައްކާތެރިކޮށްދިނުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ. އަދި އެއް މަސްދަރަކުން މި މައުދަނުތައް ހޯދަންޖެހުމުގެ ސަބަބުން ކުރިމަތިވެފައިވާ ހިރާސްތަކުން އަރައިގަތުމަށް މަސައްކަތްކުރާނެ ކަމަށެވެ. 

މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ޒިންމާތަކާއި އަދާކުރަންޖެހޭނެ ދައުރާއި ދެ ގައުމަށް ލިބޭ މަންފާތަކާ ގުޅޭ ތަފުސީލުތަކެއް އެއްވެސް ގައުމަކުން އާއްމުނުކުރެއެވެ. 

ހައްސާސް މައުދަނުގެ ތެރެއިން އިންޑިޔާގައި ހުރީ ކޯއްޗެއް؟ 

އިންޑިޔާއިންވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހުގައި ހައްސާސް ތިރީސް މައުދަނެއް ކަނޑައަޅައި ލިސްޓެއް އާއްމުކޮށްފައެވެ. 
މި މައުދަނުތަކުގެ ތެރެއިން މޮނަޒައިޓްސް 13.15 މިލިއަން ޓަނުގެ ރިޒާވްއެއް އިންޑިޔާގައި އޮތްކަމަށް އެ ގައުމުގެ ސަރުކާރުން ބުނެއެވެ. މިއީ ފޮސްފޭޓް މިނަރަލެކެވެ. އޭގައި ގިނަ އަދަދަކަށް ބިމުގެ ނާދިރު އޮކްސައިޑު އެކުލެވެއެވެ. އިންޑިޔާ ސަރުކާރުން އަންދާޒާކުރާ ގޮތުގައި އެގައުމުގައި ހުރި މޮނަޒައިޓުތަކުގައި 7.23 މިލިއަން ޓަނުގެ ބިމުގެ ނާދިރު އޮކްސައިޑް ހުންނާނެއެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ދައްކާ ގޮތުގައި ޗައިނާގެ ރިޒާވްގައި ބިމުގެ ނާދިރު އޮކްސައިޑްގެ 44 މިލިއަން ޓަނު އެބަހުއްޓެވެ. އެއީ މުޅި ދުނިޔޭގައި ހުރި ބިމުގެ ނާދިރު އޮކްސައިޑުގެ ދެބައިކުޅަ އެއްބައެވެ. 

އެމެރިކާގެ ޓްރޭޑް އެޑްމިނިސްޓްރޭޝަނުން މި އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން އިންޑިޔާއިން މިހާރު އުފައްދަނީ އެންމެ ހަތަރު ބާވަތެއްގެ ހައްސާސް މައުދަނެވެ. އެއީ ކޮޕާއާއި ގަރެފައިޓާއި ފޮސްފަރަސްއާއި ޓައިޓޭނިއަމެވެ. އެ އިދާރާއިން ބުނާ ގޮތުން އިންޑިޔާއިން އުފައްދާ ހައްސާސް މައުދަނުތައް މަދީ އެ ގައުމުގައި ހުރި ވަސީލަތްތައް ދެނެގަތުމާއި ނެގުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުމާއި ޕްރޮސެސްކުރުމުގެ ޓެކްނޮލޮޖީ ނެތުމާއި، މުނާސަބު ބިނާރުތައް ގާއިމުކުރެވިފައި ނެތުމުގެ ސަބަބުންނެވެ. 

2026-2027 މާލީ އަހަރަށް އިންޑިޔާ ސަރުކާރުން ފާސްކުރި ބަޖެޓުގައި އޮޑިޝާއާއި ކެރެލާއާއި އަންދްރަޕްރަދޭޝާއި ޓަމިލް ނާޑޫ ހިމެނޭހެން "ބިމުގެ ނާދިރު މައުދަނު" ކޮރިޑޯތަކެއް ގާއިމުކުރުމަށް ހިމަނާފައިވެއެވެ. އެ ޕްލޭނުގެ ދަށުން މި ސަރަހައްދުތައްވާނީ ބިމުގެ ނާދިރު މައުދަނުތައް ނަގައި، ޕްރޮސެސްކުރުމުގެ މަސައްކަތްކުރާ މަރުކަޒުތަކަކަށެވެ. ދިރާސާތައް ހަދައި، އިލެކްޓްރިކް އުޅަނދުފަހަރަށް ބޭނުންވާ ދަގައްފާނު އުފެއްދުމުގައި ބޭނުންކުރާ ބިމުގެ ނާދިރު މައުދަނުތައް އުފެއްދުމުގެ މަސައްކަތް މިތަންތަނުގައި ކުރެވޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު