ENGLISH
27 މޭ 2026
އިނގިރޭސިވިލާތުން މަހުގެ އިމްޕޯޓް ޑިއުޓީ ކަނޑާލުން ދާއިމީކުރުމަކީ މުހިންމު ކަމެއް"
27 މޭ 2026
|
މަސްވެރިކަން ކުރާ ބައެއް.
އެންމެ މަޤްބޫލު
އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި ކަނޑުމަހުގެ އުފެއްދުންތަކުން ނަގަމުންދިޔަ ޓެރިފް ކަނޑާލުމަށް އެ ގައުމުން ނިންމި ނިންމުން ދާއިމީކުރުމަކީ ދިވެހި މަސްވެރި ސިނާއަތަށް މުހިންމުކަމެއްކަން ފާހަގަކޮށް އެކަމުގެ މަޝްވަރާތައް ސަރުކާރުން ކުރިއަށްގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ދިވެހި މަސްވެރިކަމުގެ ސިނާޢަތުގެ އުފެއްދުންތަކުގެ އެކްސްޕޯޓަރުންގެ ޖަމިއްޔާއިން ބުނެފި އެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި ކަނޑުމަހުގެ އުފެއްދުންތަކުން ނަގަމުންދިޔަ ޓެރިފް ކަނޑަލަން ނިންމި ނިންމުމަކީ މަސްވެރިކަމުގެ ދާއިރާއަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އިނގިރޭސިވިލާތުން މި ބަދަލު ގެނައީ، ގިނަ ބާވަތްތަކެއްގެ މުދާ އެތެރެކުރުމުގެ ހަރަދު ކުޑަކޮށްދީ، ސަޕްލައި ޗެއިންތަކަށް އެހީތެރިކަން ފޯރުކޮށްދީ، އަދި އަގުހެޔޮވުމާއި އެތެރެކުރާ މުދާ ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދީގެން ކޮންސިއުމަރުންނަށް ފައިދާ ހޯދައިދިނުމަށް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ޖަމިއްޔައިން ބުނީ އިނގިރޭސިވިލާތުގެ މިނިންމުން ދާއިމަށް ދެމިގެންދާ ނިންމުމަކަށް ހެދުމަށް އެކަމުގެ މަޝްވަރާތައް ސަރުކާރުން ކުރިއަށްގެންދާނެކަމަށް އުންމީދުކުރާކަމަށެވެ. އެ ޖަމިއްޔާއިން މިފަދައިން ބުނި އިރު އިނގިރޭސިވިލާތުން ނަގަމުންދާ ޓެރިފު ދާއިމީ ސިފައެއްގަައި ކަނޑައިލުމާ ގުޅޭ ގޮތުން އެ ގައުމާއެކު ދިވެހި ސަރުކާރުން މަޝްވަރާކުރަމުންދާކަން ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް މިފަހުން ހާމަކުރެއްވި އެވެ.
ދިވެހި މަސްވެރިކަމުގެ ސިނާއަތުގެ އުފެއްދުންތަކުގެ އެކްސްޕޯޓަރުންގެ ޖަމިއްޔާއިން ބުނި މިއީ އިނގިރޭސި ބާޒާރަށް، މަހުގެ އުފެއްދުންތައް ބޭރުކުރާ އެކްސްޕޯޓަރުންނަށް ހަމަޖެހޭ، އިތުބާރު އޮތް ބާޒާރެއް ގާއިމުކޮށް މުސްތަގުބަލު ބިނާކުރަން ފަސޭހަ މާހައުލެއް ހޯދުމަށް ކޮންމެހެންވެސް ކަށަވަރުކުރަން ޖެހޭ ނިންމުމެއްކަމަށެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ވާދަވެރި ކުރިއެރުންތަކެއް ހޯދައިދިނުމަށް މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކޮށް އެޖަމިއްޔާއިން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ވަޒީރު އަހުމަދު ޝިޔާމްއަށް ޝުކުރުއަދާކުރައްވަފަ އެވެ.