ENGLISH

27 މޭ 2026

Advertisement

އީދު ފާހަގަކުރުމުގައި އިސްލާމީ ސަގާފަތާ ހިލާފު ކަންކަމުން ދުރުހެލިވުމަށް އަޒުމް ކަނޑައަޅަންޖެހޭ: ވަޒީރު ޑރ.ޝަހީމް

27 މޭ 2026

|

ޝިފްޒާން އަޙްމަދު

އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

އަޟްޙާ ޢީދު ފާހަގަކުރުމުގައި އިސްލާމީ ސަގާފަތާ ހިލާފު ކަންކަމުން ދުރުހެލިވުމަށް އަޒުމު ކަނޑައަޅަންޖެހޭކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

މިއަދު އަޟްޙާ ޢީދު ފާހަގަކުރަމުންދާއިރު ވިސްނަންވީ ކަންކަމުގެ މައްޗަށް އަލިއަޅުވައިލައްވައ ފޭސްބުކުގައި ވަޒީރު ޝާއިއުކުރެއްވި ޕޯސްޓުގައ ވިދާޅުވީ މި ދަނޑިވަޅަކީ އެތައް މިލިއަން މުސްލިމުންނެއް އިސްލާމްދީނުގެ އެންމެ މަތިވެރި އަޅުކަން ކަމުގައިވާ ޙައްޖުގެ މަތިވެރި މަޝާއިރުތައް އަދާކޮށް، ﷲއަށް ތަލްބިޔާ ކިޔަމުންދާ ދަނޑިވަޅެއް ކަމަށެވެ. 

އަދި މިފަދަ މުނާސަބަތެއްގައި އަޟްޙާ ޢީދު ފާހަގަކުރަމުންދާއިރު، ޢީދުގެ އުފާފާޅުކޮށް ކުޅިވަރު ކުޅޭއިރު، އެ މަޝާޢިރުތަކުގެ މަތިން ހަނދާންްކޮށް އެކަންކަން ހިތްމައްޗަށް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ. 

ޑރ.ޝަހީމު އިތުރަށް ވިދާޅުވީ ޢީދަކީ އިސްލާމްދީނުގެ މުހިއްމު މުނާސަބަތުތަކުގެ ތެރެއިން ވަރަށް މަތިވެރި އަދި އެހާމެ ބޮޑު އަހަންމިއްޔަތުކަމެއް ދެވިފައިވާ މުނާސަބަތެއް ކަމަށެވެ. އަދި އެ މުނާސަބަތުގެ މައިގަނޑު އެންމެ މަތިވެރި މަގުސަދަކީ މާތްﷲ މަތިވެރިކުރުންކަމަށެވެ. 

އީދަކީ އިސްލާމީ މުނާސަބަތެއްކަމާއި، އެ މުނާސަބަތު އިހުތިފާލުކުރަނީ މާތްﷲ މަތިވެރިކުރުމުގެ މަގުސަދުގައިކަން ފާހަގަކުރައްވައި ޑރ.ޝަހީމު ވިދާޅުވީ އީދުގެ އުފާފާޅުކުރުމަށް އީދު ކުޅިވަރުގެ ނަމުގައި އިސްލާމްދީނުގެ ސަގާފަތާ ދުރުހެލި ކަންކަމުން އެއްކިބާވާން އަޒުމު ކަނޑައަޅަންޖެހޭ ކަމަށެވެ. 

ކޮންމެ އީދެއްގައިވެސް ސަރުކާރުން އަންނަނީ އީދުގެ މުނާސަބަތު ފާހަގަކުރާއިރު އިސްލާމްދީނުގެ އުސޫލުތަކާއި އެ ދީނުގެ އަހުލާގީ ގިއުގަނޑުގެ ތެރެއިން އީދުގެ އިހުތިފާލުތައް އިންތިޒާމުކޮށް ކުރިއަށްގެންދިއުމަށް ބާރުއަޅަމުންނެވެ. އީދުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި އަދި އީދުގެ ތަހުނިޔާ އަރިސްކުރައްވައި މީސްމީޑިޔާގައި އާއްމުކުރެއްވި މެސެޖުގައިވެސް، ޢީދު އިހުތިފާލުކުރުމުގައި ދީނުގެ އިންތަކުގެ ތެރެއިން ހަރަކާތްތައް ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު