ENGLISH
27 މޭ 2026
ޢީދުގެ އުފާ ފާޅުކުރާއިރު، އިސްލާމީ ޘަޤާފަތާ ޚިލާފު، އިސްލާމީ ޝަރުޢީ މިންގަނޑަށް ނުފެތޭ އެންމެހައި ކަންކަމުން ދުރުހެލިވާންޖެހޭ: ޢީދު ޚުޠުބާ
27 މޭ 2026
|
އެންމެ މަޤްބޫލު
ޢީދުގެ އުފާ ފައުޅުކުރާ އިރު، އިސްލާމީ ޘަޤާފަތާ ޚިލާފު، އިސްލާމީ ޝަރުޢީ މިންގަނޑަށް ނުފެތޭ އެންމެހައި ކަންކަމުން ދުރުހެލިވުމަށް މިއަދުގެ ޢީދު ޚުޠުބާގައި ގޮވާލައިފިއެވެ.
"ޢީދުގެ އަދަބުތައް" މި މައުޟޫއަށް މުޅި ރާއްޖޭގައި މިއަދު ދިން ޚުޠުބާގައި ބުނީ، މިއަދަކީ މުޅި އަހަރުތެރޭގައި އަންނާނެ އެންމެ މާތް ދުވަސްތަކުގެ ތެރެއިން ދުވަހެއް ކަމަށެވެ. ޢީދުގައި މުސްލިމުންނަށް މާތް ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވެ ގިނަގިނައިން ތަކުބީރުކިޔައި އުޅުމަކީ ގަދަވެގެންވާ ސުންނަތެއްކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، ޙައްޖު މަސް ފެށުމާއެކު އެމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ގޭގޭގައްޔާއި މަގުތަކާއި ބާޒާރުތަކުގައި އަޑުހަރުކޮށް ތަކުބީރުކިޔުން ސުންނަތްވެގެންވާ ކަމަށެވެ.
އެގޮތުން، މާތް ﷲ އެ ބޭކަލުންނަށް ރުއްސުންލެއްވި އިބުނު ޢުމަރުގެފާނާއި، އަބޫ ހުރައިރަތުގެފާނު ޙައްޖު މަސް ފެށުމާ އެކު ބާޒާރުމައްޗަށް ނުކުމެވަޑައިގެން އަޑުހަރުކޮށް ތަކުބީރު ވިދާޅުވެފައިވާ ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.
"އަޟުޙާ ޢީދުގައި ކަތިލެވޭ އުޟްޙިޔާއިން މާތް ﷲގެ ޚަލީލު އިބްރާހީމު ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލު ޢަލައިހިއްސަލާމު ވެވަޑައިގަތް ޤުރުބާނީގެ މަތީން ހަނދާންއާކޮށްދެއެވެ. އިބުރާހީމް ޢަލައިހިއްސަލާމު އިމްތިޙާނުކުރެއްވުމަށް ޓަކައި، ތުއްޕުޅު ދަރިކަލުން އިސްމާޢީލުގެފާނު ޤުރުބާންކުރެއްވުމަށް މާތް ﷲ އިބުރާހީމުގެފާނަށް އަމުރުކުރެއްވިއެވެ. އެ އަމުރުފުޅަށް އެކަލޭގެފާނު މާތް ﷲއަށް ކިޔަމަންވެވަޑައިގަތް މިންވަރާއި ދަރިކަލުން މާތް ﷲގެ އަމުރުފުޅަށް ބޯލެންބެވި މިންވަރާއި، ބައްޕާފުޅަށް ކިޔަންތެރިވެވަޑައިގަތް މިންވަރުގެ ބޮޑުކަން މި ހާދިސާއިން ހާމަވެއެވެ." ޚުޠުބާގައި ބުންޏެވެ.
އުޟުޙިޔާ ކަތިލުމަކީ އިބުރާހީމު ޢަލައިހިއްސަލާމުގެ މިއްލަތުގައި އަޅުކަމަކަށްވީ ފަދައިން، އިސްލާމީ ޝަރީޢަތުގައި ވެސް އެ ކަން ވަނީ ގަދަވެގެންވާ ސުންނަތެއްކަމުގައި ލައްވައިފައިވާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
"މި ދުވަހުގެ މާތްކަމާއި މަތިވެރިކަމާ އެކު ވެސް ޢީދުގެ ދުވަސްތަކަކީ، މުސްލިމުން ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅޭން އޮތް ދުވަސްތަކެކެވެ. ނަމަވެސް ޢީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމާއި މަލާމާތްކުރުމާއި އަންހެނުން ފިރިހެން ހެދުން އެޅުމާއި ފިރިހެނުން އަންހެން ހެނދުން އެޅުމާއި ދެޖިންސު މަސްހުނިވެގެން ކުޅިވަރު ކުޅުމާއި މިކަންކަމުން ދުރުހެލިވާންޖެހޭނެއެވެ. އަދި ޢީދުގެ އެންމެހައި ޙަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތް ﷲއަށް ބިރުވެތިވެ، އިސްލާމްދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިޢާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަން ހަނދާންކުރާށެވެ! ޢީދުގެ އުފާ ފައުޅުކުރާ އިރު، އިސްލާމީ ޘަޤާފަތާ ޚިލާފު، އިސްލާމީ ޝަރުޢީ މިންގަނޑަށް ނުފެތޭ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ނަސޭހަތްތެރިވަމެވެ." ޚުޠުބާގައި ބުންޏެވެ.
ޢީދަކީ މުޅި އިސްލާމީ އުންމަތް އެ ކަމުގެ އުފަލުގައި ބައިވެރިވެ އުފާ ފާޅުކުރާންޖެހޭ ދުވަސްތަކެއް ކަމަށާއި، ރާއްޖޭގެ އެކިއެކި ޞިނާޢަތްތަކުގައި މަސައްކަތްކުރަމުންދާ ބިދޭސީ މުސްލިމު އަޚުންނާއި އުޚުތުންނަށް ޢީދުގެ ތަހުނިޔާކިޔައި، ޢީދުގެ އުފަލުގައި އެ އަޚުންނާއި އުޚުތުން ވެސް ބައިވެރިކުރުމަށް ޚުޠުބާގައި އިލްތިމާސްކޮށްފައިވެއެވެ.
ޚުޠުބާގައި ބުނީ، އަހަރެމެން އަމާން ވެއްޓެއްގައި މި ދުވަސް ފާހަގަކުރާ އިރު، އިސްލާމީ އުންމަތުގެ ބަޔަކު ނުހަނު ނިކަމެތިހާލުގައި ތިބިކަން ވެސް ހަނދާންނައްތައިނުލައި، ނަސްލު ނައްތައިލުމުގެ ބިރުވެރި ޤަތުލުޢާންމުތަކާއި ހައިހޫނުކަމާއި ހިޔާވަހިކަމެއް ނެތި އެތައް ހާސް މުސްލިމުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބިކަން ހަނދާންކުރުމަށެވެ. މި މާތް މަތިވެރި ދުވަހުގެ އުފާ އަހަރެމެން ފާޅުކުރާ އިރު އެ އަޚުންނާއި އުޚުތުންނަށް ހެޔޮ ދުޢާކޮށް ނަޞްރާއި ކާމިޔާބުދެއްވާތޯ ދުޢާކުރުމަށާއި، މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާ ކަން ވެސް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.
"އަހަރެމެން އެންމެން، އަންހެނުންނާއި ފިރިހެނުން، މުސްކުޅިންނާއި ކުޑަކުދީން ޖަމާވެ މި ތިބި ބޮޑުޖަމާޢަތަށް ބަލައި ވިސްނާށެވެ! އަދި އެތައް މިލިޔަން މުސްލިމުންނެއް ޖަމާވެތިބި މައްކާގެ މަތިވެރިބިމަށް ބަލާށެވެ! ޤިޔާމަތް ދުވަހު މާތް ﷲގެ ދަރުބާރަށް ހާޒިރުވެ މަޙުޝަރުގެ މައިދާނުގައި ކޮޅަށްތިބޭނޭ ދުވަސްމަތީން ހަނދާންނުވޭހެއްޔެވެ؟ އެތައް މިލިޔަން މޭލެއް ދުރުން މި އަދު ފެންނާން އިރު ހުރިއިރު، މި އަދު މި އިހުސާސްކުރަމުންދާ ހޫނާއި، ޤިޔާމަތް ދުވަހު މަޙުޝަރުގެ މައިދާނުގައި މީސްތަކުންގެ ބޮލާ، ކައިވަތަކަށް ވުރެ، އިރު ކައިރިވެފައިވާ ހިނދު މީސްތަކުން ތިބޭނޭ ހާލަތާއި އެ ދުވަހުގެ ބިރުވެރިކަން ހަނދާނަށް ގެންނާށެވެ! މި ޖަމާޢަތުން ވަކިވުމުގެ ކުރީން އެކަކު އަނެކަކަށް މަޢާފުކޮށް ހިތްތައް ސާފުކުރުމާއެކު ސަލާންގަލާންކޮށް ހިނިތުންވާށެވެ!" ޚުޠުބާގައި ބުންޏެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، ބޮޑާކަމާއި ކިބުރުވެރިކަމާއި ޙަސަދަވެރިކަމާއި ނުނިޔަތްލުން ފަދަ ނޭއްގާނީ ކަންކަން ތިމާގެ ކިބައިގައި ހުރި ނަމަ، އެ ކަންކަން ހިތުން ފިލުވައިލުމަށް ގޮވާލާފައެވެ.
އެ މީހެއްގެ ހިތުގައި ކިބުރުވެރިކަމުގެ ޛައްރެއްގެ މިންވަރު ހުރި މީހާ ވެސް ސުވަރުގެ ނުވަންނާނޭކަމަށް ޞައްޙަ ޙަދީޘްތަކުގައި އައިސްފައިވާ ކަމަށާއި، ސަލާމަތް ހިތަކާއިގެން މާތް ﷲއާ ބައްދަލުވެއްޖެ މީހަކަށް މެނުވީ އެ ދުވަހު ރައްކާތެރިކަމެއް ނެތްކަން ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.