ENGLISH

27 މޭ 2026

Advertisement

ހުކުރުން ފެށިގެން އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ

27 މޭ 2026

|

އާމިނަތު ނުޒްލާ

އުތުރާއި މެދުރާއްޖެތެރެއަށް ކަނޑު ގަދަވުން-- ފޮޓޯ: ވަން އޮންލައިން

ހުކުރު ދުވަހުން ފެށިގެން އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ. 

"އެމްއެމްޓީވީ" އަށް މައުލޫމާތު ދެއްމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އުތުރުގެ ރަށްތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށެވެ. މެދުރާއްޖެތެރޭގެ ރަށްތަކަށް ކެރީގެ އަސަރު ކުރިނަމަވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.

މެޓް އިން ބުނީ މިއަދުވެސް އުތުރުގެ އެކިހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރުންވެސް އެކަށީގެންވާ ކަމަށް ބުނެފައިވެ އެވެ. އެހެންނަމަވެސް ދެކުނުގެ މޫސުން އާއްމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ފާއިތުވި 24 ގަޑިއިރަށް ބަލާއިރު އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑް ކުރެވިފައިވަނީ ކ.ގާފަރަށެވެ.  އެއީ 27.6 މިލިމީޓަރުގެ ވާރޭ އެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ ހުޅުލެ އަށެވެ. އެއީ 19.1 މިލިމީޓަރުގެ ވާރޭ އެވެ.

މެޓް އިން ބުނީ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެ ކަމަށެވެ. ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އިން ބުނެފައިވެ އެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓް އިން ލަފާކޮށްފައިވެ އެވެ.  

ރާއްޖޭގެ ކަނޑުގެ ރާޅުތަކުގެ އުސްމިން ހުންނާނެ ކަމަށް ދެކުނަށް ލަފާކޮށްފައިވަނީ ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދު އެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގައި ހަތަރު ފޫޓާއި ހަ ފޫޓާ ދެމެދުގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ އެންމެ މޫސުން ގޯސްވާ ދުވަސްވަރެވެ. އެހެންކަމުން ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށާއި، އެ އިދާރާއިން ނެރެމުން އަންނަ މޫސުމުގެ އެލާޓުތަކަށް ވެސް ސަލާލުކަން ދިނުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެ އެވެ. މަގުމަތީގައި ދުއްވާ ފަރާތްތަކުންވެސް ސަމާލުކަންދޭންވި ކަންތައްތައް، ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވެ އެވެ.

މޫސުން ގޯސްވުމާއި ގުޅިގެން ކަމާގުޅުން ހުރިހާ އިދާރާތަކުން ވެސް އަންނަނީ، ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ނުވަތަ ގެއްލުން ކުޑަކުރުމަށްޓަކައި، މޫސުމަށް ސަމާލުވުމަށް ނަސޭހަތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު