ENGLISH
26 މޭ 2026
ނިކަމެތިންގެ ހިނިތުންވުމަކީ ތިމާގެ އުފަލެއްކަމުގައި ދުށުމަށް އީދުން ދަސްކޮށްދޭކަން ހަނދާންކުރަންޖެހޭ: ރައީސް
26 މޭ 2026
|
މާލޭގައި ޢީދުގެ ޙަރަކާތްތަކުގައި ރައީސްގެ ދެމަފިރިކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ނިކަމެތިންނާއި އެކަނިވެރިންގެ ހިނިތުންވުމަކީ ކޮންމެ މީހެއްގެ އަމިއްލަ އުފަލެއް ކަމުގައި ގަބޫލުކުރަން ބަރަކާތްތެރި އަޟްޙާ ޢީދު ދަސްކޮށްދޭކަން ހަނދާންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
މި އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ޢީދު މިންވަރުކުރެއްވީތީ މާތްﷲއަށް ޙަމްދާއި ޝުކުރު ދަންނަވަމުން ރައީސްވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ ހުރިހާ އެންމެންވެސް އެ ހެޔޮ އެދުންތަކުގައި އެމަނިކުފާނު ޝާމިލުކުރެއްވިއެވެ.
ޢީދުގެ މުނާސަބަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހުރިހާ މުސްލިމު އަޚުންނާއި އުޚުތުންނަށް ރައީސް ތަހުނިޔާ ރައްދުކުރައްވާފައިވެއެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އަޟްޙާ ޢީދަކީ އެ ދުވަހުގައި މުހިއްމު ގިނަގުނަ ޢިބުރަތްތަކާއި ފިލާވަޅުތައް މާތްﷲ ލައްވަވާފައިވާ ދުވަހެކެވެ. އެމަނިކުފާނު ވިދާޅުވީ ޢީދަކީ މުޅި މުސްލިމު އުންމަތް އެއް ސަފަކަށް ތަރުތީބުކޮށްދޭ، އޯގާތެރިކަމުގެ ދެމެހެއްޓެނެވި މިސާލެއް ކަމަށާއި، ޢަރަފާތު ބިމުގައި މުސްލިމުންގެ މެދުގައި އޮންނަ ހަމަހަމަކަމުން ފެށިގެން، ހުރިހާ ދިިމާލަކަށް ފެތުރިގެންދާ އެ އުފާވެރިކަމަކީ އިންސާނީ ކުލުނުގެ އެންމެ އަލިގަދަ އެއް ރަމްޒުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އުޟްޙިޔާ ކަތިލުމާއި، އެކިއެކި ހަދިޔާބަދިޔާ ބަދަލުކޮށް، ތަނަވަސްކަމުގެ އަހުލުވެރިން ނިކަމެތި ފަޤީރުންނަށް އެކި ގޮތްގޮތުން އެހީތެރިވެދީ ހެދުމަކީ، މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ރަނގަޅުވެ، އެކުވެރި ބަދަހި ބައެއްގެ ގޮތުގައި ކުރިއަށް ދިޔުމުގެ ހިތްވަރު އާވެގެންދާ ކަންކަން. ހަމައެއާއެކު، މިއީ، މަޢާފުކުރުމުގެ ފިނި ރޯޅިން އަޅުގަނޑުމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން. މައިންބަފައިންނާއި ގާތް ތިމާގެ މީހުންނާއެކުގައި ޢާއިލީ ލޯބި އާލާކުރުމަށް އޮތް އެންމެ ފަހި އެއް ފޯވަހި،" ރައީސް ވިދާޅުވިއެވެ.
ޢީދުން މާދަމާގެ އުންމީދުކަމަށްވާ ޒުވާން ޖީލަށް ރިވެތި އަހުލާގީ ސިފަތައް ދަސްކޮށްދޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ދުވަހަކީ ނިކަމެތިންނާއި އެކަނިވެރިންގެ ހިނިތުންވުމަކީ ތިމާގެވެސް އުފާކަމުގައި ދުށުމަށް ދަސްކޮށްދޭ ދުވަހެއްކަން ހަނދާނުގައި ބަހައްޓަންޖެހޭކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވީ ޢީދުގެ ސަބަބުން އާލާވާ އެއްބައިވަންތަކަމުގެ މާތް ގުޅުމަކީ، މުޅި ގައުމުގައި އަމާންކަމާއި، ސުލަހަވެރިކަން ދެމެހެއްޓުމަށް ލިބޭ ވަރުގަދަ ބާރެއް ކަމަށެވެ. އަދި ޢީދުގެ ހަގީގީ ޖައުހަރަކީ ތަގުވާވެރިކަމުގެ ސާފު ފޭރާމުން ނަފުސު ޒީނަތްތެރިކޮށް، ދީނާއި ހައްގުގެ މަގު އިސްކުރުމުގެ އަޒުމް އައުކުރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުވަނީ ޢީދުގެ އެކިއެކި ކުޅިވަރުތައް ކުޅުމާއި، އުފާފާޅުކުރުމުގައި ޝާމިލުވެގެން އުޅޭއިރު، އިސްލާމީ ރިވެތި އުސޫލުތައް ހިފަހައްޓައި، ދިވެހިންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ފުރެއްދެ ކަންކަމުން ދުރުވުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
ރައީސްގެ ޚިޠާބު ނިންމަވައިލެއްވީ ޢީދަކީ އަމާންކަމާއި، ބައްޖަވެރިކަމުން ފުރިގެންވާ މުނާސަބަތެއް ކަމުގައި ލެއްވުން އެދިވަޑައިގަތުމާއެކު، ޢީދުގެ ބަރަކާތްތެރި ދުވަސްތައް އުފާވެރިކަމާއި ބާއްޖަވެރިކަމާއެކު އަބަދުވެސް ރާއްޖޭގައި ތަކުރާރުވަމުން ދިއުމަށް އެދިވަޑައިގެން މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން، ރާއްޖެއާއި މުޅި އިސްލާމީ އުންމަތް ސަލާމަތާއި ރައްކާތެރިކަމުގައި އަބަދުމެ ލެހެއްޓެވުމަށް ދުޢާކުރައްވަމުންނެވެ.