ENGLISH
26 މޭ 2026
ދަރަވަންދޫ އެއާޕޯޓްގެ ޓާމިނަލް ތަރައްގީކުރަން ކޮންޓްރެކްޓަރަކު ހޯދަނީ
26 މޭ 2026
|
ދަރަވަންދޫ އެއާޕޯޓް. ފޮޓޯ؛އޭދަފުށި ވޮއިސް.
އެންމެ މަޤްބޫލު
ބ. ދަރަވަންދޫ އެއާޕޯޓުގެ ފަސިންޖާ ޓާމިނަލް ތަރައްގީކުރުމަށް ޝައުގުވެރިވާ ބަޔަކު ހޯދަން އިޢުލާންކޮށްފި އެވެ.
މި މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުންނެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ބުނީ މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖޫން މަހުގެ 4 ވަނަ ދުވަހުގެ ރޭގަނޑު 23:59 ކަމަށެވެ.
އައިލެންޑް އޭވިއޭޝަނުން ޝާއިއުކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން، ޕްރޮޕޯސަލްތައް ބަލައިގަންނާނީ ހަމައެކަނި މި ސުންގަޑީގެ ކުރިން އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުންނެވެ. މި މަޝްރޫއު ފަށާ ދުވަހުން ފެށިގެން 18 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
ދަރަވަންދޫ އެއާޕޯޓު ހުޅުވާފައިވަނީ 2012 ވަނަ އަހަރު އެވެ. މިހާރުވެސް ދުވާލެއްގެ މައްޗަށް އަށް ފްލައިޓަށް ވުރެ ގިނައިން ޖައްސާ މި އެއާޕޯޓްގެ ހިންގުން ރަސްމީކޮށް އައިލެންޑް އޭވިއޭޝަނާ ހަވާލުކުރީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.
ކުރިން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ދަރަވަންދޫގެ އައު ޓާމިނަލް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ހުރި 959 އަކަމީޓަރުގެ ޓާމިނަލް 1،874 އަކަމީޓަރަށް ބޮޑުކުރާނެ އެވެ. އެއާއެކު ހިދުމަތްދެވޭ ފަސިންޖަރުންގެ އަދަދު 80 އިން 175 އަށް އިތުރުވެގެންދާނެކަމަށް އައިލެންޑް އޭވިއޭޝަނުން ލަފާކުރެ އެވެ.
ދަރަވަންދޫ އެއާޕޯޓު ތަރައްގީކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.