ENGLISH
26 މޭ 2026
އީދަށް ދަތުރުކުރާ މީހުން ސަމާލުވޭ! އުތުރާއި މެދު ރާއްޖެތެރެއަށް މިއަދުވެސް މޫސުން ގޯސް
26 މޭ 2026
|
އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސް-- ފޮޓޯ: ޖަވިޔަނި
އެންމެ މަޤްބޫލު
އީދުގެ ކުޅިވަރުގައި ބައިވެރިވުމަށް، ކަނޑުމަގުން ގިނަބަޔަކު ދަތުރުކުރަމުންދާއިރު، ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އެދިއްޖެ އެވެ.
މެޓް އިން ބުނީ މިއަދުވެސް އުތުރާއި މެދު ރާއްޖެތެރޭގެ އެހި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވާ ކަމަށް ބުނެފައިވެ އެވެ. އެހެންނަމަވެސް ދެކުނުގެ މޫސުން އާއްމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ފާއިތުވި 24 ގަޑިއިރަށް ބަލާއިރު އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑް ކުރެވިފައިވަނީ އދ. މާމިގިއްޔަށެވެ. އެއީ 36 މިލިމީޓަރުގެ ވާރޭ އެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ ހދ. ހަނިމާދޫ އަށެވެ. އެއީ 35.3 މިލިމީޓަރުގެ ވާރޭ އެވެ.
މެޓް އިން ބުނީ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެ ކަމަށެވެ. ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އިން ބުނެފައިވެ އެވެ.
މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މެޓް އިން ލަފާކޮށްފައިވެ އެވެ.
ރާއްޖޭގެ ކަނޑުގެ ރާޅުތަކުގެ އުސްމިން ހުންނާނެ ކަމަށް ދެކުނަށް ލަފާކޮށްފައިވަނީ ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދު އެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގައި ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ އެންމެ މޫސުން ގޯސްވާ ދުވަސްވަރެވެ. އެހެންކަމުން ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށާއި، އެ އިދާރާއިން ނެރެމުން އަންނަ މޫސުމުގެ އެލާޓުތަކަށް ވެސް ސަލާލުކަން ދިނުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެ އެވެ. މަގުމަތީގައި ދުއްވާ ފަރާތްތަކުންވެސް ސަމާލުކަންދޭންވި ކަންތައްތައް، ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވެ އެވެ.
މޫސުން ގޯސްވުމާއި ގުޅިގެން ކަމާގުޅުން ހުރިހާ އިދާރާތަކުން ވެސް އަންނަނީ، ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ނުވަތަ ގެއްލުން ކުޑަކުރުމަށްޓަކައި، މޫސުމަށް ސަމާލުވުމަށް ނަސޭހަތްތެރިވަމުންނެވެ.