ENGLISH

26 މޭ 2026

Advertisement

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ކަސްޓަމްސްއިން ބޮޑު ކުރިއެރުމެއް ހޯދައިފި

26 މޭ 2026

|

އައިމިނަތު ޝަފާ

ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނައުން. ފޮޓޯ؛ ކަސްޓަމްސް.

މަސްތުވާތަކެއްޗާ ދެކޮޅަށް މިއަހަރުގެ މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ބޮޑު ކާމިޔާބީއެއް ހޯދާފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހާމަކޮށްފި އެވެ. 

އިގްތިސާދި ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ގެނެސްދޭ "ޓްރޭޑް ޑެސްކް"ގެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކަސްޓަމަސްގެ ޑެޕިއުޓީ ޗީފް ސްޕްރިޓެންޑެންޓް އަހުމަދު ނިޔާޒް ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވުނު މަސައްކަތުގެ ތެރެއިން އަހަރުގެ މިހާތަނަށް 86 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށެވެ.

"އެއީ މިއަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 400 އިންސައްތަ އިތުރު އަދަދެއް. ވަރަށް ބޮޑު ކުރިއެރުމެއް މިދާއިރާއިން މި ދަނީ ހޯދެމުން. މި ކުރިއެރުން މި ހޯދެނީ ފުލުހުންނާ ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާ އެކުގައި،". ނިޔާޒް ވިދާޅުވި އެވެ. 

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރ 15، 2024 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އަދި ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރ 15، 2024 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ. 

މިކަމަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ނިޔާޒް ވިދާޅުވީ އަހަރުގެ މި މުއްދަތުގައި 70،000 އެއްހާ ވޭޕް ސްޓިކާއި 25 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓްވެސް ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވާކަމަށެވެ. 

"މިހުންނަނީ ގާނޫނު ތަންފީޒުކުރުމަށް ކުރަމުންދާ ކަންކަން. ރާއްޖެއަށް އެތެރެކުރުން މަނާތަކެއްޗާއި މަސްތުވާތަކެތި އެތެރެކުރުން މަނާކުރުމަށް ކުރާ މަަސަައްކަތްތައް މިއީ. މިކަންކަމުގެ ތެރެއިން މިދިޔަ މުއްދަތުގައި ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެވުނު ކަސްޓަމްސްއަށް،". ނިޔާޒް ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ އިތުރަށް ރާއްޖެއަށް އެތެރެކުރުމާއި އޭގެ ވިޔަފާރިކުރުން މިވެރިކަމުގައި މަނާކޮށްފައިވާ ވޭޕު އެތެރެކުރުން ހުއްޓުވުމަށްވެސް ކަސްޓަމުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު