ENGLISH

26 މޭ 2026

Advertisement

ޙައްޖަތުލް ވަދާޢުގެ ޚުޠުބާ؛ އިސްލާމްދީނުގެ މަޤުޞަދުތައް ހިމެނޭ އެންމެ ފުރިހަމަ ބަޔާން

26 މޭ 2026

|

ޝިފްޒާން އަޙްމަދު

ސަލާމާއި ޞަލަވާތް ލެއްވުނު ކައުއިތުރު ނަބިއްޔާގެ އެންމެ ފުރަތަމަ އަދި އެންމެ ފަހު ޙައްޖުގައި ދެއްވި ޚުޠުބާއަކީ އަލަށް އުފަންވި އިސްލާމީ މުޖުތަމަޢުގެ ބިންގާތައް އެންމެ ފުރިހަމަ ގޮތުގައި ބަޔާންކުރެވިގެންދިޔަ މުހިއްމު ތާރީޚީ ބަޔާނެކެވެ. އެއީ މުސްލިމުން ޞުލްޙައިގެ ވަގުތުތަކުގައާއި ހަނގުރާމައިގެ ޙާލަތުގައި އަމަލުކުރާނެ އުސޫލުތަކާއި، އެބައިމީހުންގެ އަޚުލާޤީ އަގުކުރުންތަކާއި، އެއްބަޔަކު އަނެއްބަޔަކާ މުޢާމަލާތްކުރުމުގެ އެންމެ ރަނގަޅު އުޞޫލުތައް އެ ޚުޠުބާއިން ދެނެގަތް މަތިވެރި ބަޔާނެވެ. އެ ޚުޠުބާގެ ކުރު އެހެނަސް މާނަފުން ޢިބާރާތްތަކުގެ ތެރޭގައި އެކުލެވެނީ ސިޔާސަތާއި އިޤުތިޞާދާއި ޢާއިލާ ބިނާކުރުމާއި، އަޚުލާޤާއި، އާއްމު ގުޅުންތަކާއި އިޖުތިމާއީ ނިޒާމުތަކާ ގުޅޭ އުސޫލުތަކާއި އަގުހުރި ޙުކުމްތަކެވެ. 

ޚުޠުބާގެ ވަށައިގެންވާ ތާރީޚީ ސިޔާގު 

ސަލާމާއި ޞަލަވާތްލެއްވުނު ކައުއިތުރު ރަސޫލާ މި ޚުޠުބާ ދެއްވީ ހިޖުރައިން ދިހަވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ނުވަވަނަ ދުވަހުއެވެ. އެ ދުވަހަކީ ޢަރަފާތު ދުވަހެވެ. އެއީ ޙައްޖުވެރިން ނޫން އެންމެނަށް ރޯދަހިފުން ސުންނަތްވެގެންވާ ދުވަހެކެވެ. 

އެ ޚުޠުބާ ދެއްވި ތަނަކީ ޢަރަފާތުގެ ބިމުގައި ކުޑަކޮށް އުސްކޮށް ހުންނަ ރަޙުމަތުގެ ފަރުބަދައިގެން ނަން ދެވިފައިވާ ސަރަހައްދެކެވެ. އެއީ މައްކާއާއި ގާތްގަނޑަކަށް 22 ކިލޯމީޓަރުގެ ދުރުމިނުގައި އޮންނަ ސަރަހައްދެކެވެ. ޢަރަފާތު ބިމުގައި ތިބުމަކީ ޙައްޖުގެ މަނާސިކުތަކުގެ ތެރެއިން އެންމެ މުހިއްމު ޝަޢީރާއެވެ. 

މި ޙައްޖަކީ ހިޖުރީ ސަނަތުން އަށްވަނަ އަހަރު މައްކާ ފަތަޙަކުރެއްވުމަށްފަހު، ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާ މައްކާއަށް ޙައްޖަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މި ޙައްޖަށްފަހު ތިން މަހެއްހަައި ދުވަސްފަހުން އެކަލޭގެފާނު ސުވަރުގެވަޑައިގަތެވެ. މިއީ ނަބިއްޔާގެ ފުރަތަމަ އަދި ފަޙު ޙައްޖަށްވާތީ އެ ޙައްޖަށް ޙައްޖަތުލް ވަދާޢުގެ ނަންދެވެއެވެ. 

މި ޙައްޖުގައި މާތް ނަބިއްޔާގެ އަރިހުގައި އެތައްހާސް ޞަޙާބީން ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި މައްކާ ފަތަޙަކުރެވުނު ދުވަހު އިސްލާމްވެވަޑައިގެންނެވި ބޭފުޅުން ހިމެނިވަޑައިގަތެވެ. އެ ދުވަހު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ވާހަކަފުޅު އަޑުފުޅު ހަރުކޮށް ތަކުރާރުކުރައްވައި އެއްވެތިއްބެވި ބޭފުޅުންނަށް އިއްވެވެނީ އަޑުފުޅުގަދަ ޞަޙާބީއެއް ކަމުގައިވާ ރަބީޢާ ބިން އުމައްޔަތު ބިން ޚަލަފެވެ. 

ޚުޠުބާގެ މައިގަނޑު ނުކުތާތަކާއި އަސާސީ ބަޔާންތައް 

އެ ޚުޠުބާގައި ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާ ބަޔާންކޮށްދެއްވީ އިސްލާމީ މުޖުތަމަޢުގެ ޙަޟާރީ ސިފަތަކެވެ. އަދި އިސްލާމްދީނުގެ އަސާސީ އުސޫލުތަކާއި މަގުސަދުތަކެވެ. ބަސްފުޅުގައި ބަލާޣާތްތެރި ކުރު ނަމަވެސް ގިނަ މާނަތަކެއް އެ ޚުޠުބާގައި އެކުލެވިގެންވެއެވެ. ދުނިޔެއާއި އާޚިރަތުގެ ހެޔޮކަމަށް މަގުދައްކައިދޭ މުހިއްމު އެތައް މެސެޖެކެވެ. 

ޙަމްދު ސަނާއަށްފަހު އެކަލޭގެފާނުގެ ވާހަކަފުޅު ފެއްޓެވީ މި ފަނާވަނި ދުނިޔެ ދޫކުރެއްވުން ގާތްވެފައިވާކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވާކަމުގެ މައްޗަށް ކުރެއްވި އިޝާރާތަކުންނެވެ. ޚުޠުބާ ފައްޓަވަމުން ޙަދީސްކުރެއްވި ބަސްފުޅުގެ މާނާގައިވެއެވެ. "ހުރިހާ ޙަމްދެއް ހުރީ މާތް ﷲ އަށެވެ. ތިމަންމެން އެކަލާނގެއަށް ޙަމްދުކުރަމުއެވެ. އަދި އެކަލާނގެ ޙަޟްރަތުން ވާގިއެދި، ފާފަފުއްސެވުމަށް އެދެމުއެވެ. އޭ މީސްތަކުންނޭވެ! ތިމަންކަލޭގެފާނުގެ ބަސްފުޅުތައްް ކަނުލައި އަޑުއަހާށެވެ. އެހެނީ، މިއަހަރަށްފަހު، މިފަދަ މަޤާމެއްގައި (މިފަދަ ބައްދަލުވުމެއްގައި) ދެން ތިމަންކަލޭގެފާނަށް ތިޔަބައިމީހުންނާ ބައްދަލުވެދާނެކަމެއް އެނގިވަޑައެއް ނުގަނެއެވެ.،" 

އެކަލޭގެފާނުގެ ޚުޠުބާގައި ފުރަތަމަވެސް މުސްލިމުންނަށް ބަޔާންކޮށްދެއްވީ އެބައިމީހުންގެ މެދުގައި އޮންނަ ގުޅުންތައް އެމައްޗަށް ބިނާވެގެންވާ އަސާސެވެ. އެއީ ލެއާއި، މުދަލާއި، އަބުރު ހުރުމަތްތެރިވެގެންވުމެވެ. އަދި އިސްލާމްދީނުގައި އެކަންކަން މާތްކުރައްވާފައިވާ މިންވަރު ބަޔާންކޮށްދެއްވައި، އެއިން ކަމަކަށް އަރައިގަތުމުން ދުރުހެލިވުމަށް ވަސަިއްޔަތްކުރައްވަމުންނެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. "أيها الناس إِنَّ دِمَاءَكُمْ وَأَمْوَالَكُمْ وَأَعْرَاضَكُمْ عَلَيْكُمْ حَرَامٌ كَحُرْمَةِ يَوْمِكُمْ هَذَا (عرفة) فِي شَهْرِكُمْ (ذوالحجة) هَذَا فِي بَلَدِكُمْ هَذَا (البلد الحرام) أَلاَ هَلْ بَلَّغْتُ". މާނައީ: "އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މި ދުވަހުގެ (ޢަރަފާތް ދުވަހުގެ) އަދި ތިޔަބައިމީހުންގެ މި މަހުގެ (ޛުލްޙިއްޖާ މަހުގެ) އަދި ތިޔަބައިމީހުންގެ މި ރަށުގެ (ޙުރުމަތްތެރިވެގެންވާ މައްކާގެ) ޙުރުމަތްތެރިކަން ބޮޑުވެގެންވާ ފަދައިން، ތިޔަބައިމީހުންގެ ލެޔާއި، މުދަލާއި، އަބުރަކީ (އެއްބަޔަކު އަނެއްބައެއްގެ މައްޗަށް) ޙުރުމަތްތެރިވެގެންވާ ތަކެއްޗެވެ (އެއަށް އަރައިގަތުން ޙަރާމްވެގެންވެއެވެ). ދަންނާށެވެ! ތިމަންކަލޭގެފާނު (މިއަމުރުތައް) އިއްވަވައިފިން ހެއްޔެވެ؟"

އެއަށްފަހު ޤިޔާމަތް ދުވަހުން އަޅުތަކުން މާތްﷲއާ ބައްދަލުވެ، އެބައިމީހުންގެ އަމަލުތަކާމެދު އެކަލާނގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެކަން ހަނދުމަފުޅުކޮށްދެއްވައި، އަމާނާތަށް ރައްކާތެރިވެ، އޭގެ އަހުލުވެރިންނަށް ތެދުވެރިކަމާއެކު އަމާނާތް ރައްދުކުރުމަށް ބާރުއެޅުއްވިއެވެ. އެކަލޭގެފާނު ހަދީސްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. "އަދި ހަމަކަށަވަރުން، ތިޔަބައިމީހުން (ޤިޔާމަތްދުވަހުން) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއާ ބައްދަލުކުރާނެއެވެ. އެހިނދު އެކަލާނގެ ތިޔަބައިމީހުންގެ ޢަމަލުތަކާ ބެހޭގޮތުން ސުވާލުކުރައްވާނެއެވެ. އަދި ހަމަޔަގީނުންވެސް ތިމަންކަލޭގެފާނު (އެކަންކަން) އިއްވައިފީމެވެ. ފަހެ، އެމީހެއްގެ އަތުގައި އަމާނާތެއްވާ މީހާ، އެ އަމާނާތް އޭގެ ވެރިޔާއަށް ރައްދުކުރާ ހުށިކަމެވެ!"

އެއަށްފަހު ޖާހިލިއްޔަ ޒަމާނުގެ އައިބު ނުބައި އުޅުމާއި ގުޅުންތަކަށް އިއާދަނުވުމަށް އިލްތިމާސްކުރެއްވިއެވެ. ޖާހިލިއްޔަ ޒަމާނުގެ ނުބައި އަހުލާގުގެ ތެރެއިން ބަދަލުހިފުމާއި، ރިބާއާއި، އަސަބިއްޔަތާއި ހުކުމްތަކަށް ކުޑައިމީސްކުރުމާއި، އަންހެނުން ނިކަމެތިކުރުން ފަދަ ނުބައި ކަންކަމަށް އަނބުރާ އިއާދަނުވުމަށް އިންޒާރުކުރެއްވުމާއެކު، ޖާހިލިއްޔަ ޒަމާނާ އިސްލާމްކަމުގެ ފަހާ ދެމެދުގައި އޮތް ހުރިހާ ގުޅުމެއް ކެނޑިގެންގޮސްފައިވާކަން ސަރީހަ އިބާރާތުން އިއުލާނުކުރެއްވިއެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. "ދަންނާށެވެ! ޖާހިލިއްޔަ ޒަމާނުގެ (އިސްލާމްދީނުގެ ކުރީގެ) ހުރިހާ ކަމެއްމެ (އާދަކާދަތަކާއި ނުބައި އާދަތައް) ތިމަންކަލޭގެފާނުގެ ދެފަައިތިލަދަށަށްލައި ބާތިލުކުރެވިއްޖެއެވެ. އަދި ޖާހިލިއްޔަ ޒަމާނުގެ ލޭގެ ބަދަލުހިފުންތައްވެސް ބާތިލުކުރެވިއްޖެއެވެ. އަދި ހަމަކަށަވަރުން، ޖާހިލިއްޔަ ޒަމާނުގެ ރިބާވެސް ބާތިލުކުރެވިއްޖެއެވެ (އުވާލެވިއްޖެއެވެ)."

ވަދާޢީ ޚުޠުބާގައި އަންހެނާއަށް ވަރަށް މަތިވެރި މަގާމެއް ދެއްވުމާއެކު، އަންހެނުންނަށް އިސްލާމްދީނުގައި ދެއްވާފައިވާ މަގާމު ބަޔާންކުރައްވައި، އަންހެނުންނާމެދު އޯގާތެރިވުމަށާއި ހެޔޮކޮށްހިތުމަށް ފިރިހެނުންނަށް އެކަލޭގެފާނު ވަސިއްޔަތްކުރެއްވިއެވެ. އެކަލޭގެފާނުގެ ކުރު ބަޔާނުން ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނާމެދު ގެންގުޅުނު ނޭނގާނީ ނުބައި ވިސްނުންތައް ފުނޑުފުނޑުކޮށްލެއްވިއެވެ. ޙަދީސްކުރެއްވިއެވެ. "އޭ މީސްތަކުންނޭވެ! އަންހެނުންގެ ކަންތަކުގައި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ (ބިރުވެތިވާށެވެ). އެހެނީ، ހަމަކަށަވަރުން ތިޔަބައިމީހުން އެކަނބަލުން (ކައިވެނިކޮށްގެން) ތިޔަބައިމީހުންގެ ބާރުގެ ދަށަށް ގެނައީ ﷲ ގެ އަމާނާތަކާއެކީގައެވެ. އަދި އެކަނބަލުންގެ ފަރާތުން ހަލާލުކަން ހޯދީ ﷲ ގެ ބަސްފުޅުތަކުގެ (ޝަރުޢީ ކައިވެނީގެ) މަތިންނެވެ. އެހެންކަމުން، އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ތިމަންކަލޭގެފާނު ވަޞިއްޔަތް ކުރައްވަމެވެ. އެހެނީ، އެކަނބަލުންނީ ތިޔަބައިމީހުންގެ ގާތުގައި (އަމިއްލަ ނަފްސުގެ މައްޗަށް) އެއްވެސް ބާރެއް މިލްކުވެގެންނުވާ، އެހީތެރިކަމަށް ބޭނުންވެފައިވާ ބައެކެވެ."

މަގުފުރެދުމުން ރައްކާތެރިވެވެން އޮތް ހަމައެކަނި މަގަކީ ކީރިތި ޤުރުއާނާއި ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާގެ ސުންނަތުގައި ގަދައަށް ހިފުންކަން ބަޔާންކުރައްވަަމުން ޙަދީސްކުރެއްވިއެވެ. "އަދި ތިޔަބައިމީހުން އޭގައި ހިފަހައްޓައިގެން ތިބިހައި ހިނދަކު، ދުވަހަކުވެސް މަގުނޯޅޭނޭފަދަ ސާފު ބަޔާންވެގެންވާ ކަމެއް ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރެއަށް ދޫކުރައްވައިފީމެވެ. އެއީ ﷲ ގެ ފޮތް (ޤުރުއާން) އަދި އެކަލާނގެ ނަބިއްޔާގެ ސުންނަތެވެ." 

އެއަށްފަހު މުސްލިމުންގެ މެދުގައި އޮންނަންވާނީ އުޚުއްވަތްތެރިކަމުގެ ގުޅުންކަން ބަޔާންކުރައްވައި، ޙުރުމަތްތައް ކނެޑުމާއި، މީސްތަކުންގެ މުދަލަށް ބާތިލު ގޮތުގައި ބާރުފޯރުވުމާއި، އަސަބިއްޔަތާއި ތަޅާފޮޅުމަށް ރުޖޫއަވެ، ﷲގެ ނިއުމަތްތަކަށް އިންކާރުކުރުން ނަހީކުރެއްވިއެވެ. ޙައްޖަތުލް ވަދާޢުގެ ޚުތުބާގައި އެކަލޭގެފާނު ބަޔާންކުރެއްވިއެވެ. "އޭ މީސްތަކުންނޭވެ! ތިމަންކަލޭގެފާނުގެ ބަސްފުޅުތައް އަހައި، ވިސްނައި ދަންނާށެވެ! ކޮންމެ މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެއްކަމާއި، އަދި ހުރިހާ މުސްލިމުންނަކީ އުޚުއްވަތްތެރިން (އަޚުންތަކެއް) ކަން ތިޔަބައިމީހުން ކަށަވަރުންވެސް ދަންނާށެވެ. ފަހެ، އެމީހެއްގެ އަޚާގެ ހިތުގެ ރުހުމާއި ހެޔޮލަފާކަމާއެކު މެނުވީ، އެއްވެސް މީހަކަށް އޭނާގެ އަޚާގެ މުދާ ޙަލާލެއް ނުވާނެއެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް އަނިޔާވެރިނުވާށެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! ތިމަންކަލޭގެފާނު (މިކަންކަން) އިއްވައިފިން ހެއްޔެވެ؟ އަދި ތިޔަބައިމީހުން (ޤިޔާމަތްދުވަހުން) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއާ ބައްދަލުކުރާނެއެވެ. ފަހެ، ތިމަންކަލޭގެފާނު (ދުނިޔެ) ދޫކުރެއްވުމަށްފަހު، އެއްބަޔަކު އަނެއްބައެއްގެ ކަރުތައް ބުރިކޮށް ހަދާ ކާފިރުންތަކެއްގެ ގޮތުގައި ތިޔަބައިމީހުން އެނބުރި ނުދާހުށިކަމެވެ!"

އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. "أيها النّاسُ إن رَبَّكُمْ وَاحِدٌ، وإنّ أَبَاكُمْ واحِدٌ، كُلكُّمْ لآدمَ، وآدمُ من تُراب، أَكرمُكُمْ عندَ اللهِ أتْقَاكُمْ وليس لعربيّ فَضْلٌ على عجميّ إلاّ بالتّقْوىَ، أَلاَ هَلْ بلَّغْتُ،اللّهُمّ اشْهَدْ". މާނައީ: "އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ އެއްކައުވަންތަ ކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ބަފާލަކީވެސް އެކެކެވެ (އެއީ އާދަމްގެފާނެވެ). ތިޔަބައިމީހުންގެ އެންމެންނީ އާދަމްގެފާނުގެ ދަރިފަސްކޮޅެވެ. އަދި އާދަމްގެފާނު ހެއްދެވުނީ ފަސްގަނޑުންނެވެ. ﷲ ގެ ޙަޟްރަތުގައި ތިޔަބައިމީހުންގެ ތެރެއިން އެންމެ މާތްކަން ބޮޑީ، އެންމެ ތަޤުވާވެރި (ބިރުވެތިވާ) މީހާއެވެ. އަދި ތަޤުވާވެރިކަމުން މެނުވީ، ޢަޖަމީއެއްގެ (ޢަރަބިއެއް ނޫން މީހެއްގެ) މައްޗަށް ޢަރަބިއަކަށް އެއްވެސް މާތްކަމެއް ނުވެއެވެ. ދަންނާށެވެ! ތިމަންކަލޭގެފާނު (މިކަން) އިއްވައިފިން ހެއްޔެވެ؟ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ހެކިވެވޮޑިގެންވާށެވެ!"

މި ޚުޠުބާގައި ހިމެނޭ މުހިއްމު ޙައްޤުތައް 

ލޭގެ ޙުރުމަތް މި ޚުޠުބާގައި ސާފުކޮށް ބަޔާންކުރެއްވުމާއެކު، ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާވަނީ ޖާހިލިއްޔަ އާދަތަކުގެ ތެރެއިން ބަދަލުހިފުމުގެ އާދަ އެއްކޮށް އުވައިލައްވާފައެވެ. އަސްލަހަކީ ނަފްސުތައް މައުސޫމުވެގެންވުމާއި، އެ ނަފުސުތަކަށް އަރައިގަތުން ހަރާމްވެގެންވުންކަން ބަޔާންކުރެއްވިއެވެ. 

އަމާންކަމުގެ ޙައްޤަކީ ކޮބައިކަން އެ ޚުޠުބާގައި ބަޔާންކުރެއްވިއެވެ. އެއީ ނަފުސާއި މުދަލާއި އަބުރު ރައްކާތެރިވެގެންވާ މުޖުތަމައެއްގައި ގާއިމުވެފައި އޮންނާނެ ހައްގެކެވެ. އަދި މުޖުތަމައުގައި ޖަމާއީ ރައްކާތެރިކަން އޮންނަ ފަދައިން ފަރުދީ ރައްކާތެރިކަންވެސް އޮންނަންޖެހޭނެކަން ބަޔާންކޮށްދެއްވިއެވެ. 

އާއިލީ ގުޅުމާއި ޒަވާޖީ ހަޔާތް ބިނާވަނީ ހިއްސާވަނިވި ބައިވެރިވުމާއި، އެކަކު އަނެކަކާމެދު ހެޔޮގޮތުގައި މުއާމަލާތްކުރުމާއި، އާއިލީ ގުޅުންތަކުގައި ލޯތްބާއި ކުލުނު އިސްކުރުމުގެ މައްޗަށްކަން ބަޔާންކޮށްދެއްވިއެވެ. މިންތިއާއި ގިންތިއާއި ނަސްލާއި ކުލައިގެ ތަފާތުގެ މައްޗަށް ބިނާކޮށް މީހުންގެ މެދުގައި ތަފާތުކުރުން މަނާކުރައްވައި، މަދަނީ ހައްގުތަކާއި ވާޖިބުތަކުގައި އެންމެންގެ މެދުގައި ހަމަހަކަން ގާއިމުކުރެއްވުމުގެ މަތިވެރި އުސޫލު ބަޔާންކޮށްދެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު