ENGLISH

25 މޭ 2026

Advertisement

އައްޑޫ ލިންކް ރޯޑު ހެދުމަށް ބޭނުންވާ ސާމާނު ފޮނުވައިފި؛ އަމާޒަކީ މުއްދަތުގައި މަސައްކަތް ނިންމުން

25 މޭ 2026

|

ޝިފްޒާން އަޙްމަދު

އައްޑޫ ލިންކްރޯޑު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން، ފޮޓޯ: އާރްޑީސީ

އައްޑޫ ސިޓީގެ ލިންކު ރޯޑުގެ މަސައްކަތް ނިންމުމަށް ބޭނުންވާ ސާމާނު އައްޑޫ ސިޓީއަށް ފޮނުވާފައިވާކަމަށާއި، އަމާޒަކީ އެ މަސައްކަތް ކުރުމަށް ކަނޑައެޅި މުހުލަތުގެ ތެރޭގައި މަސައްކަތް ނިންމުންކަމަށް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ)އިން ބުނެފިއެވެ. 

އާރްޑީސީން އެމްއެމްޓީވީއަށް މައުލޫމާތު ދިން ގޮތުގައި ލިންކް ރޯޑު މަރާމާތުކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް އައްޑޫއަށް މިހާރު ފޮނުވާފައިވެއެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ މަސައްކަތް ހަލުއިކޮށް ކުރިއަށްގެންދިއުމަށް މަސައްކަތްކުރަމުންދާއިރު، ހަދަންޖެހޭ ހުރިހާ ސާވާއެއް މިހާރު ނިންމާލާފައިވާ ކަމަށެވެ. 

މިހާރު ކުރިއަށްދާ މަސައްކަތަކީ މަގު ފުޅާކޮށް އިތުރު ލޭނުތައް ހެދުމަށްޓަކައި އެ ސަރަހައްދުގައި ހުރި ބައެއް ގަސްގަހާގެހި އެހެނިހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތްކަމަށް އާރްޑީސީން ބުންޏެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެއެވެ. 

އެ މަސައްކަތް ކުރުމަށް އައްޑޫއަށް ފޮނުވި ސާމާނުގެ ތެރޭގައި ބަރު އުޅަނދުފަހަރާއި އެ މަސައްކަތަށް ބޭނުންވާ މުހިއްމު އެހެން އާލާތްތައް ހިމެނެއެވެ. އާެރްޑީސީން ބުނެފައިވަނީ އެ ކުންފުނިން އަމާޒުހިފާފައިވަނީ މަސައްކަތް ނިންމަން ކަނޑައެޅި މުހުލަތުގެ ތެރޭގައި މަސައްކަތް ނިންމުން ކަމަށެވެ. 

މި މަޝްރޫއަކީ 829 މިލިއަަނަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއު އާރްޑީސީއާ ހަވާލުކުރީ ތިން އަހަރާއި 11 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަޝްރޫއުގައި ހިމެނެނީ ތިން މަގެއްގެ މަސައްކަތެވެ. އޭގެ ތެރޭގައި 67.58 ކިލޯމީޓަރުގެ މަގު ހެދުން ހިމެނެއެވެ. އަދި އެ މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކުރާނެއެވެ. 

އަދި މިހާރު ހުރި ތާރު މަގުތަކުގައި އިތުުރު ތާރަ ފަށަލައެއް ލުމާއި، މިހާރު ގާ އަތުރާފައިހުރި މަގުތަކުން ގާ ނަގައި އެތަންތަނުގައި ތާރު އެޅުމަކީވެސް މަޝްރޫއުގެ ތެރޭގައި ހިމެނިގެން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ. މި މަޝަރޫއުގެ މަސައްކަތްތައް ހިތަދޫއާއި، ފޭދޫއާއި މަރަދޫއާއި ހުޅުދޫ އަދި މީދޫގައި ކުރިއަށްގެންދަން ހަމަޖެހިފައިވެއެވެ. 

އައްޑޫ ލިންކް ރޯޑް އަލުން ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން 150 މިލިމީޓަރުގެ ސީޓީބީ ފަށަލައަކާއި، 40 މިލިމީޓަރުގެ ބޯމިނުގެ ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މިހާރު ހުރި ދުވާރުތަކާއި ތާރުތައް ކޮނެގެން ނަގައި، ހައިވޭގެ 4 ލޭން ހިމެނޭ ސަރަހައްދުތަކުން ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު