ENGLISH

25 މޭ 2026

Advertisement

ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

25 މޭ 2026

|

އާމިނަތު ނުޒްލާ

ރާއްޖޭގެ މޫސުން ގޯސް-- ފޮޓޯ: މެންދުރު ޓީވީ

ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ. އެއީ މިއަދު މެންދުރު 12:00 އިން ފެށިގެން އިރުއޮއްސި 18:00 އާ ހަމައަށެވެ.

މެޓް އިން ބުނެފައި ވަނީ ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި މި ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

ފާއިތުވި 24 ގަޑިއިރަށް ބަލާއިރު އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑް ކުރެވިފައިވަނީ ހދ. ހަނިމާދޫއަށެވެ. އެއީ 33.2 މިލިމީޓަރުގެ ވާރޭ އެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ ރ. އަލިފުށްޓަށެވެ. އެއީ 26.6 މިލިމީޓަރުގެ ވާރޭ އެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އަދި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށްވެސް މެޓް އިން ލަފާކޮށްފައިވެ އެވެ.

ރާއްޖޭގެ ކަނޑުގެ ރާޅުތަކުގެ އުސްމިން ހުންނާނެ ކަމަށް ދެކުނަށް ލަފާކޮށްފައިވަނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދު އެވެ.

މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ އެންމެ މޫސުން ގޯސްވާ ދުވަސްވަރެވެ. އެހެންކަމުން ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށާއި، އެ އިދާރާއިން ނެރެމުން އަންނަ މޫސުމުގެ އެލާޓުތަކަށް ވެސް ސަލާލުކަން ދިނުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެ އެވެ. މަގުމަތީގައި ދުއްވާ ފަރާތްތަކުންވެސް ސަމާލުކަންދޭންވި ކަންތައްތައް، ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވެ އެވެ.

މޫސުން ގޯސްވުމާއި ގުޅިގެން ކަމާގުޅުން ހުރިހާ އިދާރާތަކުން ވެސް އަންނަނީ، ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ނުވަތަ ގެއްލުން ކުޑަކުރުމަށްޓަކައި، މޫސުމަށް ސަމާލުވުމަށް ނަސޭހަތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު