ENGLISH

25 މޭ 2026

Advertisement

ހިތަދޫ އުތުރު ބައި އިލެކްޝަން: ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

25 މޭ 2026

|

އައިމިނަތު ޝަފާ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު މިހާރުވަނީ އާންމުކޮށްފައި.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި އެވެ. 

އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގައި 4،121 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބެއެވެ. 

މި އިންތިހާބުގައި ޖުމްލަ ހަތް ފޮށްޓެއް ބަހައްޓާއިރު އެއީ މާލޭގައި ދިރިއުޅޭ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ހާއްސަކޮށް ބަހައްޓާ ދެ ފޮށްޓާއި އައްޑޫގައި ބަހައްޓާ ފަސް ފޮއްޓެވެ. 

މާލޭގައި ވޯޓުފޮށި ބަހައްޓާނީ ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތުގަ އެވެ. އަދި އައްޑޫ ސިޓީގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ ހިތަދޫ ސްކޫލުގަ އެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓު އަދި ކޮމިޝަނުގެ ވެބްސައިޓުން ފެންނަން ހުންނާނެ އެވެ. 

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރަނީ މައި ދެޕާޓީގެ ކެންޑިޑޭޓުން ނެވެ. އެގޮތުން ޕީއެންސީގެ ފަރާތުން މި ބައި-އިލެކްޝަނުގައި ވާދަކުރައްވާނީ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަހްމަދު ސައީދެވެ. ސައީދަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓް ނަމްބަރު އެކެކެވެ. 

ދެން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީީޕީގެ ކެންޑިޑޭޓް، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ)އަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓް ނަންބަރު ދެ އެކެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00އަށެވެ.

ކިޔުންތެރިންގެ ހިޔާލު