ENGLISH
20 އޭޕްރީލު 2025
އުސޫލުތަކާ ޚިލާފަށް ދިިން ބަދަލު: އެމްޑީޕީ ސަރުކާރުން ހިންގި ބޮޑު ވައްކަމެއް
21 ޑިސެމްބަރު 2024
|
ދައުލަތުގެ ބަންޑާރަ ނައިބް: ސެޓުލްމަންޓް އެގްރީމެންޓްތައް އުފެދުމުގައިވެސް ބާތިލު
އެއްބަސްވުންތައް އުވާލައިގެން ގެއްލުންވި ފަރާތްތަކަށް ބަދަލު ނަގައިދޭން، މިދިޔަ ސަރުކާރުން އެކުލަވާލި ސެޓްލްމެންޓް ކޮމިޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުވާލެއްވީ، ދައުލަތުން ބޮޑު ބަދަލެއް ދޭން ޖެހޭ ގޮތަށް މައްސަލަތައް އެ ކޮމިޓީން ނިންމަަވާފައިވާތީއެވެ. މިއީ ކުރީ ސަރުކާރުން ފާޅުގައި ހިންގާފައިވާ ބޮޑު ވައްކަމެކެވެ. ރައީސް ޑރ. މުޢިއްޒުގެ ކޮރަޕްޝަނާ ދެކޮޅު ސިޔާސަތުގެ ދަށުން މި ފިޔަވަޅު އެމަނިކުފާނު އެޅުއްވީ ވަރަށް ސާބިތު ކަމާއެކުގައެވެ. އެކަމުގެ ސަބަބުން ކުރިމަތިވާނެ ޕްރެޝަރުތައް ރަނގަޅަށް އެނގިވަޑައިގެން ހުންނަވައެވެ. އެހެން ނަަމަވެސް ދޫދެއްވުމެއް ނެތިއެވެ.
ރައީސުމްޖުމްހޫރިއްޔާގެ އޮފީހުން ކުރިން ވިދާޅުވެފައިވާ ގޮތުގައި، ސެޓްލްމަންޓް ކޮމެޓީ އުވައިލެއްވިއިރު، އެ ކޮމިޓީން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމައިފަ އެވެ. ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާއި ރަށްތަކާއި ފަޅު ފަދަ ތަންތަން އަގުމަގު ކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި އެއް ބިލިއަން ރުފިޔާގެ އަގުހުރި ހަރު މުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީން ނިންމާފައިވެ އެވެ.
މި ދައްކަނީ ކުޑަކުޑަ އަދަދެއްގެ ވާހަކައެއް ނޫނެވެ. މުދަލާއި ފައިސާގެ ޖުމްލަ އަގު އެއްބިލިއަނަށް އަރާކަމީ ދިވެހި ރައްޔިތުން މިކަމާމެދު ފުންކޮށް ވިސްނާލަން ޖެހޭ ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އޭރުގެ މިނިސްޓަރެއްގެ އާއިލީ މަސްހަތު ވެސް ހިމެނޭ ގޮތުން ވަކި ބަޔަކަށް މިހާ ބޮޑެތި އަދަދުތަކުން ބަދަލުދޭން ކުރީ ސަރުކާރުން ނިންމުމާއެކު އޭރުވެސް ގިނަ ބަޔަކު ސަރުކާރަށް ފާޑުކިއުންތައް އަމާޒުކުރިއެވެ. އަދި މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ވެސް އެކަން އޭރުގެ ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ ސަމާލުކަމަށް ގެންނެވި ނަމަވެސް ނިމިދިޔަ ވެރިކަމުން އެހުރިހާ ކަމަކަށް ދެއްވާފައިވަނީ ބީރު ކަންފަތެކެވެ. ދައުލަތުގެ މާލިއްޔަތުންނާއި ގައުމުގެ ހަރުމުދަލުން ބަދަލު ދިނުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ކަހާތަން ހިރުވާވެސް ނުލާ އުސޫލުން އެއްވެސް ބަޔަކު އެކަމާ ދެކޮޅަށް ދެއްކި ވާހަކަތަކަށް ފަރުވާލެއް ނުބަހައްޓަވައެވެ.
ކުރީގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ފައިސާ އާއި މުދާ ހިމެނޭ ގޮތުން އެއް ބިލިއަނަށް ވުރެން ގިނަ ރުފިޔާ ދައުލަތުން ނަގައިދޭން ނިންމައި ހެދި ޖުމްލަ ނުވަ އެއްބަސްވުމެއް އުފެދުމުގައި ވެސް ބާތިލު ކަމަށް މިހާރުގެ ބަންޑާރަނައިބުގެ އޮފީހުން ކަނޑައެޅުއްވީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެއީ ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމަށް އެޓާނީ ޖެނެރަލް އޮފީހުން ކުރެއްވި ޤާނޫނީ ދިރާސާތަކުން ބާރުލިބިގެންނެވެ.
ބަންޑާރަނައިބުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ ކުރީގެ ސަރުކާރުގައި އެކުލަވާލި، ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުގެ ދަށުން ސޮއިކުރައްވާފައިވާ ނުވަ ސެޓްލްމަންޓް އެއްބަސްވުމަކީ ބާތިލް އެއްބަސްވުންތަކެއް ކަމާއި، އެ އެއްބަސްވުންތަކަށް އަމަލުކުރަން ނުޖެހޭ ކަމަށް ބަންޑާރަނައިބު ނިންމަވައި، ކަމާބެހޭ އިދާރާތަކަށް އެކަން އަންގަވާފައިވާ ކަމަށެވެ.
އުފެދުމުގައިވެސް ބާތިލުކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ނިންމަވާފައިވާ އެއްވެސްވުންތަކަކީ؛
1. ލެޝާ ބީޗް ޕްރައިވެޓް ލިމިޓެޑް: ވ. ފޮއްތެޔޮބޮޑުފުށީގެ ލީސް އިތުރުކޮށްދިނުން.
2. ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް: 26 މިލިއަން ރުފިޔާ
3. އެގްޒޯޓިކް ޕްރޮޕަޓީޒް ޕްރައިވެޓް ލިމިޓެޑް: ނ. އެކުޅިވަރު 99 އަހަރަށް.
4. ދީބާޖާ އިންވެސްޓްމަންޓް: 64 މިލިއަން ރުފިޔާ.
5. އަމްސަން އެންޑް ފުޑް ބެވަރޭޖް ޕްރައިވެޓް ލިމިޓެޑް: 5.1 މިލިއަން ރުފިޔާ.
6. ސްލިއާ ސޭންޑްސް ޕްރައިވެޓް ލިމިޓެޑް: ތ. ވަންބަދި، ކަނި އަދި ފުށި 50 އަހަރަށް އަދި އއ. މާފަރުފަޅު.
7. ބްލޫ ލެގޫން އިންވެސްޓްމަންޓް: އއ. މަޑޫގަލީ 50 އަހަރަށް އަދި 20 މިލިއަން ޑޮލަރުގެ ބަދަލުގައި ރ. ވިލިނގިލި، ރ. ތާވަތާ، ރ. އޮރިމަސްފަރުން 50 އަހަރަށް ބިން.
8. އަބްދުﷲ އަލީ، ހ. ގިރިތެރެގެ: ހދ. ހޮނޑާފުށި 50 އަހަރަށް އަދި އެ ރަށުގެ ކުއްޔާއި ޖޫރިމަނާ މާފުކުރުން.
9. ޖޭއެޗް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް: ހދ. ކުޑަމުރައިދޫ 50 އަހަރަށް އަދި ކުރީގެ ކުއްޔާއި ޖޫރިމަނާ މާފުކުރުން.
މީގެއިތުރުން، މި އެއްބަސްވުންތަކަކީ އުފެދުމުގައިވެސް ބާތިލް އެއްބަސްވުންތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ގަބޫލުކުރެވޭތީ، އެ އެއްބަސްވުންތައް ބާތިލްކުރުމަށް ގާނޫނީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށާއި، ދީފައިވާ ބަދަލެއް އަނބުރާ ހޯދުމަށް އަންގާފައިވާ ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"އެހެންކަމުން، އެ އުސޫލުގެ ދަށުން، ނިމިދިޔަ ރިޔާސީ ދައުރުގެ ތެރޭގައި ސޮއިކޮށްފައިވާ ނުވަ ސެޓްލްމަންޓް އެއްބަސްވުމަކީ، ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުންތަކެއް ނޫންކަމާއި، އެއީ ބާތިލް އެއްބަސްވުންތަކެއް ކަމާއި، އެ އެއްބަސްވުންތަކަކީ އަމަލުކުރަންނުޖެހޭ އެއްބަސްވުންތަކެއް ކަން ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް ބަންޑާރަނައިބު ވަނީ އަންގަވާފައެވެ،" އެ ބަޔާނުގައި ވިދާޅުވެފައި ވެއެއެވެ.
"މި މައްސަލަތައް ދިރާސާކުރިއިރު، ބަދަލު ދޭން ހެދި އުސޫލަކީ ގާނޫނުއަސާސީއާއި، ގާނޫނާ ޚިލާފަށް އެކުލަވާލާފައިވާ އުސޫލެއް ކަމާއި، އެ އުސޫލުގެ ދަށުން ނިންމާފައިވާ ނިންމުންތަކާއި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކަކީ، ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ ބަހެއް ނެތި، ވަކި ފަރާތްތަކަކަށް ނުޙައްގު މުއްސަނދިކަމެއް ލިބޭގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަން ފާހަގަކުރެވިފައިވެއެވެ."
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ އެންގެވުމެއްގެ މައްޗަށް ބިނާކުރައްވައި އެ އެއްބަސްވުންތަކަށް އަމަލުކުރުން މަޑުޖައްސަވާލައްވަން ދައުލަތުގެ މުވައްސަސާތަަކަށް ބަންޑާރަނައިބު އަންގަވާފައިވަނީ މިދިޔަ މާރޗް މަހުގެ ތެރޭގަ އެވެ.
ޤާނޫނު އަސާސީއާއި ގާނޫނާއި ގަވާއިދުތަކާ އުސޫލުތަކާ ވެސް މުޅިން ޚިލާފަށް ކުރީ ސަރުކާރުން ސެޓުލްމަންޓް އެގްރީމެންޓްތަކެއް އެކުލަވާލައި، ހައްގުނޫން އެތައް ފައިސާއަކާ މުދަލެއް ގާތް މީހުންނަށް، ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ނުހަނު ގެއްލުންވާ ގޮތަށް ދޫކޮށްލައްވަން ކުރީ ސަރުކާރުން ނިންމެވުމަކީ ފާޅުކަން ބޮޑު ކޮރަޕްޝަނެކެވެ. ޖިނާއީ ތަހުގީގެއް ކެރިގެން ހިންގައި، އެކަމުގައި ޝާމިލްވާ މީހުންނަށް ހައްގު އަދަބު ދޭން ޖެހޭ ބޮޑު ކުށެކެވެ. އެކަމުގެ ފުރަތަމަ ފިޔަވަޅު ރައީސް ޑރ. މުޢިއްޒު އެވަނީ ކެރިވަޑައިގެން އަޅުއްވާފައެވެ. ދެން އޮތީ ދައުލަތުގެ ކަމާބެހޭ މުުވައްސަސާތަކުން މިކަމުގެ މަތިން ހަނދާން ނައްތާނުލައި، އަވަސް އަދި ސީރިއަސް ތަހުގީގެއްކޮށް ރައްޔިތުންނަށާއި ގައުމަށް ހައްގާއި އިންސާފު ހޯދައިދިނުމެވެ. އެގްރީމެންޓްތައް ބާތިލްކުރުމާ ހަމައިން މިކަން އޮއްބާލެއްވޭކަށް ނެތެވެ. މިއީ ބިލިއަނުގެ ބޮޑު ވައްކަމަކަށްވާތީއެވެ. ދިވެހި ތާރީޚުގެ ފަހުގެ ތާރީޚެއްގައި ހިންގާފައިވާ އެންމެ ބޮޑު އެއް ޚިޔާނާތަަށް ވާތީއެވެ.