ENGLISH

25 މޭ 2026

Advertisement

ނޭޕާލް އަތުންވެސް ބަލިވެ ރާއްޖެ ރޭންކިން ބުރަށް

25 މޭ 2026

ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕުގައި ނޭޕާލް އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ކާވާ

މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިންވަނަ މެޗުން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލް އަތުން ބަލިވެއްޖެއެވެ.

މި މަހުގެ 22-29 ގެ ނިޔަލަށް ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއިން އިއްޔެ ކުޅުނު މެޗުންވެސް ބަލިވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ނޭޕާލުން ގެންދިޔައީ 25-12، 25-9 އަދި 25-20 އިންނެވެ.

މި މެޗުން ރާއްޖެ ބަލިވިއިރު، ގްރޫޕް އޭގައި ކުޅުނު ތިން މެޗުންވެސް ރާއްޖެ ވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ. އެގޮތުން މީގެ ކުރިން ވަނީ ވަރުގަދަ ކިރްގިސްތާން އަދި އިންޑިއާ އަތުން ބަލިވެފައެވެ.

މި މެޗުތަކުން ސީދާ ތިން ސެޓުން ބަލިވުމާއެކު ރާއްޖެ ވަނީ ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުއިއްޔާ، އެފްއައިވީބީން ދާދި ފަހުން އިއުލާންކުރި ދުނިޔޭގެ ރޭންކިންގެ 70 ވަނައަށް ވެއްޓިފައެވެ. މީގެ ކުރިން ރާއްޖެ އޮތީ ރޭންކިންގެ 63 ވަނައިގައެވެ.

ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން ބަލިވުމާއެކު ރާއްޖެ ދެން ވާދަކުރާނީ ރޭންކިން ބުރުގައެވެ. ކްލަސިފިކޭޝަން ރައުންޑުގެ ނަމުގައި ކުޅޭ މި ބުރުގައި މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން 5-8 ވަނައަށް ދާ ގައުމުތައް ރޭންކް ކުރެވިގެންދާނެއެވެ. އެ ބުރުގެ މެޗުތައް އޮންނާނީ މި މަހުގެ 26 އާއި 27 ވަނަ ދުވަހެވެ. އަދި 28 ވަނަ ދުވަހު ސެމީގެ މެޗުތައް ކުޅޭއިރު، ތިންވަނަ ހޮވާ މެޗާއި ފައިނަލް މެޗު އޮންނާނީ 29 ވަނަ ދުވަހެވެ.

ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ޓީމަށް އިރުޝާދުދެނީ އަޙްމަދު ނަދީމް (ނަދީމްބެ) އެވެ. އަދި އެސިސްޓަންޓް ކޯޗުންނަކީ ފަތުހުﷲ ވަހީދާއި އައިމިނަތު ޒީނާއެވެ.

ކިޔުންތެރިންގެ ހިޔާލު