ENGLISH
02 ޖޫން 2025
މުސްތަގުބަލުގައި ކެރަމްގެ ކޮންމެ މުބާރާތެއްގައި ޖޫނިއާ ކެޓަގަރީ ހިމަނާނެކަމުގެ ޔަގީންކަން ސީއޭއެމް އިން ދީފި
21 ޑިސެމްބަރު 2024
|
ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ، ހުސެއިން ރައުޝާން (ވ) ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: މިހާރު
ކުރިއަށް އޮތް ތާނގާއި ބާއްވާ ކެރަމްގެ ހުރިހާ މުބާރާތެއްގައިވެސް ޖޫނިއާ ކެޓަގަރީ ހިމަނާނެ ކަމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން ބުނެފިއެވެ.
އެމްއެމް އަށް ދިން އިންޓަވިއުއެއްގައި، ސީއޭއެމްގެ ޖެނެރަލް ސެކެޓްރީ، ހުސައިން ރައުޝާން ވިދާޅުވީ، ރޭންކިންގ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ޖޫނިއާ ކުޅުންތެރިންނަށް ޚާއްޞަކޮށް އެންމެ ފަހުގެ ކެރަމް ކޮމިއުނިޓީ ޝީލްޑްގައި ބޭއްވި ޖޫނިއާ އިވެންޓަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށެވެ.
މިއާއެކު، ކުރިއަށް އޮތް ތާނގާއި ކެރަމްގެ ހުރިހާ މުބާރާތެއްގައި ޖޫނިއާ ކެޓަގަރީގެ އިތުރުން ސަބް-ޖޫނިއާ ކެޓަގަރީވެސް ހިމަނާނެ ކަމަށް ރައުޝާން ވިދާޅުވިއެވެ.
ނިމިދިޔަ ކެރަމް ކޮމިއުނިޓީ ޝީލްޑްގައި ޖޫނިއާ ކެޓަގަރީ ހިމެނުމުން ޖޫނިއާ ކުޅުންތެރިންގެ އިތުރުން އެ ކުދިންގެ ބެލެނިވެރިންގެ ފަރާތުން ވަރަށް ޕޮޒިޓިވް ކޮމެންޓް ލިބިފައިވާ ކަމަށް ވެސް ރައުޝާން ފާހަގަކުރެއްވިއެވެ.
ރައުޝާން އިތުރަށް ވިދާޅުވީ، ކެރަމްގެ ރޭންކިންގ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ޖޫނިއާ އިވެންޓެއް ބޭއްވުމުގެ މައިގަނޑު މަގްޞަދަކީ، ދުވަހެއް ދުވަހަކަށް ޖޫނިއާ އެތުލީޓުން އިތުރުވަމުން އަންނާތީވެ، އެ ކުޅުންތެރިންގެ މެދުގައި ފޯރިގަދަ ވާދަވެރި މެޗުތަކެއް ކުޅުވުމުގެ ބޭނުމުގައި ކަމަށެވެ.
ރައުޝާން ވިދާޅުވީ، މި އަހަރު ދެން އިތުރު މުބާރާތެއް ނޯންނާނެ ކަމަށާއި، މިހާރު ވަމުންދާ ތައްޔާރީތަކަކީ ކުރިއަށް އޮތް އަހަރުގައި ބައިނަލްއަގުވާމީ ދެ މުބާރާތެއް އޮތުމުން އެކަމަށް ވާންޖެހޭ ތައްޔާރީތަކުގެ އިތުރުން ރާއްޖޭގައި ބޭއްވުމަށް ރޭވިފައިވާ މުބާރާތްތަކުގެ އިންތިޒާމީ މަސައްކަތްތައް ކަމަށެވެ.
ދެވަނަ ކެރަމް ކޮމިއުނިޓީ ޝީލްޑްގެ ޖޫނިއާ ކެޓަގަރީގެ އިވެންޓްގެ ނަތީޖާތައް:
ޖޫނިއާ އަންހެން ސިންގަލްސް ޗެމްޕިއަން: އައިޝަތު މަންޝާ ޝަމީމް
ޖޫނިއާ ފިރިހެން ސިންގަލްސް ޗެމްޕިއަން: އަހުމަދު މައިޝާން
ޖޫނިއާ ފިރިހެން ޑަބަލްސް ޗެމްޕިއަން: މީކާއިލް ބިން މަދާދުﷲ އާއި މުޙައްމަދު ޒީހާން
ޖޫނިއާ އަންހެން ޑަބަލްސް ޗެމްޕިއަން: އާމިނަތު އިލްހާ ނިޔާޒް އާއި ޒުލައިޚާ ލީން ހުސައިން
Ali Niyaz ·