ENGLISH
20 އޭޕްރީލު 2025
ފެންބޮޑުވުމުގެ ސަބަބުން 5 ގެއަކުން މީހުން ބަދަލުކުރަނީ
21 ޑިސެމްބަރު 2024
|
ފޮޓޯ: އެމްއެންޑީއެފް
ރޭ މާލެއަށް ކުރި ވިއްސާރައިގައި ގެތަކަށް ފެން ވަނުމުގެ ސަބަބުން 5 ގޭބީސީއަކުން މީހުން ބަދަލުކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން ވިދާޅުވީ މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެސިޓީއަށް ކުރި ވިއްސާރައިގަ ގެތަކަށް ފެންވަދެ، 5 ގެއަކުން މީހުން ބަދަލުކުރަން ޖެހުނު ކަމަށެވެ.
އެމީހުން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދިޔައީ ރެޑްކްރޮސަންޓާއި ޑިޒާސްޓާ ގުޅިގެންނެވެ. ޙިސާން ވިދާޅުވީ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ގެތަކަށް ފެން ވަންނަމުންދިއުމާ ގުޅިގެން ގިނަ ގޭތަކަކުން ވެލިބަސްތާ ޖަހަން ޖެހުނު ކަމަށެވެ.
އެހެންކަމުން 5،000 ވެލިބަސްތާ އެންޑީއެމްއޭއިން ސިޓީ ކައުންސިލަށް ދޫކޮށްފައިވާކަމަށް ޙިސާން ވިދާޅުވިއެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި މިހާތަނަށް އެންމެގިނައިން ވާރޭ ވެހުނީ މާލެއަށެވެ.
ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެފައިވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.