ENGLISH
23 މޭ 2026
"ވަޠަނީ ހިދުމަތުގެ ދަރިވަރުންވާނީ ގައުމަށް ޒިންމާދާރު ހިދުމަތެއްދޭ ބަޔަކަށް"
23 މޭ 2026
|
ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، ޙަސަން ރަޝީދު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ. ފޮޓޯ: ދިފާޢީ ވުޒާރާ
އެންމެ މަޤްބޫލު
ދިވެހި ވަޠަނީ ހިދުމަތުގެ ދަރިވަރުންވެގެންދާނީ ގައުމަށް ޒިންމާދާރު ހިދުމަތެއް ފޯރުކޮށްދޭ ބަޔަކަށްކަމަށް ދިފާއީ އަދި ވަޠަނީ ހިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ދިވެހި ވަޠަނީ ހިދުމަތުގެ ފަންނީ ޕްރޮގުރާމުގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މިއީ މުސްތަޤުބަލަށް ފަންނުވެރި ޒިންމާދާރު ޒުވާނުން ބިނާ ކުރާ ޕްރޮގްރާމެއްކަމަށެވެ.
މި ޕްރޮގްރާމް ފުރިހަމަ ކުރާ ދަރިވަރުން ބޭނުންވާ ދާއިރާއަކުން ވަޒީފާ ހޯދައިދިނުމުގެ މަސައަކަތް ސަރުކާރުން ކުރަމުން އަންނައިރު މި ޕްރޮގްރާމުގެ ކާމިޔާބީ އަކީ ބެލެނިވެރިން ކުރައްވާ އިތުބާރު ކަމަށް ވިދާޅުވި އެވެ. އަދި ދަރިވަރުން އަނބުރާ ދިއުމުން މިޕްރޮގްރާމުގެ ކާމިޔާބީ ވަޒަން ކުރުމުގެ ފުރުސަތު ބެލެނިވެރިންނަށް ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވި އެވެ.
"މުސްތަގުބަލުގައި ފަންނުވެރި އަދި ޒިންމާދާރު ހިދުމަތްތަކެއް ކޮށްދޭނެ ޒުވާނުންނަށް ވެގެންދާނެ. ގައުމަށް ފައިދާ ހުރި ރޮނގުތަކުން ކުރިއަށް ދިއުމަށް އިލްތިމާސް ކުރަން،". ވަޒީރު ވިދާޅުވި އެވެ.
ދިވެހި ވަޠަނީ ހިދުމަތުގެ ފަންނީ ޕްރޮގުރާމުން 63 ބައިވެރިޔަކު މިއަދު ވަނީ ދަސްވެނިވެފަ އެވެ.
ވަޠަނީ ހިދުމަތުގެ ޕްރޮގުރާމުގެ ދަށުން އިބްތިދާއީ ނުވަތަ އިނިޝިއަލް ތަމްރީނު ފުރިހަމަކުރި ފުރަތަމަ ބެޗުގެ ދަރިވަރުންގެ ތެރެއިން ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވުމަށް އެދި ކުރިމަތިލި ބައިވެރިން ތަމްރީނުތައް ފުރިހަމަކޮށްފައިވަނީ އެމްއެންޑީއެފްއިން ބ. ކިހާދޫގައި ގާއިމުކޮށްފައިވާ ގައުމީ ދިފާއީ ބާރުގެ ތަމްރީނު މަރުކަޒުގަ އެވެ.
މި ޕްރޮގްރާމުގައި ރާއްޖޭގެ 15 އަތޮޅެއްގެ 35 ރަށަކަށް ނިސްބަތްވާ 65 ޒުވާނުން ބައިވެރިވެފައި ވެއެވެ. މީގެ ތެރެއިން 63 ބައިވެރިޔަކު ވަނީ ތަމްރީނުތައް ނިންމާލާފަ އެވެ. ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި މައިގަނޑު ހަ ދާއިރާއަކުން ދަރިވަރުން ތަމްރީނުކޮށްފައި ވެއެވެ. އެއީ އިލެކްޓްރިޝަން، އޮޓޯމޮބައިލް އިންޖިނިއަރިން، މެރިން އިންޖިނިއަރިން، ރެފް އެންޑް އޭސީ، އޮފީސް މެނޭޖްމެންޓް އަދި ބިލްޑިން އެންޑް ފެބްރިކޭޝަންގެ ދާއިރާތަކެވެ.
ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން އަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ދެއްވި އިފުތިތާޙީ ތަޤްރީރުގައި ވިދާޅުވި، އިންސާނުން ބިނާކުރުމާއި ޤައުމުގެ ސިނކުޑިތައް ބިނާކުރުމުގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ތަނބެވެ. އަދި، އެއީ ޒުވާނުން ތަރައްޤީކޮށް، ޒުވާނުން ބާރުވެރިކޮށް، ޤައުމަށް ފައިދާ ހުރި މަސައްކަތްތަކުގައި އިސްނަގައި ހަރަކާތްތެރިވާނެ ބަޔަކަށް ދިވެހި ޒުވާނުން ހެދުމަށާއި، ޒުވާނުންނަށް ބޭނުންވާނޭ މަސައްކަތުގެ އަޚުލާޤާއި ސުލޫކާއި ހުނަރު އަށަގެންނެވުމުގެ ސިޔާސަތެކެވެ.