ENGLISH
23 މޭ 2026
ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމު ފުރަތަމަ ފަހަރަށް ދުނިޔޭގެ ރޭންކިންއަށް
23 މޭ 2026
ކާވާ ވިމެންސް ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ އަންހެން ވޮލީބޯޅަ ޓީމު --- ފޮޓޯ: އެމްއެމް ސްޕޯޓްސް
އެންމެ މަޤްބޫލު
ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުއިއްޔާ، އެފްއައިވީބީގެ ރޭންކިން ސިސްޓަމްގައި ރާއްޖޭގެ ގައުމީ އަންހެން ގައުމީ ވޮލީބޯޅަ ޓީމު ފުރަތަމަ ފަހަރަށް ހިމެނިއްޖެއެވެ.
އެފްއައިވީބީން އާންމުކުރި 93 ގައުމު ހިމެނޭ ރޭންކިންގައި ދުނިޔޭގެ 63 ވަނަ މަގާމުގެ އިތުރުން އޭޝިއާގެ 12 ވަނަ ޓީމުގެ ގޮތުގައި ރާއްޖޭގެ އަންހެން ޓީމު ވަނީ ރޭންކުކޮށްފައެވެ.
ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ކިރްގިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވި ނަމަވެސް، އެ މެޗުގެ ސްކޯރިންއަށް ބެލުމަށްފަހު، ރާއްޖެ ރޭންކުކުރެވިފައިވަނީ 63 ވަނައިގައެވެ. އަދި ކިރްގިސްތާން އޮތީ 62 ވަނައިގައެވެ.
ރޭންކިންގައި ކިރްގިސްތާނަށް 53.39 ޕޮއިންޓް ލިބުނުއިރު، ރާއްޖެއަށް ލިބުނީ 51.74 ޕޮއިންޓެވެ. އިއްޔެގެ މެޗުގެ ސެޓުތައް ކިރްގިސްތާނުން ގެންދިޔައީ 25-19، 25-16 އަދި 25-22 އިންނެވެ.
އެފްއައިވީބީގެ ރޭންކިންގައި އޭޝިއާ ސަރަހައްދުގެ 12 ވަނަ ރާއްޖެއަށް ލިބުނުއިރު، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ކުރީގައި އޮތީ ދުނިޔޭގެ 60 ވަނައިގައި އޮތް ނޭޕާލެވެ. ދެވަނައިގައި ރާއްޖެ އޮތްއިރު، ތިންވަނައިގައި އޮތީ 67 ވަނައިގައި އޮތް ބަންގްލަދޭޝްއެވެ. އަދި އިންޑިއާއަށް ލިބެނީ 70 ވަނައެވެ. ދެކުނު އޭޝިއާގެ ސްރީ ލަންކާ، ބޫޓާން އަދި ޕާކިސްތާނަށް ރޭންކިންއިން ފުރުސަތު ލިބިފައެއް ނުވެއެވެ.