ENGLISH
23 މޭ 2026
ޑައިވަރުންގެ ހަށިތައް އިޓަލީއަށް ފޮނުވައިފި
23 މޭ 2026
|
ގެއްލުނު ޑައިވަރުން ހޯދުމަށް ހިންގި އޮޕަރޭޝަނުގެ ތެރެއިން.
އެންމެ މަޤްބޫލު
ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީވިލާތުގެ ހަތަރު ޑައިވަރުންގެ ހަށިތައް އެ ގައުމަށް ފޮނުވައިފި އެވެ.
"އެމްއެމްޓީވީ" އަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، އެ ހަތަރު މީހުންގެ ހަށިތައް މިހާރު އިޓަލީއަށް ފޮނުވާލާފައިވާކަމަށާއި އިޓަލީގައި ޕޯސްޓްމޯޓަމް ހެދުމަށްފަހު، އޭގެ ރިޕޯޓް ރާއްޖޭގެ ތަހުގީގު ޓީމާއި ހިއްސާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ހާދިސާގެ ތަހުގީގުތައް ވަކިވަކިން ދެ ގައުމުން ވެސް ކުރިއަށްގެންދެ އެވެ.
ވ. އަތޮޅު އަލިމަތާ ކޭވްއަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީއަށް ނިސްބަތްވާ ޖުމްލަ ފަސް ފަތުރުވެރިން ގެއްލިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ މީހުންގެ ހަބަރެއް ނުވެގެން ފުލުހުންނަށާއި ސިފައިންނަށް ރިޕޯޓުލިބުނީ އެ ދުވަހުގެ މެންދުރުފަހު 13:45 ހާއިރެވެ.
ފަސް މީހުންގެ ތެރެއިން އެކަކު ފެނިފައިވަނީ އެ ދުވަހުގެ އިރުއޮއްސި 18:13 ހާއިރު އެވެ. އޭނާ ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު އަޑިން ކޭވްގެ ތެރެއިން ނެވެ. އޭނާގެ ހަށިގަނޑު މީގެ ކުރިން ވަނީ އިޓަލީއަށް ފޮނުވާފަ އެވެ.
ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ދިވެހި ސިފައިންގެ ޑައިވް ޓީމުން އެ ސަރަހައްދުގައި ރިކަވަރީ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވީނަމަވެސް ހޮނިހިރު ދުވަހުގެ މެންދުރުފަހު ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވުމާއެކު އިތުރަށް އޮޕަރޭޝަން ކުރިއަށް ނުގެންގޮސް މެދުކަނޑައިލީ އެވެ.
މި އޮޕަރޭޝަން އަލުން ފެށީ އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައި ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނާ އެކުގަ އެވެ. އަދި ކުރެވުނު މަސައްކަތުން ގެއްލުނު މީހުންގެ ހަށިތައް ލޮކޭޓް ކޮށް، ދެ ދުވަސް މަތިން ހަތަރު މީހުންގެ ހަށިތައް ވަނީ ނަގާފަ އެވެ.
މި ހާދިސާއާ ގުޅިގެން ވ. އަތޮޅު ދެކުނު ކަނޑުގެ ހޮހަޅައަށް އަކީ އާދައިގެ ޑައިވަރުންނަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށް، އެކަށީގެންވާ ތަމުރީނާއި ހާއްސަ އާލާތްތަކާ ނުލައި އެއްވެސް ބަޔަކު އެތަނަށް ނުވަނުމަށް ރެސްކިއު ޓީމުން އިލްތިމާސްކޮށްފައި ވެއެވެ.