ENGLISH
23 މޭ 2026
މައްސަލަ ހައްލުކުރުމަށްފަހު ބައެއް ސަރަހައްދުތަކަށް ކަރަންޓު ދީފި
23 މޭ 2026
|
ސްޓެލްކޯގެ މުވައްޒަފުން ކަރަންޓު މަސައްކަތްތަކެއް ކުރަނީ. ފޮޓޯ: ސްޓެލްކޯ
އެންމެ މަޤްބޫލު
މާލެ އާއި ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓް ގޮސްފައިވާއިރު، މައްސަލަ ހައްލުކޮށް ބައެއް ސަރަހައްދުތަކަށް ކަރަންޓު ދީފި އެވެ.
ކަރަންޓު ކެނޑުމާއެކު ސްޓެލްކޯއިން ވަނީ އެކަމުގެ މައްސަލަ ދެނެގަނެ ކަރަންޓު އިއާދަކުރުމުގެ މަސައްކަތް ފަށައިފައެވެ. އަދި ބައެއް ސަރަޙައްދުތަކަށް މިހާރު ވަނީ ކަރަންޓު ދީފައެވެ.
ސްޓެލްކޯއިން ދެންމެ ކުރި 'އެކްސް' ޕޯސްޓުގައި ބުނީ، މިހާރު ކުރަމުން ދަނީ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް އެނަޖައިޒް ކުރުމުގެ މަސައްކަތް ކަމަށެވެ.
"ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާރު ދަނީ ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރެވެމުން. ގްރިޑް އެނަޖައިޒް ކުރެވުމާއެކު، ހިިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަށް ވީއެންމެ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ. ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން." ސްޓެލްކޯއިން ދެންމެ އާއްމުކުރި ޕޯސްޓުގައި ބުނެފައިވެއެވެ.
ބޮޑު ސަރަޙައްދަކުން ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި، މައްސަލަ ދެނެގަނެ، ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްކުރަމުންދާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ސްޓެލްކޯއިން އަންނަނީ ކަރަންޓް އަޕްގްރޭޑްކުރުމަށް މިދުވަސްވަރު މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން މިއަދު ވަނީ އަޕްގްރޭޑިން މަސައްކަތް ކޮށްފައެވެ. އެ މަސައްކަތް ފުރިހަމަކޮށް ނިންމާލީ ކަރަންޓު ކަނޑާނުލައެވެ. މަސައްކަތް ކޮށްފައިވަނީ ރޭ 3 އިން މިއަދު ހެނދުނު 8 އާ ހަމައަށެވެ.
ހުޅުމާލޭގައި މަސައްކަތް ނިންމާލުމަށް ފަހު ސްޓެލްކޯއިން އާއްމުކުރި ޕޯސްޓުގައި ބުނީ، މިއަދު ނިމުނީ އަޕްގްރޭޑިން މަސައްކަތުގެ ފުރަތަމަ މަރުހަލާ ކަމަށެވެ. ބާކީ ހުރި މަސައްކަތްތައް ކުރިއަށްގެންދާނެ ތާރީހު ވެސް ދުރާލާ އަންގާނެކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ. އެކަމަށް ކުރާ މަސައްކަތުގައި މާލެ ސަރަޙައްދާއި އަތޮޅުތެރޭގައި ވެސް ގިނަ މަޝްރޫޢުތަކެއް އަންނަނީ ހިންގަމުންނެވެ.