ENGLISH
23 މޭ 2026
ފްލެޓާއި ގޯއްޗަށް ފޯމު ހުށަހަޅަން ދިން މުއްދަތު އިތުރުކޮށްދީފި
23 މޭ 2026
|
އެފްޑީސީ ފްލެޓްތައް--ފޮޓޯ: އެމްއެމްޓީވީ
އެންމެ މަޤްބޫލު
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް ފޯމު ހުށަހެޅުމުގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ.
ކުރިން އޮތް ގޮތުން މާލޭގައި ދިރިއުޅޭ ރައްޔިތުން ފްލެޓާއި ބިމަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ސްކީމްތަކަށް ކުރިމަތިލާން ދިން ސުންގަޑި ހަމަވާނީ މި މަހުގެ ނިޔަލަށެވެ.
ނަމަވެސް، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން މިއަދު ކުރި އިއުލާނުގައި ބުނީ އަންނަ މަހު 15 ވަނަ ދުވަހުގެ ރޭ 23:59ގެ ނިޔަލަށް މުއްދަތު އިތުރުކޮށްދީފައި ވާކަމަށެވެ.
ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު އިތުރުކޮށްފައިވަނީ އަޟްޙާ ޢީދަކީ ގިނަ ފަރާތްތަކަކުން އިލާއާއެކު ޗުއްޓީ ހޭދަކުރުމަށްޓަކައި ރަށުން ބޭރަށް ދާ ދުވަސްވަރަކަށް ވުމާއެކު، އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދުވުމުން ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިއުންތައް ހަމަކުރުމާއި ކަނޑައަޅައިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުމުގައި ދަތިވަމުންދާކަމަށް ބުނެ ގިނަ އަދަދެއްގެ ޝަކުވާތައް ވުޒާރާއަށް ލިބެމުން އަންނާތީކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުންޏެވެ.
މި ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ކޯލް ސެންޓަރު، ކުރިއަށް އޮތް އަޟްޙާ ޢީދު ބަންދުގައި މެދުކަނޑާލެވޭނެކަމަށާއި އަލުން ކޯލް ސެންޓަރުގެ ހިދުމަތް ފަށާނީ ޢީދު ބަންދަށްފަހު، 31 މޭ 2026 ވާ އާދިއްތަ ދުވަހުން ފެށިގެން ކަމަށް ވުޒާރާއިން ބުންޏެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްތަކުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 20،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާކަމަށެވެ. ހުށަނާޅައި ޕެންޑިންގައިވެސް 17،000 އަށް ވުރެ ގިނަ އެޕްލިކޭޝަން އެބަހުރި ކަމަށް ވަޒީރު ވިދާޅުވެފައި ވެއެވެ. ޑްރާފްޓްގައި ހުރި އެޕްލިކޭޝަންތައް ލިބުމާއެކު ޖުމްލަ 37،000 އެޕްލިކޭޝަން ލިބޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
"ބޯހިޔާވަހިކަން އެންމެނަށް" ސަރުކާރުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިއުލާނު ކުރީ، މިދިޔަ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހު އެވެ. މި ސްކީމުގައި ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލުވެސް ވަނީ އާއްމުކޮށްފަ އެވެ.
މި ސްކީމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯއްޗާއި މާލެ ސަރަހައްދުން 7,900 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.