ENGLISH
23 މޭ 2026
2028ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ 60 އިންސައްތައާއެކު: މެމްބަރު ޝާހިދު
23 މޭ 2026
|
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު)
އެންމެ މަޤްބޫލު
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރައްވާނީ 60 އިންސައްތަ ވޯޓާއެކުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މެމްބަރު ޝާހިދު ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމަކީ ޒަމާނީ ޑިމޮކްރަސީގެ ނަމޫނާއެއް ކަމަށެވެ.
ރައީސް މުއިއްޒުގެ މަގުބޫލުކަމެއް ނެތްކަމަށާއި އަންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ އެންމެ 30 އިންސައްތަ ވޯޓު ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވައި މެމްބަރު ވަނީ ބާކީއޮތް 70 އިންސައްތަ ލިބެނީ ކޮން ބޭފުޅަކަށްތޯ ސުވާލު އުފައްދަވާފަ އެވެ.
މެމްބަރު ޝާހިދު ވިދާޅުވީ، ވެރިކަމުގެ ފުރަތަމަ ދެ އަހަރާއި ބައި ނިމޭއިރު 30 އިންސައްތަ ތާއީދު އޮތުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި ދެން އޮތް ދެ އަހަރާއި ބައިގެ މަސައްކަތާއެކު، ރިޔާސީ އިންތިހާބު އަންނައިރު އެ އަދަދު 60 އިންސައްތައަށް އަރާނެ ކަމަށެވެ.
"އަޅުގަނޑު ބުނާނީ ދެ އަހަރާއި ބައިވިއިރުވެސް މައްސަލައެއް ނެތޭ 30 އިންސައްތަ އޮތަސް. އަނެއް ދެ އަހަރާއި ބައި ކުރިއަށް އޮތް ތަނުގައި އެއާ އެއްކޮށްލީމައި އެވަނީ 60 އިންސައްތަ. 2028 ގެ ރިޔާސީ އިންތިހާބު ރައީސް މުއިއްޒާއެކު އަޅުގަނޑުމެން ކާމިޔާބު ކުރާނީ 60 އިންސައްތައާއެކު،". މެމްބަރު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ދެވަނަ ދައުރެއް ކާމިޔާބުކުރައްވަފާނެތީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ގައުމު ހަލަބޮލިކޮށް މަސްލަހަތު ނަގާލުމަށް މަސައްކަތް ކުރަމުންދާކަމަށާއި އެކަންކަން ހުއްޓުވައި އިދިކޮޅު ފަރާތްތަކުގެ އެފަދަ ހުރިހާ ރޭވުންތަކެއް ނާކާމިޔާބުކޮށްލާނެކަމަށް މެމްބަރު ޝާހިދު ވިދާޅުވި އެވެ.