ENGLISH

23 މޭ 2026

Advertisement

ނާޒިމާއެކު ޕީއެންސީގެ އެއްވެސް މެމްބަރަކު ނުދާނެ، ނާޒިމްވެސް ޕީއެންސީއާ ދުރަކަށް ނުދާނެ: ޝުޖާއު

23 މޭ 2026

|

އައިމިނަތު ޝަފާ

މެމްބަރު ޝުޖާއު ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ވަގުތު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ފާސްކުރާނެ ކަމަށާއި، ނަމަވެސް ނާޒިމްއާއެކު ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެއްވެސް މެންބަރަކު ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ އެ ޕާޓީގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައިގެން މި އަހަރު ނިމުމުގެ ކުރިން ވެރިކަން ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްވި އިންޒާރަށް ރައްދުދެއްވައި، ރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ ސަރުކާރަށް އަންނަ ކޮންމެ ހަމަލާއެއް ދިފާއުކުރާނީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ކަމަށެވެ. އަދި އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕް އޮތީ ބަދަހިކަމާއެކު ކަމަށާއި، ޕާޓީގެ އެތެރެއަށް ވަދެ، މަޖިލިސް މެންބަރުން ބައިބައިކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ކުރާ ހުރިހާ މަސައްކަތްތަކެއް ނާކާމިޔާބު ކޮށްލާނެ ކަމަށް މެމްބަރު ވިދާޅުވި އެވެ. 

މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިފައިވާ މި ދަނޑިވަޅުގައި އިދިކޮޅު އެމްޑީޕީން ސިޔާސީ މަންފާއެއް ހޯދަން އުޅޭ ކަމަށް ތުހުމަތު ކުރައްވަމުން ޝުޖާއު ވިދާޅުވީ، މި މައްސަލައަކީ ޕީއެންސީގެ އެތެރޭގެ އުސޫލުތަކުގެ ތެރެއިން ހިނގާ ކަމެއް ކަމަށެވެ. އަދި ޕާލަމެންޓްރީ ނިޒާމު ހިނގާ ގޮތް އިދިކޮޅު ލީޑަރުންނަށް ސާފުވާންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ޑެޕިއުޓީ ސުޕީކަރގެ އިތުބާރު ނެތްކަމުގެ މައްސަލަ، ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން ނަގާނެއޭ. އެ މަނިކުފާނާ އެކީގައި ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން އެއްވެސް ބޭފުޅަކު ވަޑައެއްނުގަންނަވާނެއޭ. ޚުދު އެ މަނިކުފާނު ވެސް ޕީއެންސީ ދޫކުރައްވާފައި ވަޑައެއްނުގަންނަވާނެއޭ. އެހެންވީމާ މިކަން ހަޖަމްނުވެގެން އުޅޭ ބޭފުޅުންނަށް ދަންނަވާލަން އޮތީ މިކަމާ ނޫޅުއްވާށޭ. ވަކިން ހާއްސަކޮށް ނަޝީދަށް ދަންނަވާލަން އޮތީ ޑިމޮކްރަސީގެ ޗެމްޕިއަނުންކަމަށް ދައުވާކުރައްވާ ބޭފުޅުންނަށް މި ނިޒާމް ހިނގާ ގޮތް ނޭނގުމަކީ މައްސަލައެކޭ،". ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ 19 ވަނަ މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރީ، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ އިތުބާރު ގެއްލުމުން ކަމަށެވެ. އެހެންކަމުން، މަލްޓި-ޕާޓީ ޑިމޮކްރަސީއެއްގައި މިކަންކަން ހިނގާ ގޮތް އެނގިތިބެ، ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކަދެއްކުމަކީ އިހުލާސްތެރި ގޮތެއް ނޫންކަމަށް ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު