ENGLISH
02 ޖޫން 2025
ލީޕްޒިގު ބަލިކޮށް ބަޔާނުން މޮޅަކާ އެކު އަހަރު ނިންމާލައިފި
21 ޑިސެމްބަރު 2024
|
ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ޖަރުމަން ލީގުގައި ރޭ ކުޅުނު މެޗުގައި އާރްބީ ލީޕްޒިގު 5-1 އިން ބަލިކޮށް، ބަޔާން މިއުނިކުން ބޮޑު މޮޅަކާއެކު އަހަރު ނިންމާލައިފިއެވެ.
މިއީ ލީގުގައި ބަޔާން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވި ދެވަނަ ފަހަރެވެ. އެއް މެޗުން ބަލިވިއިރު، އަނެއް މެޗުން ވަނީ އެއްވަރުވެފައެވެ.
ބަޔާންގެ އެލިއާންޒް އެރީނާގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ދެ މިނެޓުގެ ތެރޭގައި ވަނީ ދެ ލަނޑު ޖަހައިފައެވެ. މިއީ ޖަރުމަން ލީގުގެ މެޗެއްގެ ފުރަތަމަ ދެ މިނެޓުގެ ތެރޭގައި ދެ ގޯލް ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.
މި މެޗުގެ ފުރަތަމަ ލަނޑު، މެޗު ފެށިގެން 28 ވަރަކަށް ސިކުންތުގެ ތެރޭގައި ބަޔާނަށް ކާމިޔާބުކޮށްދިނީ ޖަމާލް މުސިއާލާ އެވެ. އޭގެ މާގިނައިރުތަކެއް ނުވަނީސް ލީޕްޒިގަށް އެއްވަރުކޮށްދިނީ ބެންޖަމިން ސެޝްކޯ އެވެ.
ފުރަތަމަ ހާފުގައި ބަޔާނުން އިތުރު ލަނޑުތަކެއް ޖެހިއިރު، މި ލަނޑުތައް ކާމިޔާބުކޮށްދިނީ ކޮންރަޑް ލައިމާ އާއި ޖޯޝުއާ ކިމިޗް އެވެ.
ދެވަނަ ހާފުގައި ބަޔާންގެ އަނެއް ދެ ލަނޑު ޖަހައިދިނީ ލެރޯއީ ސާނޭ އާއި އަލްފޮންސޯ ޑޭވީސް އެވެ.
މި ނަތީޖާއާ އެކު ބަޔާން އެއްވަނައިގައި އުޅެނީ 15 މެޗުން 36 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އުޅޭ ބަޔާ ލެވަކޫސަން އަށް އެއްމެޗު މަދުން ކުޅެގެން ލިބިފައިވަނީ 29 ޕޮއިންޓެވެ. އެއިންޓްރަކްޓް ފްރެންކްފާޓް އޮތީ 14 މެޗުން ލިބުނު 27 ޕޮއިންޓާއެކު ތިންވަނައިގައެވެ.
މި މެޗުން ބަލިވި ލީޕްޒިގު އޮތީ 14 މެޗުން 27 ޕޮއިންޓް ލިބިގެން ލަނޑުގެ ތަފާތުން ހަތަރު ވަނައިގައެވެ.