ENGLISH

22 މޭ 2026

Advertisement

ހިތާމަވެރި ހާދިސާ ހިނގި ކަނޑުއަޑީގެ ހޮހަޅައިގެ ފޮޓޯތަކެއް އާންމުކޮށްފި

22 މޭ 2026

|

އަޙުމަދު ޙަމީދު

ރެސްކިއު ޓީމުން އާންމުކުރި ފޮޓޯތައް --

ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ ޑައިވަރުން ތާށިވި ކަނޑުއަޑީގެ ކޭވް -- ހޮހޮޅައިގެ ފޮޓޯތަކެއް ޑޭން ޔޫރަޕް ރެސްކިއު ޓީމުން އާންމުކޮށްފި އެވެ.

މުޅި ދުނިޔޭގެ ނަޒަރު ހުއްޓުނު މި ހާދިސާ ހިނގި ހޮހޮޅައިގެ މަންޒަރުތަކެއް އާންމުކުރި މިއީ ފުރަތަމަ ފަހަރެވެ. ޖުމްލަ ތިން ފޮޓޯގަނޑު ވަނީ އާންމުކޮށްފަ އެވެ.

އެ ފޮޓޯތަކުން ފެންނަނީ ހޮހޮޅައިގެ ވަންނަ ސަރަޙައްދެވެ. އެ ފޮޓޯތަކާއެކު އެ ޓީމުން ބުނީ އެތަނުގެ އެތެރެއަށް ވަންނަ ވަރަކަށް އަނދިރިކަން ގަދަވަމުންދާ ކަމަށެވެ. 

ޑޭން ޔޫރަޕުން ނެރުނު ބަޔާނުގައި ބުނީ އިއްޔެ ކުރިއަށްގެންދިޔަ އެންމެ ފަހު ޑައިވްއަކީ އެ ޖަމިއްޔާގެ އިރުޝާދުގެ ދަށުން ފިންލޭންޑްގެ މާހިރުންގެ ޓީމާއި، އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޑައިވިން ޔުނިޓްތަކުގެ އިތުރުން މާލޭގައި ހުންނަ އިޓަލީގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ.

މި ޑައިވް ކުރިއަށްދިޔަ ވަގުތު މޫސުން ގޯސްވެ، ވައި ބާރުވުމާއި އޮއިގަދަވުމުގެ ސަބަބުން މަސައްކަތް ފެށުން ގަޑިއެއްހާއިރު ލަސްވިނަމަވެސް ގާތްގަނޑަކަށް ތިން ގަޑިއިރު ހޭދަވި މި ޑައިވްގައި ހޮހަޅައިގެ ތެރޭގައި 50 މިނެޓުގެ މަސައްކަތް ފުރިހަމަކޮށްފައިވާކަމަށް ބުންޏެވެ.

މި ޑައިވްގެ ބޭނުމަކީ ހޮހޮޅައިގެ ތެރޭގައި ހަރުކޮށްފައި ހުރި ގައިޑް ލައިންތަކާއި، އޮޕަރޭޝަނުގައި ބޭނުންކުރި ސާމާނު ނަގައި، ހޮހޮޅައިގެ ތެރެ ކުރިން އޮތް ހާލަތަށް ރުޖޫއަކުރުމުގެ މަސައްކަތް ކުރުމެވެ. އަދި ތަޙުޤީޤާ ގުޅުން ހުރި ތަކެތި ނަގައި ދިވެހި ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ. 

ހާދިސާގައި މަރުވި މީހުން

  • މޮނިކާ މޮންޓެފަލްކޯން، 51، ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް.
  • ޖޯޖިއާ ސޮމާކަލް، 20، މޮންޓެފަލްކޯންގެ އަންހެން ދަރިފުޅު އަދި ޔުނިވަސިޓީގެ ދަރިވަރެއް.
  • މިއުރިއަލް އޮޑެނީނޯ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް.
  • ފެޑެރިކޯ ގުއަލްޓިއޭރީ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް.
  • ގިއަންލޫކާ ބެނެޑެޓީ، 41، ޑައިވިން އިންސްޓްރަކްޓަރު.

އެމީހުންގެ ހަށިތައް ނެގުމަށް ހިންގި ރިކަވަރީ އޮޕަރޭޝަނުގެ ތެރެއިން ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ގެ ފުރާނަ ވެސް ވަނީ ގެއްލިފަ އެވެ. 

މި ހާދިސާއާ ގުޅިގެން އިޓަލީ ސަރުކާރުން ވެސް އަދި ދިވެހި ސަރުކާރުން ވެސް އަންނަނީ ހާދިސާގެ ތަހުގީގެއް ހިންގަމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު