ENGLISH

22 މޭ 2026

Advertisement

ފުރިހަމަ ގޮތުގައި ޙައްޖު އަދާކުރުމަށް ފަހު ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމަކީ ވަރަށް މުހިންމު ކަމެއް: ހުކުރު ޚުޠުބާ

22 މޭ 2026

|

މުޙައްމަދު އަދުހަމް

ފުރިހަމަ ގޮތުގައި ޙައްޖު އަދާކުރުމަށް ފަހު ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެ ގޮތުން ފާފަތަކަށް އަރައިނުގަތުމަށް ޢަޒުމު ކަނޑައަޅައި އެ ގޮތުގައި ދެމިހުރުމަށް މަސައްކަތްކުރުމަށް ޚުޠުބާގައި ބުނެފިއެވެ.

"ޙައްޖުގެ އަޅުކަމުން ލިބޭ ފިލާވަޅުތައް" މި މަޢުޟޫއަށް މުޅި ރާއްޖޭގައި ދިން ޚުޠުބާގައި ވަނީ، ޙައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ތިމާގެ ދިރިއުޅުމަށް މަސައްކަތްކުރުމާއެކު ރަޙިމުގެ ގުޅުމާއި އެކުވެރިކަމާއި އެއްބައިވަންތަކަމާއި ޢާއިލީގުޅުން ދެމެހެއްޓުމަށް މަސައްކަތްކުރާ މީހެއްގެ ގޮތުގައި މުޖުތަމަޢުގައި އުޅުމަށް ގޮވާލައިފައެވެ.

ޚުޠުބާގައި ބުނީ، ޙައްޖުގެ އަޅުކަމުގައި މާތް الله ލައްވައިފައިވާ ޝަޢީރާތަކުން ކަށަވަރުވެ އެނގޭ އެއް ޙަޤީޤަތަކީ ޙައްޖަކީ އިންސާނާގެ ދުންޔަވީ ޙަޔާތުގެ ކުޑަކުޑަ ދަތުރެއްކަމެވެ.

ޙައްޖުވެރިޔާ އިޙުރާމް ބަންނަ ހިނދުން ފެށިގެން ޙައްޖުގެ މަނާސިކުތައް ނިމޭންދެން ކުރިއަށްދާ ގޮތަށް، އިންސާނާ އޭނާގެ ޙަޔާތުގައި ދުންޔަވީ ދުވަސްތައް ވޭތިކުރަމުންދާ ކަމަށާއި، اللهُ تَعَالَى ވަނީ މި ޙަޔާތާ މެދު ހެއްލުންތެރި ނުވުމަށް އާދަމުގެ ދަރިޔާއަށް އިންޒާރުކުރައްވާފައިކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، ޙައްޖަކީ ގުނައި ޢަދަދުކުރެވޭ މަދު ދުވަސްކޮޅެއްގައި ކުރެވޭ އަޅުކަމެއް ކަމަށެވެ.

"އެ މޫސުމުގައި މާތް الله ހަނދުމަކޮށް ތަކުބީރުކިޔައި އުޅުމަށް އަންގަވައިފައި އޮތް ބަސްފުޅުގައިވާ ފަދައިން، ތިމާގެ މުދާ ހޭދަކޮށް، ތިމާގެ އަހުލުވެރީންނާއި، ވަޒަންދޫކޮށް މައްކާއަށް ގޮސް އަޅުކަމުގައި މަޝްޣޫލުވެ، އެ ކަމުގައި ޙައްޖާޖީން ވަގުތު ހޭދަކުރެއެވެ. އެކަލާނގެ ގެފުޅުގައި ޠަވާފުކުރެއެވެ. ރޭގަނޑާއި ދުވާލުގެ ވަގުތުތައް އަޅުކަމަށް ހުސްކުރެއެވެ. ދަމު ނަމާދާއި، ޟުޙާ ނަމާދުކުރެއެވެ. ޒިކުރުކުރުމާއި، ޤުރުއާންކިޔެވުމުގައި ވަގުތު ހޭދަކުރެއެވެ. ޙައްޖު މޫސުމުގެ ދުވަސްތަކުގައި އަޅުކަމުގައި ހީވާގިވެ، ޙަރަކާތްތެރިވެއެވެ. އެއީ ޙައްޖުގެ އަޅުކަމަށް ގޮސް ތިބޭ ޙައްޖުވެރީންގެ ޢަމަލުތައް ހުރި ގޮތެވެ." ޚުޠުބާގައި ބުންޏެވެ.

ޙައްޖަށްދިއުމުގެ ނަޞީބު މި ފަހަރު ނުލިބުނު ކަމުގައި ވީ ނަމަވެސް، ޙައްޖުވެރީން ފަދައިން އަޅުކަންކުރުމުގައި ފަރުވާތެރިވެ ހީވާގިވެ ތިމާ އަދާކުރާން ޖެހޭ ވާޖިބު އަޅުކަން އަދާކުރުމަށް ޚުޠުބާގައި ގޮވާލައިފައިވެއެވެ. މާތް اللهއަށް ޓަކައި އަޅުކަން ޚާލިޞްކުރުމުން، މި ދުވަސްތަކުގެ ދަރުމައާއި ސަވާބު މާތް الله ދެއްވާނެ ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، ވަގުތީ އުފަލަކީ ފިލައި ދަނިވި އުފަލެއް ކަމަށާއި، ދެމިހުންނަނިވި އުފަލަކީ އާޚިރަތުގެ އުފާ ކަމަށެވެ. އެހެންކަމުން އާޚިރަތުގެ އުފާ ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް ޚުޠުބާގައި ގޮވާލައިފައިވެއެވެ.

ޙައްޖުވެރިޔާ އިޙުރާމު ބަންނަ ވަގުތުން ފެށިގެން ދުރުހެލިވާން ޖެހޭ، ކަންތައްތަކެއްވާ ކަމަށާއި، އަދާކުރާން ޖެހޭ ވާޖިބުތަކެއްވާއިރު މިއީ ކޮންމެ މުއުމިނަކު ވެސް މާތް اللهއަށް ކިޔަމަންގަތުމަށް ދެވޭ ތަމްރީނުތަކެއް ކަމުގައި ޚުޠުބާގައި ބުންޏެވެ. އެއީ، މާތް اللهގެ އަމުރުފުޅުތަކަށް އިޖާބަދިނުމަށާއި الله މަނާކުރައްވައިފައިވާ ކަންތައްތަކާ ދުރުހެލިވުމަށްދެވޭ ޢަމަލީ ތަމްރީނުތަކެއްގެ ގޮތުގައި ޚުޠުބާގައި ސިފަކޮށްދީފައިވެއެވެ.

"ޙައްޖުގެ މަނާސިކުތައް އަދާކޮށް، އެކަލާނގެ ޝަޢާއިރުތައް މަތިވެރިކޮށްފި މީހަކަށް ހުރިހައި ވަގުތެއްގައި އަދި ހުރިހައި ތަނެއްގައި ވެސް މާތް اللهގެ އަމުރުފުޅުތަކަށް އިޖާބަދިނުމަކީ ބުރަ އުނދަގޫ ކަމަކަށް ނުވާނެއެވެ. އިޙުރާމް ބަނުމުގެ ކުރީން އޭނާއަށް ހުއްދަވެގެންވީ ކަންތައްތަކެއް އިޙުރާމް ބަނުމުގެ ސަބަބުން ޙަރާމް ވެއެވެ. އޭނާގެ ނަފުސަށް މި ކަންތައްތައް މަނާކުރެވުނު މީހާއަށް އޭނާގެ ޙަޔާތުގެ ރާސްތާގައި މާތް الله ޙަރާމްކުރައްވައިފައިވާ ކަންތައްތަކާދުރުހެލިވެވޭނެއެވެ." ޚުޠުބާގައި ބުންޏެވެ.

ޙައްޖަކީ އެހެނިހެން އަޅުކަންތަކާ ޚިލާފަށް ވަރަށް ބުރަ އަޅުކަމެއް ކަމަށާއި، އެ ކަމުގައި ތިމާގެ ޖާނާއި މުދާ ހޭދަކުރާން ޖެހި، އެ ކަމުގައި ދަތުރުފަތުރު ހިމެނޭ ކަމެއް ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ. ބައިބޯކަމާއި ކާރުބާރު ބޮޑުކަން ހިމެނޭއިރު އެހެންވުމުން އުރެދުންތަކަށް އަރައިނުގަނެ، ކެތްތެރިވެ، ދޫރައްކާތެރިކޮށް، މަޑުމައިތިރިވެ ޝަހުވާނީ އެދުންތަކުން ދުރުހެލިވެ ޙައްޖުގެ މަނާސިކުތައް އަދާކުރުމަށް ޚުޠުބާގައި އިލްތިމާސްކޮށްފައިވެއެވެ.

ޚުޠުބާ ނިންމާލަމުން ވަނީ، ޙައްޖުގެ މަތިވެރި އަޅުކަމާ ވިދިގެން އަންނަނީ ބަރަކާތްތެރި އަޟުޙާ ޢީދުގެ އުފާވެރި މުނާސަބަތުކަން ހަނދާންކޮށްދެމުން، މި މުނާސަބާ ފާހަގަކުރާ އިރު މުސްލިމް އަޚުންނާއި އުޚުތުންގެ މެދުގައި އެކުވެރިކަމާއި ހިތްހެއުކަމާއި ލޯބީގެ ޝުޢޫރުތައް ފާޅުކުރުމާއެކު، ރުޅިވެރިކަމާއި ނަފުރަތާއި ޙަސަދަވެރިކަން ދޫކޮށް އެއްބަނޑު އެއްބަފާ އަޚުންތަކެއްކަމުގައި ވުމަށް ގޮވައިލާފައެވެ. މީގެއިތުރުން، ޢީދުގެ އުފާ ފާޅުކުރާ އިރު އިސްލާމީ އުޞޫލުތަކާއި ޝަރުޢީ ހަމަތަކަށް ރިޢާޔަތްކުރުމަށް ޚުޠުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު