ENGLISH
22 މޭ 2026
ރައީސްގެ ތަޢުޒިޔާ: ޒުބައިރުގެ ފަރާތްޕުޅުން ފެނުނީ މުރާލިކަމާއި އިޚްލާސްތެރިކަން
22 މޭ 2026
|
މަރްހޫމް ޢަލީ ޒުބައިރު
އެންމެ މަޤްބޫލު
ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު ހާސިލުކުރައްވައިފައިވާ ޢަލީ ޒުބައިރު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.
އަލީ ޒުބައިރު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ވިދާޅުވެ ހިއްސާކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު ހާސިލުކުރައްވައިފައިވާ އަލްމަރްޙޫމް ޢަލީ ޒުބައިރުގެ ޚިދުމަތުގެ 43 އަހަރާއި 11 މަހަށްވުރެ ދިގުމުއްދަތުގައި، މާލޭގެ މުނިސިޕަލް މަސައްކަތްތަކުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވިކަމަށެވެ.
އެމަނިކުފާނާއެކު މަސައްކަތްޕުޅުކުރެއްވިއިރު، ޢަލީ ޒުބައިރުގެ ފަރާތްޕުޅުން ކޮންމެ ދުވަހަކުމެ ފެނިފައިވަނީ މުރާލިކަމާއި އިޚުލާޞްތެރިކަމާއި ކަމޭހިތުމާއެކު ކަންކަން ކުރެއްވުމުގެ ރީތި ނަމޫނާކަމަށް ރައީސް ވިދާޅުވި އެވެ. ގާތް އަޚެއްގެ ގޮތުގައި އަބަދުވެސް ހެޔޮއެދިވަޑައިގެން ދެއްވި މަޝްވަރާތަކާއި އެއްބާރުލެއްވުމުގެ ހަނދާން ދުވަހަކު ވެސް ނުނެތޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަނީ އެންމެންނާ ރަޙްމަތްތެރި، އޯގާތެރި މިތުރަކު ވަކިވެ ދިއުމުގެ ހިތާމަ އިޙްސާސްކުރާ މި ދަނޑިވަޅުގައި، މަރްޙޫމްގެ ލޮބުވެތި ޢާއިލާއަށާއި މާލެ ސިޓީގެ ރައްޔިތުންނަށާއި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ތަޢުޒިޔާ ވިދާޅުވެފަ އެވެ.
އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމް ޢަލީ ޒުބައިރު ލަހައްޓަވައި، ދަރުމައާއި ޘަވާބު އިތުރުކޮށްދެއްވުން އެދިވަޑައިގެން އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފަ އެވެ.