ENGLISH

22 މޭ 2026

Advertisement

ދިވެހިންނަށް ވިސާ ނެތި ތައިލެންޑުގައި ދެން ތިބެވޭނީ 15 ދުވަހު

22 މޭ 2026

|

އައިމިނަތު ޝަފާ

ވިސާއާ ނުލާ ދިވެހިންނަށް ތިބެވޭ މުއްދަތު ކުރުކޮށްފި އެވެ. 

ތައިލެންޑަށް ދަތުރުކުރާ ބޭރު ގައުމުތަކުގެ ފަތުރުވެރިންނަށް ވިސާއާ ނުލައި މަޑުކުރެވޭ 60 ދުވަހުގެ މުއްދަތު ނިމުމަކަށް ގެނައުމަށް އެ ގައުމުގެ ކެބިނެޓުން ފަސްކުރީ އަންގާރަ ދުވަހު އެވެ.

އައު އުސޫލަށް އަމަލުކުރަން ފެށި ނަމަވެސް، މިހާރު ތައިލެންޑުގައި ތިބި ފަތުރުވެރިންނާއި، އައު ގަވާއިދު ތަންފީޒުކުރަން ފެށުމުގެ ކުރިން އެގައުމަށް އެތެރެވާ މީހުންނަށް، އެމީހުންގެ މިހާރުގެ ވިސާގެ މުއްދަތު ހަމަވަންދެން އެ ގައުމުގައި މަޑުކުރެވޭނެ އެވެ.

މީގެ ކުރިން 2024 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ތައިލެންޑުން އައީ ރާއްޖެ ހިމެނޭހެން 93 ގައުމެއްގެ ރައްޔިތުންނަށް 60 ދުވަހުގެ ވިސާ ފްރީ މުއްދަތެއް ދެމުން ނެވެ. 

ނަމަވެސް މި އުސޫލު ބަދަލުކުރަން ނިންމީ ކޮވިޑް-19 އަށް ފަހު އެގައުމުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ދިން ލުއިތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ބޭރު ގައުމުތަކުގެ މީހުން އެގައުމުގައި ވަޒަންވެރިވެ ގަވާއިދާ ހިލާފަށް ވިޔަފާރިކުރުމާއި ކުށްތަކަށް އަރައިގަންނަ މިންވަރު އިތުރުވަމުންދާތީކަމަށް ތައިލެންޑްގެ ފޮރިން މިނިސްޓްރީން ބުންޏެވެ. 

އައު އުސޫލާއެކު 60 ދުވަހުގެ ސްކީމް އުވާލައި ތައިލެންޑަށް އެތެރެވާއިރު ދައްކަންޖެހޭ ލިޔެކިޔުންތައް ހަރުކަށިކުރަން ވަނީ ނިންމާފަ އެވެ. އެގޮތުން، ހޮޓާ ބުކިން އާއި، އެނބުރި ދާނެ ޓިކެޓު، އަދި ދަތުރަށް ބޭނުންވާ ފައިސާ ހުރިކަން ކަށަވަރުކުރުމަށް އިމިގްރޭޝަން އޮފިސަރުން އިތުރަށް ސަމާލުކަން ދޭނެ އެވެ.

އައު ބަދަލުގެ ދަށުން، މީގެ ކުރިން 60 ދުވަހުގެ ވިސާ-ފްރީ ލިބެމުންދިޔަ 93 ގައުމެއްގެ އިމްތިޔާޒު އުވާލައި، ކޮންމެ ގައުމަކަށްވެސް ވަކި ހާއްސަ ކެޓަގަރީއަކުން ވިސާގެ ލުއިތައް ދިނުމަށް ވަނީ ނިންމާފަ އެވެ.  އެގޮތުން:

  • 30 ދުވަހުގެ ވިސާ-ފްރީ: ކުރިން 57 ގައުމަކަށް ލިބުނު ނަމަވެސް، ދެން މި ފުރުސަތު ލިބޭނީ 54 ގައުމަކަށެވެ. މީގެ ތެރޭގައި ޔޫރަޕްގެ ގިނަ ގައުމުތަކާއި، އޮސްޓްރޭލިއާ، ސިންގަޕޫރު، އަދި އެމެރިކާ ހިމެނެ އެވެ.
  • 15 ދުވަހުގެ ވިސާ-ފްރީ: މި ކެޓަގަރީގައި ހިމެނެނީ ދިވެހިރާއްޖެ، ސީޝެލްސް އަދި މޮރިޝަސް އެވެ. އެހެންކަމުން، އައު އުސޫލަށް އަމަލުކުރަން ފެށުމުން ދިވެހިންނަށް ތައިލެންޑުގައި ވިސާއާ ނުލައި މަޑުކުރެވޭނީ 15 ދުވަހުއެވެ.
  • ވިސާ އޮން އެރައިވަލް: މި ފުރުސަތު ލިބޭ ގައުމުތަކުގެ އަދަދު 31 އިން 4 އަށް ވަނީ މަދުކޮށްފަ އެވެ. މި ފުރުސަތު ލިބޭ ގައުމުތަކަކީ އިންޑިއާ، އަޒަރުބައިޖާން، ބެލަރޫސް އަދި ސާބިއާ އެވެ.

މީގެ އިތުރުން ދޭދޭ އެއްބަސްވުންތަކުގެ ދަށުން ޗައިނާ، ރަޝިޔާ އަދި ސައުތު ކޮރެއާ ފަދަ ގައުމުތަކަށް ވަކި މުއްދަތުތަކެއް ވަނީ ކަނޑައަޅާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު