ENGLISH
04 ޖޫން 2026
ހެދުން އުފެއްދުމުގައި ސްމާޓް ރޮބޮޓްތަކުގެ ކުރިއެރުން!
21 މޭ 2026
|
އެންމެ މަޤްބޫލު
ރޮބޮޓިކްސް އާއި އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ޓީޝާޓް އުފައްދާ، ހެދުން ފެހުމުގެ ގާބިލްކަން ހުރި އޮޓޮމެޓިކް ސިސްޓަމްތައް ތަރައްޤީކުރުމުގެ މަސައްކަތްތަކެއް ފަށައިފިއެވެ. މިއީ ހެދުން ފެހުުމުގެ މަސައްކަތް އިތުރަށް ”ޒަމާނީ“ ކުރުމުގެ މަޤުސަދުގައި ކްރިއޭޓްމީ އަދި ސޮފްޓްވެއާ އޮޓޮމޭޝަން ފަދަ ކުންފުނިތައް ގުޅިގެން ކުރިޔަށްގެންދާ މަސައްކަތެކެވެ.
މި ކުންފުނިތަކުން ފާހަގަކުރާ ގޮތުގައި ރޮބޮޓް ބޭނުންކޮށްގެން ހެދުން ފެހުމަށް ފަށާފައިވާ މަސައްކަތުގައި ލިބިގެންދިޔަ އެންމެ ބޮޑު އެއް ކުރިއެރުމަކީ ސަގާފީ ހެދުން ފެހުމުުގެ އުސޫލުތަކާއި ޚިލާފަށް ހެދުން ފެހުމަށް ބޭނުންކުރާ ފޮތި، އެކަތި އަނެކައްޗާއި ގުޅުވާދޭފަދަ މެޝިންތަކެއް ކެލިފޯނިއާގައި ހުންނަ ރޮބޮޓިކްސް ކުންފުންޏެއް ކަމަށްވާ، ކްރިއޭޓްމީ އިން އުފެއްދުމެވެ.
މި ކުންފުނީގެ ސީއީއޯ އަދި ފައުންޑަރ ކެމް މަޔަރސް ވިދާޅުވި ގޮތުގައި ރޮބޮޓްތަކުގެ އެހީގައި ހެދުން ފަހަން ފެށުމަކީ ރޮބޮޓިކް މަސަައްކަތްތަކުގެ ތެރެއިން އެންމެ އުނދަގޫ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭނެ ކަމެކެވެ. އެއީ ހެދުން ފަހާ ވަގުތު ފޮތިގަނޑު އެއްތަނެއްގައި ނޯންނާނެތީވެކަން ފާހަގަކޮށްފައިވެއެވެ. މި މައްސަލައަށް ކްރިއޭޓް މީގެ ޓީމުން ވަނީ ހީޓް ރެސިސްޓަންޓް އެޑްހީޒިވް އަދި ރޮބޮޓިކް ޕްރެސިން ސިސްޓަމް މެދުވެރިކޮށް އެކަށީގެންވާ ހައްލެއް ހޯދާފައެވެ.
މި ޓެކްނޮލޮޖީގެ އެހީގައި މިހާރުވެސް ހެދުން ފެހުމުގެ މަސައްކަތް ފަށާފައިވާއިރު، ޓީޝާޓް އުފެްދުމުގެ ދާއިރާ އިތުރަށް ފުޅާވެގެންދާނެކަމަށާއި ކުރިިޔަށް އޮތް ތަނުގައި މި މަސައްކަތުގެ ތެރެއިން ބޮޑު، އައު އުފެއްދުންތަކެއް ތަޢާރަފްކުރަން ރާވާފައިވާކަން ވެސް ކްރިއޭޓްމީ ކުންފުނިން ހިއްސާކޮށްފައިވެއެވެ.
ކެލެފޯނިއާގެ ކްރިއޭޓްމީ އާއި ގުޅިގެން އެމެރިކާގެ ސޮފްޓްވެއަރ އޮޓޮމޭޝަން ވެސް މި މަސައްކަތުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ސޮފްޓްވެއަރ އޮޓޮމޭޝަން އިން ހެދުން ފެހުމުގައި ބޭނުންކުރާ ފޮތި ފަސޭހައިން ގެންގުޅެވޭނެ އެޑްވާންސްޑް ރޮބޮޓިކް ސިސްޓަމްތަކެއް ދަނީ ތަރައްޤީކުރަމުންނެވެ. މި ކުންފުނިން ބުނާގޮތުގައި މި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބޭރުން ނުވަތަ އެހެން ގައުމަކުން ހެދުން އެތެރެކުރާ ޚަރަދާއި ސަގާފީ ހެދުން ފެހުމުގައި ކިޔާ އަގުތަކާއި ގާތްގަނަޑަކަށް އެއް އަގެއްގައި ރޮބޮޓްތަކުން ވެސް ހެދުން އުފައްދާނެކަން ޔަގީންކުރެވެއެވެ.
ތަޖުރިބާކާރުން ބުނާގޮތުގައި މި ޓެކްނޮލޮޖީގެ ސަބަބުުން ޔުނައިޓެޑް ސްޓޭޓްސް ފަދަ ގައުމުތަކަށް ގިނަ މަންފާތަކެއް ލިބިގެންދާނެއެވެ. އެގޮތުން އޭޝިއާގައި ލޭބަރ ކޯސްޓް އަގުހެޔޮވުމާއެކު ގިނަ ހެދުން އުފެއްދުންތައް ނެތިގެންދިޔަ އެމެރިކާ ފަދަ ގައުމުތަކަށް މި މަސައްކަތުގައި އިތުރު ފުރުސަތުތަކެއް ލިބިގެންދާނެކަން ވަނީ ފާހަގަކޮށްފައެވެ.
ފެޝަން އިންޑަސްޓްރީގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް، ރޮބޮޓިކް ހެދުން އުފެއްދުން އެހީތެރިވެދޭނެ ކަމަށް ވެސް ދިރާސާވެރިން ގަބޫލުކުރެއެވެ. ޓެކްނިކަލް ޔުނިވާސިޓީ އޮފް ލިއޮބެންގެ ޓީމެއް އިސްވެ ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކޮންސިއުމަރުންނާ ގާތުން ހެދުން އުފެއްދުމާއި ހަމައެކަނި ޑިމާންޑަށް ވިސްނައިގެން ތަކެތި އުފެއްދުމަކީ ގްރީންހައުސް ގޭސް ދޫކުރާ މިންވަރު ވަރަށް ބޮޑަށް ދަށްކުރެވޭނެ ކަމެކެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި ޓީޝާޓެއް އުފެއްދުމާއި ގުޅުން ހުރި ގޭސްތައް ރޮބޮޓްތަކުގެ އެހީގައި ގާތްގަނޑަކަށް 45 އިންސައްތަ ދަށްވެގެންދާނެއެވެ. ރޯބޯޓެކްސްޓައިލް ފަދަ ކުންފުނިތަކުން ވެސް ދަނީ ވައި އަދި ސަކްޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރޮބޮޓިކް ފެބްރިކް ހޭންޑްލިންގ ސިސްޓަމްތައް ތަރައްޤީކުރަމުންނެވެ.
މި މަސައްކަތުގައި ގިނަ ކުރިއެރުންތަކެއް ލިބެމުން އައި ނަމަވެސް، އިންސާނީ މަސައްކަތްތެރިންގެ ބަދަލުގައި ރޮބޮޓްތަކުގެ ސިސްޓަމަށް ހެދުން ފެހުން މުޅިން ބަދަލުވުމަށް އަދިވެސް އަހަރުތަކެއް ވާނެކަމަށް ތަޖުރިބާކާރުން ފާހަގަކޮށްފައިވެއެވެ. ދުވަސްވަރަކީ ފެޝަންގެ ޓްރެންޑްތައް އަވަސްއަވަހަށް ބަދަލުވަމުންދާ ޒަމާނަކަށްވީއިރު، ކޮންސިއުމަރުން އުންމީދުކުރާ ތަފާތު މެޓީރިއަލްތަކާ،ޑިޒައިންތަކާއި ސްޓައިލްތަކާއެކު މަސައްކަތްކުރުމުގައި އަދިވެސް ރޮބޮޓްތަކަށް އުނދަގޫކަމަށް މި ކުންފުނިތަކުން ބުނެފައިވެއެވެ. ހަމައެއާއެކު، މުޅި ހެދުން ފެހުމުގެ ދާއިރާގައި އޮޓޮމޭޝަން އިތުރަށް ފުޅާވެއްޖެނަމަ، ދުނިޔޭގެ އެތައް މިލިއަން ޓެކްސްޓައިލް މަސައްކަތްތެރިންނަށް ވަޒީފާ ގެއްލުމުގެ ބިރު ބޮޑުވެގެންދާނެކަން ތަޖުރިބާކާރާން ވަނީ ހިއްސާކޮށްފައެވެ.
ކުރިއަށް އޮތް ތަނުގައި ރޮބޮޓިކް ސިސްޓަމްތައް މެދުވެރިކޮށް ހެދުން ފެހުމަކީ ވަކިން ޚާއްސަކޮށް ފެޝަން ދާއިރާގައި މުހިންމު ބަޔަކަށް ވެގެންދާނެއިރު، ޓެކްނޮލޮޖީއާއި ދެމެހެއްޓެނިވި ގޮތެއްގައި، އިންޑަސްޓްރިއަލް އޮޓޮމޭޝަން ގުޅުވާލައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހެދުން އުފެއްދިދާނެ ގޮތްތައް ދަނީ ދިރާސާކުރަމުންނެވެ.