ENGLISH
20 މޭ 2026
ހުރިހާ ޑައިވަރުންގެ ހަށިތައް ނަގައި އޮޕަރޭޝަން ނިންމާލައިފި، ސަރުކާރުގެ ޝުކުރު މުޅި ޓީމަށް
20 މޭ 2026
|
ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަންގައި ގެންގުޅޭ ސިފައިންގެ ކޯސްޓުގާޑުގެ އުޅަނދެއް.
އެންމެ މަޤްބޫލު
ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީވިލާތުގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ރިކަވަރީ އޮޕަރޭޝަން ނިންމާލައިފި އެވެ.
ވ. އަތޮޅު އަލިމަތާ ކޭވްއަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީއަށް ނިސްބަތްވާ ޖުމްލަ ފަސް ފަތުރުވެރިން ގެއްލިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ މީހުންގެ ހަބަރެއް ނުވެގެން ފުލުހުންނަށާއި ސިފައިންނަށް ރިޕޯޓުލިބުނީ އެ ދުވަހުގެ މެންދުރުފަހު 13:45 ހާއިރެވެ.
ފަސް މީހުންގެ ތެރެއިން އެކަކު ފެނިފައިވަނީ އެ ދުވަހުގެ އިރުއޮއްސި 18:13 ހާއިރު އެވެ. އޭނާ ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު އަޑިން ކޭވްގެ ތެރެއިން ނެވެ.
ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ދިވެހި ސިފައިންގެ ޑައިވް ޓީމުން އެ ސަރަހައްދުގައި ރިކަވަރީ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވީނަމަވެސް ހޮނިހިރު ދުވަހުގެ މެންދުރުފަހު ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވުމާއެކު އިތުރަށް އޮޕަރޭޝަން ކުރިއަށް ނުގެންގޮސް މެދުކަނޑައިލީ އެވެ.
މި އޮޕަރޭޝަން އަލުން ފެށީ އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައި ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނާ އެކުގަ އެވެ. އަދި ކުރެވުނު މަސައްކަތުން ގެއްލުނު މީހުންގެ ހަށިތައް ލޮކޭޓް ކޮށް، ދެ ދުވަސް މަތިން ހަތަރު މީހުންގެ ހަށިތައް ވަނީ ނަގާފަ އެވެ.
ސަރުކާރުގެ އިސްތަރުޖާމާނު މުހައްމަދު ހުސެއިން ޝަރީފް "އެމްއެމްޓީވީ"އަށް ވިދާޅުވި ރިކަވަރީ އޮޕަރޭޝަން ލީޑްކުރީ އިޓަލީ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖެ ފޮނުވި ފިންލޭންޑްގެ ތަޖުރިބާކާރު ޓީމުން ކަމަށެވެ. މިއަދު ނެގި ހަށިގަނޑުތައް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެމީހުންގެ ހަށިތައް ގެންދާނީ މޯޗަރީއަށް ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. އަދި ހަށިތައް އިޓަލީވިލާތަށް ފޮނުވާލުމާ ގުޅޭ ގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.
މި ފުރުސަތުގައި، ފަތުރުވެރިންގެ ހަށިގަނޑުތައް ނެގުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އެހީތެރިކަން ފޯރުކޮށްދިން ފިންލޭންޑުގެ ޓެކްނިކަލް ޑައިވަރުންނާއި، ހިލޭ ސާބަހަށް އެހީވެދިން ދިވެހި ދެ ކުންފުނިން ކޮށްދިން މަސައްކަތް ތަރުޖަމާނު ފާހަގަކުރެއްވި އެވެ.
މި ހާދިސާއާ ގުޅިގެން އިޓަލީ ސަރުކާރުން ވެސް އަދި ދިވެހި ސަރުކާރުން ވެސް އަންނަނީ ހާދިސާގެ ތަހުގީގެއް ހިންގަމުން ނެވެ.
ހާދިސާގައި އޭބީސީ ނޫހަށް ދެއްވި އިންޓަވިއުއެއްގައި މަރުވި ފަތުރުވެރިންގެ ތެރެއިން ދެ މީހެއްގެ ނަން އެ މީހުން ރާއްޖެ އައި ސަބަބު ކަމަށްވާ ރިސާޗަރުންގެ ލިސްޓްގައި ނެތް ކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ. މިކަމުގެ ސަބަބުން، އެ ދެ މީހުންނަކީ ވެސް އެ ދަތުރުގެ ބައިވެރިންކަން ސަރުކާރަށް ކުރިން އެނގިފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ގްރޫޕަށް ފީނުމުގެ ހުއްދައެއް ދޫކޮށްފައި އޮތް ނަމަވެސް "ދިރާސާގެ ޕްރޮޕޯސަލްގައި ބައެއް ކަންކަން މަދު" ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ. އަދި އެ ގްރޫޕުން ކަނޑުއަޑީގެ ހޮހޮޅައެއް ދިރާސާކުރަން އުޅޭކަން ވެސް ސަރުކާރަށް އަންގާފައިނުވާކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. ތަރުޖަމާނު ވިދާޅުވީ ހާދިސާއާ ގުޅިގެން ދިވެހި ސަރުކާރުން ކުރިއަށް ގެންދަނީ ވަރަށް ފުޅާ ތަހުގީގެއް ކަމަށެވެ.
ހާދިސާގައި އެ މީހުން ޑައިވިންއަށް ގެންދިޔަ 'އެމްވީ ޑޫކް އޮފް ޔޯކް'ގެ އޮޕަރޭޓިން ލައިސަންސް މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކޮށްފައި ވެއެވެ.