ENGLISH
20 މޭ 2026
ދަމަނަވެށީގެ ހިދުމަތްތައް ނުހުއްޓޭނެ؛ އެހެން ތިން މަރުކަޒަކުން ހިދުމަތްތައް ލިބެމުންދާނެ
20 މޭ 2026
|
ދަމަނަވެށި، މާލެ
އެންމެ މަޤްބޫލު
ވަގުތީ ގޮތުން ދަމަނަވެށި ބަންދުކުރި ނަމަވެސް ހިދުމަތްތައް ނުހުއްޓި، އެހެން ތިން މަރުކަޒަކުން ހިދުމަތްތައް ލިބެމުންދާނެ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރައިން ބުނެފިއެވެ.
އެ ވުޒާރައިން ނެރުނު އިއުލާނުގައި ބުނީ، މަރާމާތުކުރުމަށް ފަހު އާބަން ޕްރައިމަރީ ހެލްތް ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރުމަށް މިހާރު ދަމަނަވެށި ހުރި އިމާރާތް ބަންދުކުރި ނަމަވެސް ދަމަނަވެށިން ދެމުންއައި ހިދުމަތްތައް މެދުނުކެނޑި ލިބެމުންދާނެ ކަމަށެެވެ.
އެގޮތުން، މިހާރު ދަމަނަވެށިން ދޭ ހިދުމަތްތައް 01 ޖޫން 2026 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ތިން ތަނަކުން ލިބިގެންދާނެ ކަމަށްވެސް އެ އިއުލާނުގައިވެއެވެ.
މި ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ، މާފަންނުގައި ގާއިމުކޮށްފައިވާ އާރބަން ޕްރައިމަރީ ހެލްްތް ކެއާ ސެންޓަރ އަދި ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޕަބްލިކް ހެލްތް ޔުނިޓްގެ އިތުރުން ޖީ.ޕީ ކްލިނިކުންނެވެ.
މިހާރުގެ ދަމަނަވެށި ވަގުތީގޮތުން ބަނދުކޮށްފައިވަނީ އެތަން މަރާމާތުކުރުމަށް ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހިމް ހަލީމް ވަނީ ވިދާޅުވެފައެވެ. އަދި މަރާމާތަށް ފަހު އެތަނުގައި އާބަން ޕްރައިމަރީ ހެލްތް ސެންޓަރެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.