ENGLISH
20 މޭ 2026
މިވެރިކަމުގައި އިގުތިސާދު ސިންދަފާތުކުރުމަށް އައު ކަންތައްތަކެއް ފެށިއްޖެ، ދެން އޮތީ ފުރިހަމަކުރުން: ޖާބިރު
20 މޭ 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ޖާބިރު
އެންމެ މަޤްބޫލު
ރާއްޖޭގެ އިގުތިސާދު ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވެފައި އޮތް މިންވަރު ކުޑަކުރުމަށާއި ފަތުރުވެރިކަމުގެ ވިލުންތެރިކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އަގު ގިނަ ކަންތައްތަކެއް ފެށިފައިވާއިރު، ކުރިއަށް އޮތް މަރުހަލާއަކީ މިކަންކަން ހަރުދަނާކުރުމުގެ މަރުހަލާކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހާއި ގާނޫނުއަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ހަބަރު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ އިގުތިސާދު ސިންދަފާތުކުރުމަށް އައު ސިނާއަތްތަކާއި ވިޔަފާރިތައް ތައާރަފުކުރުމުގެ ވާހަކައަކީ އަބަދުވެސް ދެކެވެމުންއައި ވާހަކަތަކެއް ނަަމަވެސް އެކަމުގެ މުހިއްމުކަން ވިސްނިވަޑައިގެން، އަމަލީ ގޮތުން އެކަމަށް މަސައްކަތްތަކެއް ފައްޓަވައިދެއްވީ މިއަދުގެ ރައީސް ކަމަށެވެ.
އިގުތިސާދު ސިންފާތުކުރުމުގެ މަސައްކަތުގެ ތެރެއިން ބަންކަރިންގެ ހިދުމަތްވެސް މިހާރު ފެށިފައިވާކަން ފާހަގަކުރައްވަމުން ޖާބިރު ވިދާޅުވީ އެކަމުންވެސް މިހާރު އާމްދަނީ ލިބެމުން އަންނަ ކަމަށެވެ. އަދި މިފަދައިން ފަށާ ކޮންމެ ކަމެއްވެސް ފެށޭއިރު އުދަގޫތަކެއް ހުރި ނަަމަވެސް އެކަންވެސް ދާނީ ކުރިއަށް ކަމަށެވެ.
ފަތުރުވެރިކަން ފެށިގެންއައިއިރު ރާއްޖޭގެ ރިސޯޓުތަކުގައި ހިންގަމުން އައި ސްޕާތަކުގައި ހުންނާނީ ތެޔޮ ފުޅިއަކާއި ކުނަަލެއް ނަމަވެސް މިހާރު އެ ދާއިރާއަށް އައި ބޮޑު ކުރިއެރުމާއެކު، މިއަދު ރާއްޖޭގެ ރިސޯޓުތަކުން ދޮޅުމިލިއަން ޑޮލަރުން ފެށިގެން ގޮސް 10 މިލިއަން ޑޮލަރާ ހަމައަށް ހަރަދުކޮށްގެން އެންމެ ޒަމާނީ އަގުބޮޑު ވަސީލަތްތަކާއެކު ސްޕާތައް ގާއިމުވެފައި ހުރިކަމަށް ޖާބިރު ވިދާޅުވިއެވެ.
މިއަދު އައްޑޫ ސިޓީގައި ފްރީ ޒޯނެއް ކަނޑައެޅުމާއި ފަތުރުވެރިކަމުގެ ތެރެއިން ރިއަލް އެސްޓޭޓް ފަތުރުވެރިކަމާއި ސަސްޓެއިނަބަލް ޓައުންޝިޕް ފަދަ ކޮންސެޕްޓުތައް ތައާރަފުކުރެވިފައި އޮތުމަކީ ރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމުގެ ރާސްތާގައި ކުރިއަށްެ އެޅޭ މުހިއްމު ފިޔަވަޅުތަކެއްކަން ޖާބިރު ފާހަގަކުރެއްވިއެވެ.
ޖާބިރު ސިފަކުރެއްވި ގޮތުގައި ޑިވެލޮޕްމެންޓު ބޭންކަކީ ފައިނޭންސް ނުލިބުމުގެ ސަބަބުން ވިޔަފާރި ފުޅާނުކުރެވި، ރިސޯޓުތައް ތަރައްގީކުރުމުގެ މަސައްކަތް ނުކުރެވި ތިބި ވިޔަފާރިވެރިންނަށް ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން ފައިސާ ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭން ސަރުކާރުން ފަށާފައިވާ މުހިއްމު މަސައްކަތެކެވެ.
"ރާއްޖޭގެ އެތައް ވިޔަފާރިތަކެއް އެބަހުރި ފައިނޭންސް ނުލިބިފައި އެހެންނޫންތޯ؟ އެހެންވީމާ ޑިވެލޮޕްމެންޓު ބޭންކެއްގެ އައިޑިއާއެއް ގެނެސް ޑިވެލޮޕްމެންޓު ބޭންކެއް އެސްޓަބްލިޝްކޮށް އެ ހިދުމަތް ފެށުމާ ހަމައަށް އައުމަކީ ވަރަށް ބޮޑު ކުރިއެރުމެއްތާ. ސަރުކާރަކީ ރިސޯޓުތައް ހަދާ ރަށްތަކުގެ އޯނަރުން. އަޅުގަނޑުމެން މިތިބެނީ ލީސްގައި. އެ ލީސް މުއްދަތެއްގެ ތެރޭގައި. ސަރުކާރުން ޑިވެލޮޕްމެންޓު ބޭންކު މެދުވެރިކޮށް ސަރުކާރުން ގެރެންޓީތަކެއް ދީގެން އިންޓަނޭޝަނަލް ބޭންކުތައް މެދުވެރިކޮށް ލޯކަލް ބޭންކެއްގެ ގޮތުގައި ޑިވެލޮޕްމެންޓު ބޭންކު ބައިވެރިވެގެން ފައިނޭންސް ހޯދައިދޭން އެ ފޯމިއުލާ އެޗީވްކުރައްވަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެއޮތީ އެކަންވެސް ކުރައްވާފައޭ،" ޖާބިރު ވިދާޅުވިއެވެ.
އޭގެ އިތުރަށް މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި ގިނަ ހިދުމަތްތަކެއް ރަށްރަށާއި އަތޮޅުތަކުން އެކުއެކީ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް މިއަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތަކީވެސް ވަރަށް ރަނގަޅު މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވަމުން ޖާބިރުވަނީ އެކަމަށް ވަރަށް ބޮޑަށް ތާރީފުކުރައްވާފައެވެ.
ފަތުރުވެރިކަން ސިންދަފާތުކުރުމަށް އަލިއަޅުވައިލައްވަމުން ޖާބިރު ވިދާޅުވީ ކުރީގައި ފަތުރުވެރިން ރާއްޖެއަށް އަންނަނީ ނިދައިލުމަށްފަހު މޫދަށް އެރިލުމަށް ކަމަށާއި، މިހާރު ދިގު މުއްދަތަށް ވިލާތައް ގަނެވޭނެ ކޮންސެޕްޓަށް ފަތުރުވެރިކަން ބަދަލުވަމުންދާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ފެންވަރުގައި ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ ފަތުރުވެރިކަމަށް އިންވެސްޓުކޮށް ޕްރޮޕަޓީތައް ޑިވެލޮޕްކުރަމުންދާ ކަމަށް ޖާބިރު ވިދާޅުވިއެވެ.