ENGLISH

20 މޭ 2026

Advertisement

ތާރީހީ ބަދަލެއްގެ ފެށުން؛ ސްޓޭޓް ފާމާގެ ފުރަތަަމަ ބޭސްފިހާރަ އައިޖީއެމްއެޗްގައި ހުޅުވައިފި

20 މޭ 2026

|

ޝިފްޒާން އަޙްމަދު

ސްޓޭޓް ފާމާގެ ފުރަތަމަ ބޭސްފިހާރަ އައިޖީއެމްއެޗްގައި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ޕީއެސްއެމް

ބޭސް ލިބުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އުފައްދާފައިވާ ސްޓޭޓްފާމާ ކުންފުނީގެ ފުރަތަމަ ބޭސްފިހާރަ ސަރުކާރުގެ މައި ހޮސްޕިޓަލުކަމަށްވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ހުޅުވައިފިއެވެ. 

މިއަދު އެ ކުންފުނިން މީޑިޔާއާ ހިއްސާކުރި މެސެޖެއްގައި ބުނީ "ސްޓޭފާމާ އައިޖީއެމްއެޗް ފާމަސީ"ގެ ނަމުގައި އަލަށް ހުޅުވި ބޭސްފިހާރަ ގާއިމުކުރީ އައިޖީއެމްއެޗްގެ އޯޕީޑީ ސަރަހައްދުގައި ކަމަށެވެ. އަދި މިއީ އެ ކުންފުނީގެ ދަށުން ހުޅުވުނު ފުރަތަމަ ބޭސްފިހާރަކަން ފާހަގަކުރިއެވެ. 

އެ ކުންފުނިން ބުނެފައިވަނީ އެ ބޭސްފިހާރަ ހުޅުވުމަކީ ފެންވަރު ރަނގަޅު ބޭސް ފަސޭހައިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގައި ހާސިލުކުރެވުނު މުހިއްމު ކުރިއެރުމެއް ކަމަށެވެ. 

ސްޓޭޓް ފާމާއިން ބުނެފައިވަނީ ބޭސްފަރުވާގެ ހިދުމަތް ދަތިކަމެއް ނެތި މެދުނުކެނޑި ރައްޔިތުންނަށް ލިބެމުންދާކަން ކަށަވަރުކުރުމުގެ ގޮތުން އެ ކުންފުނިން ހުޅުވި ބޭސްފިހާރައަކީ 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ތަނެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެތަނުގައި ރާއްޖެއިން ބޭރުން ބޭސް ހޯދައިދިނުމުގެ ހާއްސަ އިންތިޒާމުތަކެއް ހަމަޖެހިފައި ހުންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ. 

"މި ނިޒާމުގެ ދަށުން، ރާއްޖޭގެ ބާޒާރުން ލިބެން ނެތް ބޭސްތައް ބޭރުގެ މާކެޓްތަކުން ހޯދައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް މި ކުންފުނިން ކުރިއަށްގެންދާނެ. އަދި އައި.ޖީ.އެމް.އެޗް އާއި ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނަށް (އިންޕޭޝެންޓުންނަށް) ބޭނުންވާ ބޭހާއި، ފަރުވާއަށް ބޭނުންވާ ސިއްޙީ އާލަތްތައް ސީދާގޮތެއްގައި ފޯރުކޮށްދިނުމުގެ ޚިދުމަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މި ކުންފުނިން މިހާރު ދަނީ ވަމުން،" ސްޓޭޓް ފާމާގެ ބަޔާނުގައި ބުނެފައިވެއެވެ. 

އެ ކުންފުނިން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެކަމަށްޓަކައި "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" ޝިއާރުގެ ދަށުން، ބޭސް ލިބުމުގައި ރައްޔިތުން އުފުލާ ތަކުލީފުތައް ކުޑަކޮށް އެކަމުގައި ހުރި މައްސަަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ހާމަކުރިއެވެ. 

ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ސްޓޭޓް ފާމާއިން ފަށާފައިވާ މަސައްކަތްތަކުގެ ތެރޭގައި، އޭޕްރީލު 1، 2026 ވަނަ ދުވަހުން ފެށިގެން 24 ގަޑިއިރު ހިދުމަތްދޭ ހޮޓްލައިނެއް ތައާރަފުކުރުމާއި، ސްޓޭޓް ފާމާގެ ޕޯޓަލް މެދުވެރިކޮށް ކޮންމެ ރައްޔިތަކަށް ފަސޭހަކަމާއެކު ހިދުމަތަށް އެދެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. 

އެ ކުންފުނިން ބުނެފައިވަނީ އައިޖީއެމްއެޗްގައި ހުޅުވި ސްޓޭޓް ފާމާގެ ބޭސްފިހާރަ މެދުވެރިކޮަަށް ބޭސް ސިޓީ ހުށަހެޅޭނެ އިންތިޒާމު ހަމަޖެހުމަކީ، ރައްޔިތުންނަށް ބޭސް ހޯދުމުގެ ކަންކަން ފަސޭހަކޮށްދިނުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށް ދެކޭ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު