ENGLISH

20 މޭ 2026

Advertisement

ނަތަންޔާހޫގެ ހަނގުރާމައިގެ އިސްތިރާޖިއްޔާގެ ދަށުން އިސްރާއީލުން އިތުރު 1،000 އަކަކިލޯމީޓަރު ފޭރިގަނެފި

20 މޭ 2026

|

ޝިފްޒާން އަޙްމަދު

އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ސަރަހައްދެއްގައި އެ ގައުމުގެ އަސްކަރީ ޓޭންކެއް ހަރަކާތްތެރިވަނީ

އޮކްޓޯބަރު ހަތްވަނަ ދުވަހު ޙަމާސްއިން އިސްރާއީލުގެ ބޯޑަރު ފޫއަޅުވައިލާ ދިން ހަމަލާތަކަށްފަހު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކުލަވައިލި ހަނގުރާމައިގެ އައު މަބްދައުގެ ދަށުން އިސްރާއީލުން ފެށި ހަނގުރާމަތަކުގެ ތެރެެއިން 1،000 އަކަކިލޯމީޓަރުގެ ސަރަހައްދެެއް ފޭރިގަނެފައިވާކަން ހާމަވެއްޖެއެވެ. 

ފައިނޭންޝަލް ޓައިމްސްއިން ހެދި ހިސާބުތައް ދައްކާ ގޮތުް ޣައްޒާއާއި ލުބުނާނާއި ސޫރިޔާގެ ބައެއް ބިންތަކުގައި އިސްރާއީލު ސިފައިން ގާއިމުވެ އަތުލައިގަނެފައިވާ ބިންތަކަކީ، 1949 ވަނަ އަހަރު އިސްރާއީލުގެ ބޯޑަރުގެ ގޮތުގައި ކަނޑައެޅި ސަރަހައްދުގެ ފަސް އިންސައްތައާ އެއްވަރުގެ ބިންތަކެކެވެ. 

ނަތަންޔާހޫގެ ހައްދުފަހަނައެޅިި ކަނާތުފިޔައިގެ ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އިސްރާއީލުގެ ގައުމިއްޔަ ފިކުރުގެ އާބާދުވެރިން ތާއީދުކުރެއެވެ. އެމީހުންނަކީ އިސްރާއީލުގެ ބޯޑަރު ފުޅާކުރުމަށް ޒަމާނުއްސުރެ ބާރުއަޅަމުންއައި ބައެކެވެ. ނަމަވެސް އިސްރާއީލުގެ ހަނގުރާމަވެރި އިސްތިރާޖިއްޔާ ތަންފީޒުކުރުމުގެ ނަތީޖާއެއްގެ ގޮތުން އެތައް މިލިއަން މީހުންނެއް ގެދޮރުން މަހުރޫމުވެ އާބަން ސަރަހައްދުތައް ސުންނާފަތިވެ، މެދުއިރުމަތީގެ ނުތަނަވަސްކަން އައު ހަރުފަތްތަކަކަށް އުފުލިފައިވެއެވެ. 

އިސްރާއީލުން ފޭރިގަތް 1،000 އަކަކިލޯމީޓަރުގެ ސަރަހައްދުގެ ދެބައިކުޅަ އެއްބައާ ގާތްކުރާ މިންވަރެއްގެ ސަރަހައްދަކީ ދެކުނު ލުބުނާނުގެ ސަރަހައްދެވެ. އެ ގައުމުގެ އެތެރެއަށް ވަދެގަނެ އިސްރާއީލުގެ މަސްއޫލުވެރިން "ސަލާމަތީ ސަރަހައްދު"ގެ ގަޮތުގައި ނަންދީފައިވާ ސަރަހައްދެއް ގާއިމުކޮށްފައިވެއެވެ. އިސްރާއީލުން ބޭނުންވަނީ އިސްރާއީލުގެ އެތެރެއަށް ހަމަލާދޭން އުދަގޫވާ މިންވަރަަށް ހިޒްބުﷲ ފަހަތަށް ޖެއްސުމެވެ. 

އިސްރާއީލުން ފޭރިގަނެފައިވާ ބިންތަކުގެ ތެރެއިން ބާކީ ހުރި ބިންތަކަކީ މިހާރު އިސްރާއީލު ސިފައިންގެ އިސްތިއުމާރުގެ ދަށުގައި އޮތް ޣައްޒާގެ ދެބައިކުޅަ އެއްބައާއި، ބައްޝާރުލް އަސަދުގެ ސަރުކާރު ވެއްޓުނު ދަނޑިވަޅު ބަލައި އިސްރާއީލުން ސޫރިޔާގެ އެތެރެއިން އަތުލައިގަނެފައިވާ ބިންތަކެވެ. 

ޣައްޒާއާއި ދެކުނު ލުބުނާނާ ހިލާފަށް އިސްރާއީލުން އަދި ސޫރިޔާއިންވެސް އެގައުމުގައި އިސްރާއީލު ސިފައިން ތިބި ސަރަހައްދުތައް އެނގޭނެ ޗާޓުތަކެއް އާއްމުކޮށްފައިނުވެއެވެ. އެހެންކަމުން ސޫރިޔާއިން އަތުލައިގަނެފައިވާ ބިންތަކުގެ އަދަދު ނުވަތަ އެ ސަރަހައްދުގެ ބޮޑުމިން ކަށަވަރުނުވެއެވެ. 

މިއިން ކޮންމެ ސަރަހައްދެއްގައި އިސްރާއީލުން އަންނަނީ ވައިގެ މަގުންނާއި އެއްގަަމު މަގުން ހަމަލާތައްދީ އެ ސަރަހައްދުތަކުގައި އުޅޭ އެތައް ބަޔަކު ހައްޔަރުކޮށް، އަނިޔާވެރި އެތައް އަމަލެއް ހިންގައި، އެ ސަރަހައްދުތަކުގެ މައްޗަށް ފުރިހަމަ ބާރުވެރިކަން ހިންގަމުންނެވެ. 

ޣައްޒާގައި އިސްރާއީލުގެ ބާރުގެ ދަށުގައި އޮތް ސަރަހައްދާއި ހަމާސްގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުގެ މެދުގައި ބަފާ ޒޯނެއް ގާއިމުކޮށްފައި އޮތުމުގެ ސަބަބުން ޣައްޒާގެ ދެ މިލިއަނެއްހައި މީހުން ދިރިއުޅެން އޮތް ސަރަހައްދު ވަރަށް ބޮޑަށް ހަނިވެފައިވެއެވެ. މިހާރު އެމީހުން ދިރިއުޅެމުންދަނީ ހަނގުރާމައިގެ ކުރިން ދިރިއުޅެމުންދިޔަ ސަރަހައްދުގެ 40 އިންސައްތައިގެ އިމުގެ ތެރޭގައެވެ. 

ދެކުނު ލުބުނާނުގައި އިސްރާއީލުން އަންނަނީ ލުބުނާނު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކަށް ސިލްސިލާ ގޮތެއްގައި ހަމަލާދީ އެތަންތަން ދޫކޮށް ދިއުމަށް ލުބުނާނު މީހުންނަށް އަންގަމުންނެވެ. އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ބުނެފައިވާ ގޮތުން އެ ގައުމުގެ ވިސްނުމަކީ ލިޓާނީ ކޯރާ ހަމައަށް އިސްރާއީލުގެ ބާރުވެރިކަން ދެމިގެންދާކަން ކަށަވަރުކުރުމެވެ. 

ފައިނޭންޝަލް ޓައިމްސް ނޫހުން ލަފާކުރާ ގޮތުގައި ސޫރިޔާގައި އިސްރާއީލު ސިފައިން ތިބި ސަރަހައްދަކީ 233 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. އެގޮތަށް ލަފާކުރީ އެ ސަރަހައްދުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ގާއިމުކޮށްފައި ހުރި އަސްކަރީ ބޭސްތަކުގެ މެޕެއް އެކުލަވައިލާ އެ ސަރަހައްދުގެ ޗާޓު އަލުން ކުރަހައިގެންނެވެ. އެގޮތުން އިސްތިރާޖީ ގޮތުން މުހިއްމު ހާމަން ފަރުބަދައިން ފެށިގެން މާރިޔާގައި ހުންނަ ސޫރިޔާގެ އަސްކަރިއްޔާއިން ކުރިން ބޭނުންކުރި ބޭސްއަކާ ހަމައަށް އިސްރާއީލު ސިފައިން ފެތުރިފައިވެއެވެ. 

އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވަނީ އިސްރާއީލު ބޯޑަރާ އިންވެގެން އޮންނަ ސަރަހައްދުތަކަށް އެ ގައުމުގެ ސިފައިން ފޮނުވާފައިވާ ކަމަށެވެ. އަދި ސިފައިން އެކި ސަރަހައްދުތަކަށް ނެރެފައިވަނީ ސިޔާސީ ވެރިންގެ ނިންމެވުންތަކާއި އޮޕަރޭޝަނަލް ހާލަތާ ގުޅޭ ކަންކަން ވަޒަންކުރުމަށްފަހު ކަމަށްވެސް އަސްކަރިއްޔާއިން ބުންޏެވެ. 

އެ ގައުމުގެ ހާރިޖީ ވަޒީރު ގިޑިއަން ސައަރް އަދި އެނޫންވެސް ޑިޕްލޮމެންޓުން އަންނަނީ ލުބުނާނުގައި އައު ބިންތަކެއް ހޯދުމުގެ ވިސްނުން އިސްރާއީލުން ނުގެންގުޅޭ ކަމަށް ބުނަމުންނެވެ. ނަމަވެސް ޣައްޒާގައި ދާއިމީ ބަފާ ޒޯނެއް ދަމަހައްޓަން އިސްރާއީލުން ބޭނުންވާކަމަށް އެ ގައުމުގެ މަސްއޫލުވެރިން ތަކުރާރުކޮށް ބުނަމުންދެއެވެ. 

ގައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި ނަތަންޔާހޫއަށް ލަފާއެރުވި މުޝީރެއް ކަމުގައިވާ ވޮޝިންޓަނުގައި ހުންނަ ޖިންސާ ތިންކް ޓޭންކުގައި މިހާރު މަސައްކަތްކުރާ މުފައްކިރު ޔާކޯވް އެމިޑްރޯރް ބުނެފައިވަނީ އެއް ކިލޯމީޓަރާއި ދެ ކިލޯމީޓަރާ ދެމެދުގެ ސަރަހައްދެއް ޣައްޒާގެ އެތެރޭގައި ހިފަހައްޓާނެ ކަމަށެވެ. 

އޭނާ ބުނިގޮތުގައި ހިޒްބުﷲގެ ހަތިޔާރު އަތުލައި ނިމެންދެން އިސްރާއީލުގެ ސިފައިން ލުބުނާނުގައި ދެމިތިބޭނެއެވެ. ނަމަވެސް އިސްރާއީލުގެ މަސްއޫލުވެރިންނާއި ލުބުނާނުގެ މުހައްލިލުން ދެކެވަޑައިގަންނަވާ ގޮތުގައި ހިޒްބުﷲގެ ހަތިޔާރު އަތުލެވުމަކީ އަވަހަށް ކުރެވޭނެ ކަމެއް ނޫނެވެ. 

އަމިޑްރޯރް ދެކޭ ގޮތުގައި ސޫރިޔާގައި އިސްރާއީލު އެއަށްވުރެ ވިލުންތެރިވުމަކީ އެކަށީގެންވާ ކަމެކެވެ. އޭނާ ބުނި ގޮތުގައި އިސްރާއީލުން ސޫރިޔާގައި ސިފައިން ބޭތިއްބީ އިސްރާއީލު ސޫރިޔާ ބޯޑަރު ސަރަހައްދުގައި އަދާވާތްތެރިންނަށް ކޭމްޕުތަކެއް ގާއިމުކުރުމުގެ ފުރުސަތު ނުދިނުމަށެވެ. 

ކިޔުންތެރިންގެ ހިޔާލު