ENGLISH
20 މޭ 2026
ޑައިވަރުން މަރުވި ހާދިސާގެ ޖިނާއީ ތަހުގީގެއް އިޓަލީން ފަށައިފި
20 މޭ 2026
|
ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީވިލާތުގެ ޑައިވަރުން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިން. ފޮޓޯ؛ އެމްއެންޑީއެފް.
އެންމެ މަޤްބޫލު
ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީވިލާތުގެ ޑައިވަރުން މަރުވި ހާދިސާއާ ގުޅިގެން އިޓަލީ ސަރުކާރުން ތަހުގީގެއް ފަށައިފި އެވެ.
އިޓަލީގެ އަންސާ ނޫހުން އިއްޔެ ބުނިގޮތުގައި އިހުމާލުން މީހަކު މަރުވުމުގެ މައްސަލައެއްގެ ގޮތުގައި މި ހާދިސާ ތަހުގީގުކުރުމުގެ މަސައްކަތް އިޓަލީގެ ޕްރޮސެކިއުޓަރުން ފަށާފައި ވެއެވެ.
ހާދިސާގައި މަރުވި އެކަކުގެ ހަށިގަނޑު މިހާރު އިޓަލީއަށް ފޮނުވާފައިވާއިރު ނޫހުން ބުނީ ހާދިސާގައި މަރުވި ފަސް މީހުންގެ ހަށިގަނޑު އިޓަލީއަށް ގެންދިއުމަށްފަހު އޮޓޮޕްސީ ހަދާނެ ކަމަށެވެ. އަދި އެމީހުން ދަތުރުކުރި "ޑިއުކް އޮފް ޔޯކް" ގައި ތިބި މީހުންނާ ސުވާލު ކުރާނެ އެވެ.
ވ. އަތޮޅު އަލިމަތާ ކޭވްއަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީއަށް ނިސްބަތްވާ ޖުމްލަ ފަސް ފަތުރުވެރިން ގެއްލިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެ މީހުންގެ ހަބަރެއް ނުވެގެން ފުލުހުންނަށާއި ސިފައިންނަށް ރިޕޯޓުލިބުނީ އެ ދުވަހުގެ މެންދުރުފަހު 13:45 ހާއިރެވެ.
ފަސް މީހުންގެ ތެރެއިން އެކަކު ފެނިފައިވަނީ އެ ދުވަހުގެ އިރުއޮއްސި 18:13 ހާއިރު އެވެ. އޭނާ ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު އަޑިން ކޭވްގެ ތެރެއިން ނެވެ.
ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ދިވެހި ސިފައިންގެ ޑައިވް ޓީމުން އެ ސަރަހައްދުގައި ރިކަވަރީ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވީނަމަވެސް ހޮނިހިރު ދުވަހުގެ މެންދުރުފަހު ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވުމާއެކު އިތުރަށް އޮޕަރޭޝަން ކުރިއަށް ނުގެންގޮސް މެދުކަނޑައިލީ އެވެ.
މި އޮޕަރޭޝަން އަލުން ފެށީ އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައި ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނާ އެކުގަ އެވެ. އަދި ކުރެވުނު މަސައްކަތުން ގެއްލުނު މީހުންގެ ހަށިގަނޑުތައް ލޮކޭޓް ކޮށް، ދެ މީހެއްގެ ހަށިގަނޑު ނަގާފައި ވެއެވެ. ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ނެގުމުގެ މަސައްކަތް މިއަދު ކުރާނެ އެެވެ.