ENGLISH
20 މޭ 2026
ސަރުކާރުތަކުން މަހުގެ އަގު ކަނޑައަޅާއިރު މުޅި ސިނާއަތަށް ވިސްނުމެއް ނުބަހައްޓާ: ޝިޔާމް
20 މޭ 2026
|
ވަޒީރު ޝިޔާމް މަސްވެރިންތަކަކާއެކު. ފޮޓޯ: މަސްވެރިކަމާ ބެހޭ ވުޒާރާ.
އެންމެ މަޤްބޫލު
ވޭތުވެދިޔަ ސަރުކާރުތަކުން މަހުގެ އަގު ކަނޑައަޅާއިރު މުޅި މަސްވެރިކަމުގެ ސިނާއަތަށް ވިސްނުމެއް ނުބަހައްޓާކަމަށް ވިދާޅުވެ މަސްވެރިކަމާއި، ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ މަހުގެ އަގު 17 ރުފިޔާއިން 25 ރުފިޔާ އަށް ބޮޑު ކޮށްފަ އެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ތުވެދިޔަ ސަރުކާރުތަކުން މަހުގެ އަގު ކަނޑައަޅާއިރު މުޅި މަސްވެރިކަމުގެ ސިނާއަތަށް ވިސްނުމެއް ނުބަހައްޓާކަމަށާއި ނަތީޖާއަކީ މަސްވެރިންނަށް ނުދައްކާ ހުރި ފައިސާގެ ބެކްލޮގް މަތިވުން ކަމަށެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު މަސްވެރިންނަށް ކުރީގެ ސަރުކާރުން ނުދީ 150 މިލިއަން ރުފިޔާ ބެކްލޮގެއް އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވި އެވެ. މި ފައިސާ މިހާރު ވަނީ މަސްވެރިންނަށް އެކީ އެކަށް ދައްކައި ހަލާސްކޮށްފަ އެވެ.
"އެވަގުތައް ހައްލުކުރަންޖެހޭ ކަމެއް އެ ސަރުކާރު ނިމިގެންދިޔަ އިރުވެސް އެކަން އެގޮތަށް އޮތީ. ރައީސް މުއިއްޒަށް ޖެހިވަޑަައިގަތީ މިކަމަށް ހަައްލެއް ހޯއްދަވަން. އެމަނިކުފާނު އެކަން ހައްލު ކުރެއްވި،". ޝިޔާމް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯ އެކުލަވާލައިފައިވަނީ މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށްކަމަށް ޝިޔާމް ވިދާޅުވި އެވެ.
އެމްޑީޕީގެ ސަރުކާރުން މަހުގެ އަގު 25 ރުފިޔާ އަށް ބޮޑުކުރީ އެއްވެސް ދިރާސާއެއް ނުކޮށް، ސިޔާސީ ބޭނުމަކަށްޓަކައި ކަމަށް ބުނެ އޭރުވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.
މިހާރު މިފްކޯގެ ބަނދަރުތަކަށް ކަލުބިލަމަސް ކިލޯއެއް ގަންނަނީ 17 ރުފިޔާ އަށެވެ. އަދި 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބޮޑު ކަންނެލި ކިލޯއެއް 20 ރުފިޔާއަށް ގަންނައިރު 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާ އަށެވެ.