ENGLISH
20 މޭ 2026
ވޯލްޑް ޓެރެވަލް އެވޯޑުގެ އޭޝިއާ، އޯޝޭނިއޭނާ އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެވޯޑް ހަފްލާ މިއަހަރު ރާއްޖޭގައި
20 މޭ 2026
|
ވޯލްޑް ޓްރެވެލް އެވޯޑް ހަފްލާ މިފަހަރު ރާއްޖޭގައި-- ފޮޓޯ: ވިޒިޓް މޯލްޑިވްސް
އެންމެ މަޤްބޫލު
މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ޓެރެވަލް އެވޯޑް(ޑަބްލިއުޓީއޭ)ގެ އޭޝިއާ ، އޯޝޭނިއާ އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެވޯޑް ހަފްލާ ރާއްޖޭގައި ބޭއްވުމަށް ނިންމައިފި އެވެ.
ވިޒިޓް މޯލްޑިވްސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި އެވޯޑަކީ އިންޑިއާ އިންޑިއަން އޯޝަންގެ އިތުރުން އޯޝަނިއާ އަދި އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުން ފާހަގަކޮށްދޭ އެވޯޑްއެއް ކަމަށެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ޑަބްލިއުޓީއޭގެ، މި ތިން ސަރަހައްދުގެ ގާލާ ސެރެމަނީ ބޭއްވުމަށް ހަމަޖެހިފައިވަނީ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ސެޕްޓެމްބަރ މަހުގެ 27 ވަނަ ދުވަހުކަމަށްވެސް ބުނެފައިވެ އެވެ.
މި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި "މަލްޓި-އައިލެންޑް އިންޓަގްރޭޓެޑް ލައިފްސްޓައިލް ރިސޯޓް" ކަމަށްވާ ކްރޮސްރޯޑް މޯލްޑިވްސްގަ އެވެ. މި ރިސޯޓަކީ، އޭޝިއާ ، އެފްރިކާ އަދި މެދުއިރުމަތީ ގުޅުވައިދޭ ވިޔަފާރި މަރުކަޒެއްގެ ގޮތުގައި ރާއްޖެ އޮތް މުއްސަނދި ތާރީޚުގެ މައްޗަށް ބިނާކޮށް ފަރުމާ ކޮށްފައިވާ ތަނެކެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ބާނީ ގްރަހަމް ވިދާޅުވި ގޮތުގައި އިންޑިއާ ކަނޑާއި، އޭޝިއާ އަދި އޯޝާނިއާގެ ވަނަތައް ހާސިލްކުރާ ފަރާތްތައް އެއް ހަފްލާއަކަށް ދައުވަތު ދިނުމަކީ، ރާއްޖެއިން ބައިނަލް އަގްވާމީ ދާއިރާގައި ދައްކަމުންދާ ނުފޫޒާއި ހަރަކާތްތެރިކަން ރަމްޒުކޮށްދޭ ކަމެކެވެ. އަދި މި ހަފްލާ ބާއްވާ ކްރޮސްރޯޑް މޯލްޑިވްސްއަކީ ފަތުރުވެރިކަމުގެ މުސްތަގުބަލުގައި ބައްޓަންކުރާ އައު އީޖާދުތަކާއި އުންމީދުތައް ފުރިހަމައަށް ދައްކުވައިދޭ ތަނެއްގެ ގޮތުގައި އޭނާ ސިފަކޮށްފައިވެ އެވެ.
ސައި ލެގޫން މޯލްޑިވްސް އަދި ކްރޮސްރޯޑްސްގެ މެރީނާގެ ޖެނެރަލް މެނޭޖަރު އެލެގްޒެންޑަރ ޓްރޭގާ ބުނެފައިވަނީ، ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަހު މި އެވޯޑް ހަފްލާ ކްރޮސްރޯޑްގައި ބޭއްވުމަކީ ވަރަށް ބޮޑު ފަޚުރެއްކަމަށެވެ. އަދި ތަފާތު ތަޖުރިބާތައް އެއް މަންޒިލަކުން ފޯރުކޮށްދިނުމަށް ގެންގުޅޭ ތަސައްވަރަށް ލިބުނު ކުރިއެރުމެއް ކަމަށް ސިފަ ކުރެއްވި އެވެ.
"މި ގާލާ ސެރެމަނީގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މެހެމާންދާރީގެ އިތުރުން، ޒިއްމާދާރު އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އަޅުގަނޑުމެން ކުރާ މަސައްކަތް ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ލިބޭނެ. މި ދާއިރާގެ އިސްވެރިންނަށް މަރުހަބާ ކިޔައި، ރާއްޖޭގެ ތަފާތު ސަގާފަތާއި ހިތްގައިމުކަން ހިއްސާކުރުމަށް އަޅުގަނޑުމެން މިތިބީ ކެތްމަދުވެފައި." ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވި އެވެ.
ރާއްޖެއިން އެންމެ ފަހުން ވޯލްޑް ޓްރެވެލް އެވޯޑް ބާއްވާފައިވަނީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން ރާއްޖެއިން ވަނީ ދެމެހެއްޓެނިވި ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާއިން ބައިނަލްއަގްވާމީ ގިނަ އެވޯޑްތަކެއް ހާސިލްކޮށްފަ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ މިދިޔަ ހަ އަހަރު ރާއްޖެއަށް ވިދިވިދިގެން ލިބުނު "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑެވެ.