ENGLISH

20 މޭ 2026

Advertisement

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންނަށް ފްލެޓަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލައިފި

20 މޭ 2026

|

އައިމިނަތު ޝަފާ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންނަށް ފްލެޓަށް ކުރިމަތިލެވޭ ގޮތަށް މިހާރު ވަނީ ހުޅުވާލާފައި. ފޮޓޯ؛ޗެނަލް ނިއުސް މޯލްޑިވްސް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި ބެލެނިވެރިންނަށް ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފި އެވެ.   

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ބުނީ  އާއިލީ ބޯހިޔާވަހިކަމުގެ ސްކީމަށް ފޯމް ފުރުމަށް ދަތިވާ ފަރާތްތަކާއި، 18 އަހަރު ފުރިފައިނުވާ ފަރާތްތަކުގެ ބަދަލުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރިޔާ ފެލެޓްއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން ޖޫން 15، 2026 ވާ ހޯމަ ދުވަހުގެ 23:59 ގެ ނިޔަލަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރާ ފްލެޓްތަކަށް ކުރިމަތިލާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީން ހުށަހަޅާ މީހުންނަށް ލުއިފަސޭހަ ގޮތްތަކެއް މީގެ ކުރިން ވެސް ވުޒާރާއިން ހަމަޖައްސައިދިނެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޚާއްސަ ކެޓަގަރީއިން ފްލެޓަށް އެދި ހުށަހަޅާ މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާކަން ސާބިތުކުރުމަށްޓަކައި (އެންސްޕާ) އިން ދޫކޮށްފައިވާ ކާޑުގެ ކޮޕީ ހުށަހެޅޭ ގޮތް މީގެ ކުރިން ހަދައިދިނެވެ. މިއީ އެފަދަ މީހުންނަށް ފޯމު ހުށަހެޅުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ނިންމި ނިންމުމެއްކަން ވުޒާރާއިން އޭރު ފާހަގަކުރި އެވެ.

އާއިލީ ބޯހިޔާވަހަކިމުގެ ޕްރޮގްރާމް އެކުލަވާލެވިފައިވަނީ އަމިއްލަ އެއްވެސް ބޯހިޔާހަވިކަމެއް ނެތް އާއިލާތަކަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގައި އިސްކަން ލިބޭ ގޮތަށެވެ. އަދި ނުކުޅެދުންތެރިކަން ހުރި ފަރާތްތައް ތިބި އާއިލާތަކަށާއި، މުސްކުޅި މައިންބަފައިން ބަލާ އާއިލާތަކަށާއި ތިމާގެ ބެލުމުގެ ދަށުގައި ދަރިން ތިބި ޢާއިލާތަކަށް އިސްކަން ލިބޭ ގޮތަށްކަމަށް ވުޒާރާއިން ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު