ENGLISH

20 މޭ 2026

Advertisement

ދުނިޔޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަކީ އެންމެންގެ ޒިންމާއެއް: ވަޒީރު ޤީލާ

20 މޭ 2026

|

އައިމިނަތު ޝަފާ

ސިއްހަތާ ބެހޭ ވަޒީރު ޤީލާ ޢަލީ

ދުނިޔޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަކީ އެންމެންގެ ޒިންމާއެއްކަމަށް ސިއްހަތާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސއްހަތު ޖަމްއިއްޔާގެ އާންމު ބަހުސްގައި ދެކުނު އިރުމަތީ އޭޝިއާގެ މެންބަރު ގައުމުތަކުގެ ފަރާތުން އިއްވި ބަޔާނުގައި ވަޒީރު ވަނީ ދުނިޔޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާއި ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން، މިއީ ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ބަދަހިކުރަންވީ ވަގުތުކަން ފާހަގަކުރައްވާފަ އެވެ. މިފަދަ ދަނޑިވަޅެއްގައިވެސް، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ބަލިތައް ކޮންޓްރޯލްކުރުމާއި، ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމާއި، ޑިޖިޓަލް ހެލްތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ނަތީޖާތަކެއް ހޯދާފައިވާކަން އެކަމަނާ ފާހަގަކުރެއްވި އެވެ. ހާއްސަކޮށް، ބަލިތައް ނައްތާލުމުގައި މި ސަރަހައްދުން ހޯދާފައިވާ ކާމިޔާބީތަކާއި، ދުންފަތާ ދެކޮޅަށް އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއެކު، މި ސަރަހައްދަކީ ދުނިޔެއަށް ނަމޫނާ ދައްކަމުންދާ ސަރަހައްދެއްކަން ވަޒީރު ފާހަގަކުރެއްވި އެވެ.

ވަޒީރު ވިދާޅުވީ ދުނިޔޭގެ ސިއްހީ އޮނިގަނޑު އިސްލާހުކުރުމުގައި މައިގަނޑު ތިން އަސާސަކަށް މި ސަރަހައްދުން ބާރުއަޅާކަމަށެވެ. އެއީ ގައުމުތަކުގެ އިސްނެގުން މަރުކަޒީކުރުމާއި، ހެކިތަކުގެ މައްޗައް ބިނާވެފައިވާ ނިންމުންތައް ނިންމުމުގެ ގާބިލުކަން އިތުރުކުރުމާއި، އިންސާފުވެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި މާލީ އެހީތެރިކަން ކަށަވަރުކުރުމާއި، އަދި ސަރަހައްދީ ފެންވަރުގައި ކުރިމަތިވާ ސިއްހީ ގޮންޖެހުންތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ގުޅުންތައް މިހާރަށްވުރެ ހަރުދަނާކުރުންކަން ފާހަގަކުރެއްވި އެވެ.  މި މަސައްކަތްތައް ކާމިޔާބު ކުރުމަށްޓަކައި، ސަރަހައްދީ ހާލަތްތައް ރަނގަޅަށް ދަންނަ، ގާބިލު އަދި ހަރުދަނާ ލީޑަރޝިޕެއް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ހުރިހާ ފަންތިއެއްގައި އޮތުމަކީ މުހިންމު ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ބަޔާން ނިންމަވާލައްވަމުން ވަޒީރު ވަނީ، ދާއިރާގައި ހުރި ގޮންޖެހުންތަކުން އަރައިގަނެ، އެންމެން ގުޅިގެން ނަތީޖާ ނެރުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ. އެހީތެރިކަމާއި އެއްބާރުލުން އިތުރުކޮށް، ބައިބައިވުމުގެ ބަދަލުގައި އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމުން، ސިއްހީ ގޮންޖެހުންތަކުން އަރައިގަނެ، މުޅި ދުނިޔެއަށް ހަގީގީ ބަދަލެއް ގެނެވޭނެ ކަމުގެ ޔަގީންކަން ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ދޭކަން އެކަމަނާ ހާމަކުރެއްވި އެވެ. 

ކިޔުންތެރިންގެ ހިޔާލު