ENGLISH

20 މޭ 2026

Advertisement

ފަތުރުވެރިކަމުގެ ސިނާއަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުމެއް ނުވޭ: ވަޒީރު އަމީން

20 މޭ 2026

|

އައިމިނަތު ޝަފާ

ފަތުރުވެރިކަމާއި މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު އަމީން

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަސަރުކުރި ނަމަވެސް މި ސިނާއަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބުފައިނުވާކަމަށް ފަތުރުވެރިކަމާއި މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ. 

ހަނގުރާމައާ ގުޅިގެން ސިޔާސަތު އެކަށައަޅައި ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެކުލަވައިލެއްވި ވަޒީރުންގެ ކޮމިޓީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރުވަނީ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތައް ދޮގުކުރައްވާފަ އެވެ. 

ވަޒީރު ވިދާޅުވީ ހަނގުރާމައިގެ ހާލަތުގައި ފަތުރުވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ގެއްލުންތައް ބަލައި ދިރާސާކުރަމުން އަންނަ ކަމަށެވެ. 

"ކޮންމެ ފަދަ ނަންބަރެއް ޖެހިވެސް ދާނެ. އަޅުގަނޑުމެންނަކަށް އެއްވެސް ކަހަލަ ހިސާބުކިތާބަކުންނެއް އަދި ނެތް އެ އަދަދަށް ގެއްލުންވިކަން އެނގޭކަށް. އަޅުގަނޑުމެންގެ ވުޒާރާ އިން ވެސް އެއީ ކިހިނެއް އައިސްގެން އުޅޭ ނަންބަރެއްތޯ އެބަ ބަލަން، ބައެއް ޑިޕާޓްމަންޓަކުން މިހާރު ވެސް އެބަ މަސައްކަތް ކުރަމުންދޭ،". އަމީން ވިދާޅުވި އެވެ. 

ޓްރެވަލް އެޖެންޓް އެންޑް ޓުއާ އޮޕަރޭޓާސްގެ ޖަމިއްޔާ މަޓާޓޯ އަދި ހޮޓަލާއި ގެސްޓްހައުސްތަކުގެ ޖަމިއްޔާއިން ފަތުރުވެރިކަމުގެ ދާއިރާއަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދިފަ އެވެ. 

މިކަމާ ގުޅިގެން ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ދެނެގަނެ، އެ ދާއިރާގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވެއެވެ. ވަޒީރު އަމީން ވިދާޅުވީ މި ހާލަތުގައި ފަތުރުވެރިކަން ހިމެނޭހެން ހުރިހާ ދާއިރާއަކަށް ވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު