ENGLISH

20 މޭ 2026

Advertisement

ދެ އަހަރުގެ ތެރޭގައި އައްޑޫގެ 700 ވިޔަފާރިއަށް ކޮންސަލްޓޭޝަންގެ ޚިދުމަތް

20 މޭ 2026

|

އައިމިނަތު ޝަފާ

މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އައްޑޫގެ 700 އަށްވުރެ ގިނަ ވިޔަފާރިއަކަށް ކޮންސަލްޓޭޝަންގެ ޚިދުމަތް ދީފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ހާމަކޮށްފި އެވެ.

އައްޑޫ ސިޓީގައި ބީސީސީން ހިންގަމުންދާ، ބިޒްނަސް ސެންޓަރު މެދުވެރިކޮށް އައްޑޫގެ ވިޔަފާރިތަކަށް އެހީތެރިވެދިނުމަށް އެ ކޯޕަރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މީގެ ތެރޭގައި ޑަބްލިއުޑީސީ އެކްސްޕޯ، ކްރިއޭޓާސް ކޮންފްލުއެންސް، މަޓާޓޯ ޓްރެވަލް ކޮންފަރެންސްގެ ފައިނޭންޝަލް ލިޓްރަސީ ސެޝަންތައް، "ޓޫރިޒަމް ބިޔޯންޑް ބައުންޑަރީސް" ވިޔަފާރި މަޝްވަރާތައް، ޒުވާނުންގެ ކޭމްޕްތައް، އެމްއެންޔޫ ޖޮބް ފެސްޓިވަލްގައި ބައިވެރިވުން، އެމްއެސްއެމްއީ އެވޯޑް ރަޖިސްޓްރޭޝަނަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، އަދި ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަށް ރަޖިސްޓަރ ވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮޑށްދިނުމާއި، އިޤްތިޞާދީ ފުރަމަލަ ނުވަތަ އިކޮނޮމިކް ޕްރޮފައިލިންގެ މަސައްކަތް ވެސް ހިމެނެ އެވެ.

އައްޑޫ ބިޒްނަސް ސެންޓަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އޮކްޓޫބަރު 2023 އިން އޭޕްރީލް 2026 އަށް 709 ވިޔަފާރިއަކަށް ކޮންސަލްޓޭޝަން ދީފައިވާއިރު 800 އަށްވުރެ ގިނަ ވިޔަފާރިތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައި ވެއެވެ. އަދި 277 ތަމްރީނު ޕްރޮގްރާމާއި، މަޢުލޫމާތު ދިނުމުގެ ސެޝަންތަކާއި ސެމިނާތައް ބާއްވާފައި ވެއެވެ. މީގެ އިތުރު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ދެނެގަތުމަށް ކުރިއަށްގެންދާ، އިޤްތިޞާދީ ފުރަމަލަ ނުވަތަ އިކޮނޮމިކް ޕްރޮފައިލިންގެ މަސައްކަތުގެ ދަށުން 645 ވިޔަފާރީގެ މަޢުލޫމާތު އެއްކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަޞައްވުރާ އެއްގޮތަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެސްއެމްއީ އިންވެސްޓްމަންޓް ޒޯންތައް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ފުރަތަމަ އިންވެސްޓްމަންޓް ޒޯންގެ ގޮތުގައި ހަމަޖައްސާފައިވަނީ އައްޑޫ ސިޓީއާއި ހުޅުދޫ އަދި މީދޫ އެވެ. މި ޒޯންތަކުގައި ހިންގާ ވިޔަފާރިތަކަށް 2027 ޖެނުއަރީ 1 އިން ފެށިގެން ތިން އަހަރު ދުވަހުގެ މުއްދަތަށް ބިމު ކުއްޔާއި އާމްދަނީން ނަގާ ޓެކްސް އިސްތިސްނާކުރުން ފަދަ އިނާޔަތްތައް ދިނުމަށް ވަނީ ނިންމާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ތަޞައްވުރާ އެއްގޮތަށް ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަން ފަހި ކުރުމަށްޓަކައި މި މަހުގެ 13 އިން 14 އަށް އައްޑޫގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބީސީސީ ގުޅިގެން ވަނީ ވިޔަފާރިތަކާއެކު ޚާއްޞަ މަޝްވަރާ ބައްދަލުވުމެއްވެސް ބާއްވާފަ އެވެ. މި ބައްދަލުވުމުގައި ދެކުނުގެ އަތޮޅުތަކުގެ ވިޔަފާރިވެރިންނާއި، އިންވެސްޓަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެ، ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކޮށް، އިޤްތިޞާދީ ކުރިއެރުމަށް ބޭނުންވާ ޢަމަލީ ހައްލުތަކާ ބެހޭގޮތުން ވަނީ ޚިޔާލު ބަދަލުކޮށްފަ އެވެ.

ބީސީސީން ދަނީ ސަރުކާރުގެ އިގްތިސާދީ އެޖެންޑާގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފަންނީ ލަފާ އާއި އިރުޝާދުތައް ދެމުން ނެވެ.

މިހާރުވެސް ރާއްޖޭގެ 12 ސަރަހައްދެއްގައި ބީސީސީގެ ރީޖަނަލް ބިޒްނަސް ސެންޓަރުތައް ދަނީ ހިންގަމުން ނެވެ. 

ބީސީސީގެ ރީޖަނަލް ބިޒްނަސް ސެންޓަރުތައް ހިންގަމުންދާ ރަށްތައް:

1 ހއ. އިހަވަންދޫ.

2 ހއ. ދިއްދޫ.

3 ހދ. ކުޅުދުއްފުށި.

4 ނ. މަނަދޫ.

5 ޅ. ނައިފަރު.

6 އއ. ތޮއްޑޫ.

7 ދ. ކުޑަހުވަދޫ.

8 ލ. ގަން.

9 ގއ. ވިލިނގިލި.

10 ގދ. ތިނަދޫ.

11 ޏ. ފުވައްމުލައް

12 ސ. ހިތަދޫ

ބީސީސީން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު މިއަހަރަކީ "އުފެއްދުންތެރިކަމުގެ އަހަރު" ގެ ގޮތުގައި ކަނޑައަޅުއްވާފައިވާތީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމާއި، ވިޔަފާރިވެރިކަމަށް އެހީތެރިވުމާއި، އަދި ސަރަހައްދީ އިޤްތިޞާދީ ފުރުޞަތުތައް ފުޅާކުރުމަށް އެކުންފުނިން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު