ENGLISH
20 މޭ 2026
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރާ މައްސަލައިގެ ކޮމެޓީ ބައްދަލުވުން މިއަދު
20 މޭ 2026
|
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް
އެންމެ މަޤްބޫލު
ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ގަރާރާއި ގުޅޭ މައްސަލައާ ގުޅިގެން އާއްމު ކޮމިޓީ ބައްދަލުވުން މިއަދު ހަވީރަށް ތާވަލުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ކޮމިޓީ ބައްދަލުވުން ތާވަލުކޮށްފައިވަނީ މިއަދު ހަވީރު 4:00 އަށެވެ.
މި ބައްދަލުވުމުގައި މެމްބަރު ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ވާހަކަދައްކަވާނެ މެމްބަރުންގެ އަދަދާއި، މެމްބަރުން ވާހަކަދެއްކުމަށް ލިބޭނެ ފުރުސަތުގެ ދިގުމިނާއި، ދިފާއުގައި ނާޒިމަށް ލިބޭނެ ފުރުސަތުގެ އަދަދާއި އެ ފުރުސަތުތަކުގެ ދިގުމިން ކަނޑައަޅާނެ އެވެ.
މެމްބަރު ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެކަން މަޖިލީހުން އާއްމުކުރި މަޢުލޫމާތުގައި ބުނެފައި ވެއެވެ.
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމެއްގައި، މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް އެ މަގާމުން ވަކިކުރުމަށް ނިންމާފައި ވެއެވެ. އެ ބައްދަލުވުމަށްފަހު، އޭނާ މަގާމުން ވަކިކުރުމުގެ ގަރާރު ހުށަހެޅުމަށް ބޭނުންވާ މެންބަރުންގެ ސޮއި ހަމަކުރި އެވެ.
މަޖިލީހުގެ ގަވާއިދުގައި ވާގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަދުވެގެން މެންބަރުންގެ ހަތަރުބައިކުޅަ އެއްބައިގެ ސޮޔާއެކުގަ އެވެ. އެއީ 24 މެންބަރުންނެވެ. މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުދޭ މެންބަރުންގެ އަޣުލަބިއްޔަތުން ނެވެ.
ޖުމްލަ 93 މެންބަރުން ތިއްބަވާ މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީގެ 76 މެންބަރުން ތިއްބަވަ އެވެ.
ނާޒިމް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމަށް އިންތިޚާބުކުރީ 28 މެއި 2024 ގަ އެވެ. އެ ވޯޓުގައި ނާޒިމް 80 ވޯޓު ހޯއްދެވިއެވެ. ނާޒިމާއެކު މަޖިލީހުގެ ރައީސްކަމަށް ވާދަކުރެއްވި އެމްޑީޕީގެ އަޙްމަދު ދީދީއަށް ލިބިވަޑައިގަތީ 12 ވޯޓެވެ.
ނާޒިމް ވަނީ މީގެކުރިން 17 ވަނަ ރައްޔިތުގެ މަޖިލީހުގައި ވެސް ނައިބު ރައީސްކަން ވެސް ކުރައްވައިފަ އެވެ.