ENGLISH

20 މޭ 2026

Advertisement

ޗައިނާގައި "އަމިއްލަ ބޯހިޔާވަހިކަމުގެ ހުވަފެން" ގޮންޖެހުމުގެ ތެރެއަށް

19 މޭ 2026

|

އާމިނަތު ނުޒްލާ

އިމާރާތްކުރުމަށް ޕްލޭންކުރެވިފައިވާ ހައުސިން މަޝްރޫއެއް-- ފޮޓޯ: ޕީޕަލް.ކޮމް

ޗައިނާގެ އާބާދީގެ ބޮޑު ބަޔަކީ އަމިއްލަ ގޭބިސީތަކުގައި ދިރިއުޅޭ ބަޔެކެވެ. އެހެންނަމަވެސް އެ ގައުމުގެ އިގްތިސާދަށް އައިސްފައިވާ ލޮޅުންތަކުގެ ސަބަބުން، އެ ގައުމުގެ ރައްޔިތުންގެ " ހޯމް އޯނަރޝިޕް" ނުވަތަ އަމިއްލަ ގެދޮރުވެރިކަމުގެ ހުވަފެނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ އެވެ.

ވޭތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ޗައިނާ ވަނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދުގެ ގޮތުގައި ކުރިއަރާފަ އެވެ. މި ކުރިއެރުމުގެ އެންމެ ބޮޑު އެއް ހިއްސާއެއް އަދާކޮށްފައިވަނީ ރިއަލް އެސްޓޭޓް ދާއިރާގައި މަސައްކަތް ކުރާ މީހުންނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޗައިނާގެ ކޮންމެ 10 އާއިލާއަކުން ނުވަ އާއިލާއަކީ އަމިއްލަ ގެދޮރު ހުރި އާއިލާތަކެވެ. މިއީ ހުޅަނގުގެ ގައުމުތަކާ އަޅާބަލާއިރު ވަރަށް މަތީ އަދަދެކެވެ. މިސާލަކަށް އެމެރިކާގައި މި ނިސްބަތް އުޅެނީ 65 އިންސައްތާގަ އެވެ.

ޗައިނާގެ ސަގާފަތުގައި އަމިއްލަ ގެދޮރު ހުރުމަކީ ކޮންމެހެން ލާޒިމުކަމެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އެއީ ހަމައެކަނި މާލީ ރައްކާތެރިކަމެއް ނޫނެވެ. އެއީ އިޖުތިމާއީ ގޮތުން ލިބޭ ގަދަރަކާއި، އާއިލާއަށް އަޅާލާކަމުގެ ރަމްޒެކެވެ. ނަމަވެސް، ފަހަކަށް އައިސް ޗައިނާގެ އިގްތިސާދީ ދުވެލި މަޑުޖެހުމާއި، ގެދޮރު އިމާރާތްކުރާ ބޮޑެތި ކުންފުނިތައް ދަރަނިވެރިވުމުގެ ސަބަބުން މި ދާއިރާއަށް ވަނީ ބޮޑު ލޮޅުމެއް އައިސްފަ އެވެ.

މިދިޔަ އަހަރު ޗައިނާގައި އަލަށް ހެދި ގޭގެ ވިޔަފާރި ވަނީ 2014 ވަނަ އަހަރަށްފަހު އެންމެ ދަށް މިންވަރަކަށް ދަށަށް ގޮސްފަ އެވެ. 2021 ވަނަ އަހަރު 16.2 ޓްރިލިއަން ޔުއާންގައި ހުރި ވިޔަފާރި، މިދިޔަ އަހަރު ވަނީ 7.3 ޓްރިލިއަން ޔުއާންއަށް ދަށްވެފަ އެވެ. މީގެ އިތުރުން، އެވަގްރޭންޑް ފަދަ ބޮޑެތި ކުންފުނިތައް ބަނގުރޫޓުވުމާއި، ގިނަ މަޝްރޫއުތަކެއް ހުއްޓުމުގެ ސަބަބުން އާންމުންގެ އިތުބާރު ވަނީ ގެއްލިފަ އެވެ.

ބެއިޖިންގްގައި ދިރިއުޅޭ ގްރެފިކް ޑިޒައިނަރެއް ކަމަށްވާ ސައި ޔޫޗެންގް ބުނިގޮތުގައި، އަމިއްލަ ގެއެއް ގަތުމުގެ ބަދަލުގައި މިހާރު ކުއްޔަށް އުޅުން މާ ބުއްދިވެރި އެވެ. އިތުރަށް އޭނާ ބުނީ އިގްތިސާދީ ގޮތުން ބަލާއިރު ކުއްޔަށް އުޅުން މިވަގުތު މާ ރަނގަޅުކަމަށާއި، އެކަމަކު ހިތުގެ އަޑީގައި އަދިވެސް އަމިއްލަ ތަނެއް އޮތުމުގެ އެދުން އެބައޮތް ކަމަށެވެ.

ޗައިނާގެ ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ މި މާކެޓް ހަމައަކަށް އެޅުވުމަށެވެ. ނަމަވެސް މާހިރުން ބުނާގޮތުގައި ކުރީގެ އޮތް ފޯރިގަދަ ދުވަސްތައް އަނބުރާ ގެނައުމަކީ ދުރު ކަމެކެވެ. މިހާރުގެ ޒުވާން ޖީލުގެ ވިސްނުން ވެސް މިކަމުގައި ތަފާތެވެ. ގިނަ ޒުވާނުން ގަބޫލުކުރާ ގޮތުގައި، ހުޅަނގުގެ ގައުމުތަކެކޭ އެއްފަދައިން ޗައިނާގައި ވެސް ކުރިއަށް އޮތް ތަނުގައި ކުއްޔަށް އުޅުމަކީ އާންމު ކަމަކަށް ވެގެންދާނެ އެވެ.

އާމްދަނީއަށް އައިސްފައިވާ ބަދަލުތަކާއި، ވަޒީފާގެ ބިރުވެރިކަމުގެ ސަބަބުން، ކުރިން ފަސޭހަކަމާއެކު "މޯގޭޖް" ނަގައިގެން ގެދޮރު ގަންނަމުންދިޔަ މީހުން މިހާރު ތިބީ މަޑުޖެހިފަ އެވެ. މިއީ ޗައިނާގެ އިގްތިސާދީ އަދި އިޖުތިމާއީ އޮނިގަނޑަށް އަންނަމުންދާ ބޮޑު ބަދަލެއްގެ ފެށުން ކަމަށް މާހިރުން ގަބޫލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު