ENGLISH

19 މޭ 2026

Advertisement

ހަތަރު ސިޓީ ފޮނުވައިގެންވެސް މާލެ ވެޓް މާކެޓް ކޮމްޕްލެކްސް އަޅަން ސިޓީ ކައުންސިލް ބިމެއް ނުދިން

19 މޭ 2026

|

ޢަލީ ޝަހީމް

މާލޭގައި ތަރައްޤީކުރުމަށް ނިންމާފައިވާ ވެޓް މާކެޓް ކޮމްޕްލެކްސް. މި މަޝްރޫޢު ހިންގަން މާލެ ސިޓީ ކައުންސިލުން ދަނީ ބިން ހަވާލުކުރަން ދެކޮޅުހަދަމުން.

މިދިޔަ ދެމަސްދުވަހުގެ ތެރޭ މާލެ ސިޓީ ކައުންސިލަށް ތަކުރާރުކޮށް ސިޓީ ފޮނުވައިގެންވެސް "މާލެ ވެޓް މާކެޓް ކޮމްޕްލެކްސް" އަޅަން ބިން ދޫކޮށްފައިނުވާކަމަށް ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. 

އެ ވުޒާރާއިން މި މަޢުލޫމާތު ހާމަކުރީ މިއަދު މީޑިއާތަކާ ހިއްސާކުރި ނޫސް ބަޔާނެއްގައެވެ. 

މާލޭގެ މާރުކޭޓުތަކުގެ އިންފްރާސްޓްރަކްޗަރ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ބޭނުންވާ ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންދާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މިނިސްޓްރީން ކުރިއަށްގެންދާ "މާލެ ވެޓް މާކެޓް ކޮމްޕްލެކްސް" މަޝްރޫޢުގެ ޖުމްލަ އަގަކީ 116,999,624.94 (ސަތޭކަ ސޯޅަ މިލިއަން ނުވަސަތޭކަ ނުވަދިހަ ނުވަހާސް ހަސަތޭކަ ސައުވީސް ރުފިޔާ ނުވަދިހަ ހަތަރު ލާރި) އެވެ. 

ސިޓީ ކައުންސިލަށް ފޮނުވި ސިޓީތަކާއި އޭގެ ތަފްސީލް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މިނިސްޓްރީގެ ބަޔާނުގައި ބުނީ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހަވާލުކުރުމަށް އެދި މިނިސްޓްރީން ތަކުރާރުކޮށް މާލެ ސިޓީ ކައުންސިލުގައި ދަންނަވާފައިވާނެ ކަމަށެވެ.  

  • 29 މާރިޗު 2026: ބިން ހަވާލުކުރުމަށް އެދި ފުރަތަމަ ސިޓީ ފޮނުވި. 
  • 11 އޭޕްރީލް 2026: ފައިނޭންސް ހަމަޖެހުމާއެކު ބިމަށް ވަނުމުގެ ހުއްދައަށް ކޮންޓްރެކްޓަރު އެދުނު. 
  • 12 އޭޕްރީލް 2026: އޭޕްރީލް 18 ގެ ކުރިން ބިން ހަވާލުކުރުމަށް އެދި ދެވަނަ ސިޓީ ފޮނުވި. 
  • 30 އޭޕްރީލް 2026: ބިން ހަވާލުކުރުމުގެ ކުރިން މާލޭ ސިޓީގެ މޭޔަރު، މިނިސްޓަރާ ބައްދަލުކުރައްވަން ބޭނުންފުޅުވާކަމަށް ބުނެ ކައުންސިލުން ޖަވާބުދިން. 
  • 3 މޭ 2026: މޭ 7 ގެ ކުރިން ބިން ހަވާލުކުރުމަށް އެދި ތިން ވަނަ ސިޓީ ފޮނުވި. 
  • 18 މޭ 2026: މޭ 31 ގެ ކުރިން ބިން ހަވާލުކުރުމަށް އެދި ހަތަރު ވަނަ ސިޓީ ފޮނުވި.

މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި މިނިސްޓްރީން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން އަދި ފައިނޭންސް ވަނީ ހަމަޖެހިފައެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން މަސައްކަތް ފެށުމަށް ބޭނުންވާ ތައްޔާރީތައްވެސް ވަނީ ފުރިހަމަކޮށްފައިކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

"ނަމަވެސް ދެ މަސްދުވަސް ވެގެންދިޔައިރު ހަތަރު ފަހަރު މަތިން ސިޓީ ފޮނުވައިގެންވެސް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށްޓަކައި މިހާތަނަށް މި މިނިސްޓްރީއާ ބިން ހަވާލުކޮށްފައެއް ނުވެއެވެ. މި މަޝްރޫޢުގެ އިދާރީ ކަންކަމާއި ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރުވެސް ޢަމަލީ މަސައްކަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވީ ނަމަވެސް މި މަސައްކަތް ނުފެށި އޮތް ހަމައެކަނި ސަބަބަކީ މަޝްރޫޢު ހިންގުމަށް ކަނޑައަޅާފައިވާ ބިން ހުސްކޮށް މިނިސްޓްރީއާ ޙަވާލުކޮށްފައި ނުވުމެވެ." ކަންބޮޑުވުންތަކާއެކު މިނިސްޓްރީން އާއްމުކުރި ބަޔާނުގައި ބުނެފައިވެއެވެ. 

ވެޓް މާކެޓް ކޮމްޕްލެސް އަކީ ޒަމާނީ ފެންވަރުގެ ތަނެކެވެ. މި މަޝްރޫޢުގައި ފިނިޝިން މަސައްކަތާއި، ފަޔަރު ފައިޓިން ސިސްޓަމާއި، ފަސް ލިފްޓާއި، މަސް ބެހެއްޓުމަށް ބޭނުންވާ ސްޓެއިންލެސް ސްޓީލް ކިއޮސްކްތަކާއި، ތަރުކާރީ ބަހައްޓާ ލަކުޑި ކިއޮސްކްތަކުގެ އިތުރުން ފަސް ޓަނުގެ އައިސް މެޝިނެއް ވެސް ބަހައްޓާނެއެވެ. 

މި އިމާރާތުގެ ބޭސްމަންޓް ހާއްސަކޮށްފައިވަނީ ޕާކިން އަށެވެ. ގްރައުންޑް ފްލޯގައި މަސްމާރުކޭޓު ގާއިމުކުރާއިރު، ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި ދަނޑުވެރިކަމުގެ އުފެއްދުންތަކާއި، މޭވާ އަދި ތަރުކާރި މާރުކޭޓެއް ޤާއިމުކުރާނެއެވެ. ޓެރަސް ހާއްސަކޮށްފައިވަނީ ފުޓް ކޯޓުތަކަށެވެ. 

ހަސަތޭކަ ދުވަހުގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިންމުމަށް ކަނޑައަޅާފައިވާ މި މަޝްރޫޢަކީ މާލޭގެ ރައްޔިތުންނަށް ބޭނުންތެރި މަޝްރޫޢެކެވެ. މަސައްކަތް ލަސްވާ ކޮންމެ ދުވަހަކީ މަޝްރޫޢުގެ އަގު ބޮޑުވެ، ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތަކުން މަޙްރޫމްވާނޭ ކަމެއްކަން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މިނިސްޓްރީން ބުނީ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް މި މުހިއްމު ޚިދުމަތް ފޯރުކޮށްދިނުމަށް މަޝްރޫޢުގެ މަސައްކަތް ވީ އެންމެ އަވަހަށް ފެށުން ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު