ENGLISH
19 މޭ 2026
ބްރެޒިލްގެ ވޯލްޑް ކަޕް ސްކޮޑުގައި ނޭމާ ހިމަނައިފި
19 މޭ 2026
|
ސަންޓޯސްއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ---
އެންމެ މަޤްބޫލު
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް ބްރެޒިލުން އިއުލާންކުރި 26 ކުޅުންތެރިންގެ ސްކޮޑުގައި ފުޓުބޯޅަ ތަރި ނޭމާ ޖޫނިއަރ ހިމަނައިފިއެވެ.
އުމުރުން 34 އަހަރުގެ ނޭމާ އެންމެ ފަހުން ބްރެޒިލަށް މެޗެއް ކުޅެދިނީ 2023 ވަނަ އަހަރެވެ. އޭގެ ފަހުން އަނިޔާ އާއި ފިޓްނަސްގެ އެކި މައްސަލަތަކުގެ ސަބަބުން ބްރެޒިލް ޓީމަށް ނޭމާ ނަގާފައި ނުވާއިރު، މިދިޔަ މާޗު މަހު ބްރެޒިލުން ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗަށް ނެގި ޕްރިލިމިނަރީ ސްކޮޑުގައި ނޭމާގެ ނަން އޮތެވެ. އެކަމަކު އަނިޔާއާ ހެދި ނޭމާ ވަކިވާން ޖެހުނީއެވެ.
ބްރެޒިލްގެ ހެޑް ކޯޗު ކާލޯ އަންޗެލޮޓީ މި ފަހަރު އިއުލާންކުރި ސްކޮޑުގައި ނޭމާ ހިމެނިއިރު، އޭނާ މި ފަހުން އަންނަނީ ސަންޓޯސްގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ނޭމާ އަކީ ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން އޭނާ ވަނީ ގައުމީ ޓީމަށް ކުޅެދިން 128 މެޗުން 79 ލަނޑު ޖަަހައިފައެވެ.
ބްރެޒިލްގެ ސްކޮޑުން ޖާގަ ނުލިބުނު ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނީ މި ސީޒަނުގައި ޗެލްސީއަށް 15 ލަނޑު ޖަހައިދީ، ފަސް ލަނޑު ޖަހަން ފުރުސަތު ހޯދައިދިން ޖާއޯ ޕެޑްރޯއަށެވެ. އެކަމަކު ޕްރިމިއަރ ލީގުގައި ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ، މެންޗެސްޓާ ޔުނައިޓެޑުގެ ކަސެމިރޯ، ނިއުކާސަލް ޔުނައިޓެޑުގެ ބްރޫނޯ ގުއިމަރޭސް އަދި އާސެނަލްގެ ގެބްރިއަލް ވަނީ ހިމަނާފައެވެ. މީގެ އިތުރުން ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑުގެ ލޯނެއްގެ ދަށުން ފްރާންސްގެ ލިއޯންއަށް ކުޅެމުން އަންނަ އުމުރުން 19 އަހަރުގެ އެންޑްރިކުވެސް ވަނީ ސްކޮޑުގައި ހިމަނާފައެވެ.
48 ޓީމު ވާދަކުރާ މި ފަހަރުގެ ވޯލްޑް ކަޕުގައި، މީގެ ކުރިން މި މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ބްރެޒިލް ހިމެނެނީ ގްރޫޕް ސީގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ މޮރޮކޯ، ހެއިޓީ އަދި ސްކޮޓްލޭންޑެވެ.