ENGLISH

19 މޭ 2026

Advertisement

ތިން ބައްޔެއް ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ: ޑަބްލިއުއެޗްއޯއިން ހަނދާނީ ފިލާ އަރުވައިފި

19 މޭ 2026

|

އަޙުމަދު ޙަމީދު

ތިން ބައްޔެއް ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެވުމުން ޑަބްލިއުއެޗްއޯއިން ހަނދަނީ ފިލާ އަރުވަނީ --

މައިމީހާގެ ފަރާތުން ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ "ޓްރިޕަލް އެލިމިނޭޝަން" (ތިން ބައްޔެއް) ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ ވުމުން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ) އެކަން ފާހަގަކޮށް ހަނދާނީ ފިލާއަރުވައިފި އެވެ. 

މައިންގެ ފަރާތުން ދަރިންނަށް އެޗް.އައި.ވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ވާރުތަވުން ނައްތާލާފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަށަވަރުކޮށްދީ، ދިވެހިރާއްޖެއިން ބައިނަލްއަގުވާމީ އާންމު ސިއްހަތުގެ ދާއިރާއިން ބޮޑު ކާމިޔާބީއެއް ހާސިލްކޮށްފައިވާ ކަން ފާހަގަކޮށް، އެކަމުގެ ހަނދާނީ ފިލާ މިނިސްޓަރ އޮފް ހެލްތު، ފެމެލީ އެންްޑް ވެލްފެއަރ ގީލާ އަލީއަށް އަރުވާފައިވަނީ މިހާރު ޖެނިވާގައި ކުރިއަށްދާ 79 ވަނަ ވޯލްޑް ހެލްތު އެސެންބްލީގަ އެވެ. 

މި ކާމިޔާބީއާއެކު، ދިވެހިރާއްޖެ ވެގެން ގޮސްފައިވަނީ މި ތިން ބަލި އެކުގައި ނައްތާލައި، އެކަން ދަމަހައްޓާފައިވާ ދުނިޔޭގެ އެންމެ ފުރަތަމަ ގައުމުތަކުގެ ތެރެއިން ގައުމަކަށެވެ. މިއީ މައިންނާއި ކުޑަކުދިންގެ ސިއްހަތަށް، މާބަނޑު ދުވަސްވަރު އެންމެން ސްކްރީން ކުރުމަށް (ބަލި ހުރިތޯ ބެލުމަށް) އަދި ރާއްޖޭގެ ބެހިފައިވާ ރަށްތަކުގެ ސިއްހީ ނިޒާމުގެ ތެރެއިން ވެކްސިން ދިނުމުގެ ވަރުގަދަ ނިޒާމަކަށް ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރަށް ވުރެ ގިނަ ދުވަހު މެދުކެނޑުމެއްނެތް އިންވެސްޓްމަންޓްތަކެއް ކޮށްގެން ހާސިލްކުރެވުނު ނަތީޖާ އެކެވެ.

ދިވެހިރާއްޖެއިން މީގެ ކުރިން 2019 ވަނަ އަހަރު ވެސް ވަނީ މައިންގެ ފަރާތުން ކުދިންނަށް އެޗް.އައި.ވީ އަދި ސިފިލިސް ވާރުތަވުން ނައްތާލާފައިވާކަމުގެ ޑަބްލިޔު.އެޗް.އޯ ގެ ކަށަވަރުކުރުން ހޯދާފައެވެ. އަދި އޭގެ ފަހުން އުފަންވާ ކުދިންގެ ގައިން އެޗް.އައި.ވީ އަދި ވިހާއިރު ހުންނަ ސިފިލިސް (ކޮންޖެނިޓަލް ސިފިލިސް) ޖެހިފައިވާ އެއްވެސް ކޭހެއް ފެނިފައެއް ނުވެއެވެ. މާބަނޑު މީހުންނަށް ދޭ ސިއްހީ ފަރުވާގެ ނިސްބަތް %95 އަށް ވުރެ މަތީގައި ހުރުމާއި، ވިހާ ގޮތަށް ދޭ ވެކްސިން ޑޯޒް ދޭ ނިސްބަތް މަތިވުމުގެ ސަބަބުން، މިހާރު މި ކާމިޔާބީ ވަނީ ހެޕަޓައިޓިސް ބީ އަށް ވެސް ފުޅާކޮށްފަ އެވެ.

މި ކާމިޔާބީ ހާސިލްކުރެވުނީ ގައުމީ ސިއްހީ އިދާރާތަކާއި، ޑަބްލިޔު.އެޗް.އޯ، ޔުނިސެފް އަދި ރަށްރަށުގައި މަސައްކަތްކުރާ ސިއްހީ އެހީތެރިން ގުޅިގެން ކުރި މަސައްކަތުންނެވެ. މީގެ އިތުރުން، ބަލިތައް މޮނިޓާކުރާ ނިޒާމުތައް ވަރުގަދަކުރުމާއި ޑިޖިޓަލް ހެލްތު ޕްލެޓްފޯމްތަކުގެ އެހީތެރިކަން ވެސް މީގެ ތެރޭގައި ހިމެނެ އެވެ.

ޑަބްލިޔު.އެޗް.އޯ ގެ މި ބަލައިގަތުމާއެކު، މައިންގެ ފަރާތުން ދަރިންނަށް ބަލިތައް ވާރުތަވުން ހުއްޓުވުމުގައްޔާއި، ކޮންމެފަދަ ހާލަތަކަށްވެސް ތައްޔާރަށް އޮތް ވަރުގަދަ ސިއްހީ ނިޒާމެއް ބިނާކުރުމުގައި ދިވެހިރާއްޖެ ދުނިޔޭގެ ކުރިމަތީގައި ނަމޫނާ ގައުމަކަށް ވެގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު