ENGLISH

20 މޭ 2026

Advertisement

ޕޯޗުގަލްއާއެކު ރޮނާލްޑޯ ރިކޯޑު ހަވަނަ ވޯލްޑް ކަޕަށް

20 މޭ 2026

|

އިސްމާއިލް ޝާހު

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ---

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް ޕޯޗުގަލްއިން އެކުލަވާލި ސްކޮޑުގައި ހިމެނި، ފުޓްބޯޅަ ތަރި އަދި އެ ގައުމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ރިކޯޑު ހަވަނަ ވޯލްޑް ކަޕެއްގައި ކުޅެން ތައްޔާރުވެއްޖެއެވެ.

އުމުރުން 41 އަހަރުގެ ފޯވާޑަކީ ފަސް ވޯލްޑް ކަޕެއްގައި ކުޅުނު ހަ ކުޅުންތެރިންގެ ތެރެއިން އެކަކެވެ. މިހާތަނަށް އެއްވެސް ކުޅުންތެރިއަކު ހަ ވޯލްޑް ކަޕެއްގައި ކުޅެފައި ނުވާއިރު، ޕޯޗުގަލްގެ ސްކޮޑުގައި ހިމެނުމާއެކު އެ ފުރުސަތު ރޮނާލްޑޯއަށް އެބައޮތެވެ. އެކަމަކު އާޖެންޓީނާގެ ވޯލްޑް ކަޕް ސްކޮޑުގައި އެ ޓީމުގެ ތަރި ލިއޮނެލް މެސީ ހިމެނޭނެ ކަމަށް ބެލެވޭއިރު، މި ފަހަރުގެ މުބާރާތް ވެގެންދާނީ މެސީގެވެސް ހަވަނަ މުބާރާތަށެވެ.

ގައުމީ ޓީމަކަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑު އޮންނަ ރޮނާލްޑޯ ވަނީ ޕޯޗުގަލްއަށް ކުޅެދިން 226 މެޗުގައި 143 ލަނޑު ޖަހާފައެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބަލޮންޑޯ އެވޯޑު ފަސް ފަހަރު ހާސިލުކޮށްފައިވާ ރޮނާލްޑޯ އަންނަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުންނެވެ.

ޕޯޗުގަލް އިން 26 ކުޅުންތެރިންގެ ސްކޮޑެއް އިއުލާންކުރިއިރު، ރަމްޒީކޮށް ބުނެފައިވަނީ ސްކޮޑުގެ އަދަދަކީ 27+1 ކަމަށެެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހު ކާރު އެކްސިޑެންޓެއްގައި މަރުވި ލިވަޕޫލްގެ ފޯވާޑް، ޑިއޯގޯ ޖޮޓާގެ ނަން ލިސްޓުގައި ހިމަނައިގެންނެވެ. 

48 ޓީމު ވާދަކުރާ މި ފަހަރުގެ ވޯލްޑް ކަޕުގައި ޕޯޗުގަލް ހިމެނެނީ ގްރޫޕް ކޭގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ކޮންގޯ، އުޒްބެކިސްތާން އަދި ކޮލަމްބިއާއެވެ.

ޕޯޗުގަލްގެ ވޯލްޑް ކަޕް ސްކޮޑު:

  • ގޯލްކީޕަރުން: ޑިއޯގޯ ކޮސްޓާ، ހޯސޭ ސަރ، ރޫއީ ސިލްވާ، ރިކާޑޯ ވެލްހޯ
  • ޑިފެންޑަރުން: ޑިއޯގޯ ޑަލޯ، މަތިއަސް ނޫނެސް، ރުބެން ޑިއާޒް، ނެލްސަން ސެމޭޑޯ، ޖޮއާއޯ ކެންސެލޯ، ނޫނޯ މެންޑޭސް، ގޮންކާލޯ އިނާސިއޯ، ރެނާޓޯ ވެއިގާ، ތޮމާސް އަރައުހޯ
  • މިޑްފީލްޑަރުން: ރުބެން ނެވޭސް، ސާމޫ ކޮސްޓާ، ޖޮއާއޯ ނެވޭސް، ވިޓީނިއާ، ބްރޫނޯ ފެނާންޑޭސް، ބާނާޑޯ ސިލްވާ
  • ފޯވާޑުން: ކްރިސްޓިއާނޯ ރޮނާލްޑޯ، ޖޮއާއޯ ފެލިކްސް، ފްރަންސިސްކޯ ޓްރިންކާއޯ، ފްރަންސިސްކޯ ކޮންސެސާއޯ، ޕެޑްރޯ ނެޓޯ، ރަފައެލް ލެއާއޯ، ގޮންކާލޯ ގުއެޑެސް، ގޮންކާލޯ ރާމޯސް
ކިޔުންތެރިންގެ ހިޔާލު