ENGLISH

19 މޭ 2026

Advertisement

ހުރިހާ އަތޮޅަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ، އިތުރަށް ހިދުމަތް ފުރިހަމަކުރާނެ: ވަޒީރު ޝިޔާމު

19 މޭ 2026

|

ޝިފްޒާން އަޙްމަދު

ރައީސް އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ހުރިހާ އަތޮޅަކުން އެސްޓީއޯއިން ތެޔޮ ވިއްކާ އެންމެ ހެޔޮ އަގުގައި މިހާރު މަސްވެރިންނަށް ތެޔޮ ލިބެމުންދާނެ ކަމުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. 

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތައް އެކުލަވައިލާ ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކުލަވައިލެއްވި ވަޒީރުންގެ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމު ވިދާޅުވީ އެސްޓީއޯގެ ރޭޓުގައި ހުރިހާ އަތޮޅަކުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސް ޑރ.މުޢިއްޒުގެ ވަރަށް މުހިއްމު ވައުދުފުޅެއް ކަމަށެވެ. 

އިތުރަށް ވަޒީރު ވިދާޅުވީ އަތޮޅުތަކުން އެސްޓީއޯގެ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހުމުން އެންމެ ބޮޑަށް ފައިދާވަނީ މަސްވެރިންނަށް ކަމަށާއި، މިހާރު ހުރިހާ އަތޮޅެއްގަައިހެން އެފްއެސްއެމްގެ ޝެޑުތައް ގާއިމުކުރެވި، ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. 

ޝިޔާމު ވިދާޅުވި ގޮތުގައި މި ވިއުގަ ގާއިމުކުރެވި އެސްޓީއޯ ރޭޓުގައި ހުރިހާ އަތޮޅަކުން ތެޔޮ ލިބޭނެކަން ކަށަވަަރުކުރެވުނުއިރު، ލޮޖިސްޓިކްސްގެ ކަންކަން އެންމެ ފުރިހަމައަށް ހަމަނުޖެހޭތީ ބައެއް ފަހަރު ތެޔޮ ލިބުން ލަސްވުމުގެ މައްސަލަ މެދުވެރިވެއެވެ. ނަމަވެސް އެ މައްސަލަ ހައްލުކޮށް ތެޔޮ އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އެސްޓީއޯއިން ވަރަށް ބާރަށް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

"މިހުރިހާ އަތޮޅަކުންވެސް މިހާރު ގާތްގަނޑަކަށް އެބަ ތެޔޮ ލިބޭ. ތެޔޮ ލިބޭއިރުގައި އެސްޓީއޯއަށްވެސް އެބަހުރި ގޮންޖެހުންތަކެއް ޓައިމްލީ މި ޝެޑުތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި. މި ނެޓްވޯކު ގާއިމުކުރެވުނުއިރު ލޮޖިސްޓިކަލީ ހުރި ޗެލެންޖުތަކަށް މުޅިން އަދި އެޑްްރެސްނުކުރެވޭ. އެހެންނަމަވެސް މަސްވެރިންނަށް އުދަގޫނުވާނެ މިންވަރަށް އެކަންތައްތަކަށް އަހަންމިއްޔަތުކަން ދީގެން ފޯރުކޮށްދެވޭ،" ޝިޔާމު ވިދާޅުވިއެވެ. 

އިތުރަށް ޝިޔާމު ފާހަގަކުރެއްވީ ތެޔޮ ވިއްކާއިރު ސަބްސިޑީއާއެކު ހެޔޮ އަގުގައި ތެޔޮ މަސްވެރިންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމެވެ. އަދި އެކަމުގެ ސަބަބުން މަސްވެރިންނަށް މަހަށް ފުރައި މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ފާހަގަކުރައްވައި ޝިޔާމު ވިދާޅުވީ ތެޔޮ އެކަށީގެންވާ ވަގުތުގައި ފޯރުކޮށްދިނުމުގައި ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް އެސްޓީއޯއިން މިހާރުވެސް މަަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. 

ރާއްޖޭގެ ހުރިހާ އަތޮޅެއްގަައި އެފްއެސްއެމްގެ ތެޔޮ ޝެޑުތައް ގާއިމުކުރުމުގެ ބޮޑު މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިފުތިތާހުކޮށްދެއްވީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުގައި މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައެވެ. އޭގެ ފަހުން ކުރެވުނު މަސައްކަތްތަކުން މިހާރު ގާތްގަނޑަކަށް ހުރހާ އަތޮޅެއްގައި ޝެޑު ގާއިމުކުރެވިފައިވެއެވެ. 

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ސަބްސިޑައިޒްކުރުމަށް ސަރުކާރުން ނިންމި ފަހުން ތެޔޮ ޝެޑުތަކުން 1،832 އުޅަނދަކަށް، 2.5 މިލިއަން ލީޓަރުގެ ތެޔޮ އެ ލުއީގެ ދަށުން ދޫކުރެވިފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު