ENGLISH

19 މޭ 2026

Advertisement

މަސްވެރިކަމާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ކުޑަކުރަން ސަރުކާރުން ދަނީ އެހީވަމުން

19 މޭ 2026

|

ޝިފްޒާން އަޙްމަދު

ވަަޒީރު އަޙްމަދު ޝިޔާމު

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމައި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. 

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތައް އެކުލަވައިލާ ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކުލަވައިލެއްވި ވަޒީރުންގެ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ދައުލަތުގެ މަސް ކުންފުނި މިފްކޯއަށާއި އެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށްވެސް ހަނގުރާމައިގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ. 

އަދި ސަރުކާރުން އަންނަނީ އެ ގޮންޖެހުންތައް ކުޑަކޮށްދިނުމުގެ ގޮތުން އެ ވިޔަފާރިތަކަށް ފޯރުކޮށްދެވެން އޮތް އެހީތެރިކަމަކީ ކޮބައިތޯ ބަލައި އެ އެހީތެރިކަން ފޯރުކޮށްދެމުންކަން ފާހަގަކުރައްވައި، ހުޅުމާލޭގައި މަސް ޕްރޮސެސްކުރާ ތަންތަަން ހިންގާ ކުންފުނިތަކަށް ހިންގުމުގެ ހަރަދު ކުޑަކުރެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

އިތުރަށް ވަޒީރު ވިދާޅުވީ ރަށްރަށުގައިވެސް ބައެއް ކުންފުނިތަކުން ޕްރޮސެސްކުރާ ތަންތަން ހިންގަމުންދާ ކަމަށާއި، އެތަންތަނަށްވެސް ހަމަޖައްސައިދެވޭނެ ލުއިތައް ފަހިކޮށްދިނުމަށް ކައުންސިލުތަކާއެކު މަޝްވަރާކޮށްގެން ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ. 

އޭގެ އިތުރަށް ވަޒީރު ވިދާޅުވީ މަސް ބޭރުކުރާ ކުންފުނިތަކަށް މަސް ބޭރުކުރުމުގައި ފްރައިޓުގެ އަގު ބޮޑުވުމުގެ ސަބަބުން ކުރިމަތިވެފައި ހުރި ދަތިތަކާއި، ލޮޖިސްޓިކްސް ހަރަދުތައް ބޮޑުވުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަމުންދާކަމަށެވެ. 

"ޕްރޮސެސިން ކުންފުނިތަކުން ލޮޖިސްޓިކްސްއަށް ކުރާ ހޭދައެއީ އެތެރޭގެ ދަތުރުފަތުރަށާއި އެކްސްޕޯޓަށް ކުރާ ހޭދަ ބޮޑުވެގެންދިޔަ ދިއުން ކުޑަކުރުމަށްޓަކައި، އޮޕަރޭޝަންގެ ހަރަދުތައް ކުޑަކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ޕްރޮސެސިން ކުންފުނިތަކުން އެދަނީ ކުރަމުން،" ވަޒީރު ވިދާޅުވިއެވެ. 

މަސްވެރިކަމުގެ ކުންފުނިތަކުގެ އިތުރަށް ދަނޑުވެރިކަމުގެ ކުންފުނިތަކަށްވެސް ތެޔޮ އަގުބޮޑުވުމުގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެކަމުގެ ސަބަބުން އެ ކުންފުނިތަކުން ބާޒާރަށް ނެރޭ ތަކެތީގެ އަގު އުފުލުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެ ކުންފުނިތަކަށްވެސް އޮޕަރޭޝަންގެ ހަރަދުތައް ކުޑަކުރުމުގައި ސަރުކާރުން އެހީތެރިކަން ދެމުންދާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު